ށ.އަތޮޅުގައި ދަނޑުވެރިކަން ކުރަމުން އަންނަ ގޮއިދޫއިން ރޯދަމަހުގެ ފުރަތަމަ ހަތަރު ދުވަހު 30 ޓަނު ކަރާ ބޭރުކޮށްފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. އެރަށު ކައުންސިލުން ނަގާފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކަރާގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ބަޓާނާ އެވެ.
ފުޅާދާއިރާއެއްގައި އަބަދުވެސް ދަނޑުވެރިކަން ކުރާ ގޮއިދޫގެ ރައްޔިތުން އެހެން އަހަރުތަކާ އެއްގޮތައް މިއަހަރުގެ ރޯދައަށްވެސް ކަރާ ބާޒާރަށް ނެރުމަށް ތައްޔާރުވިއެވެ. އެގޮތުން ރޯދަމަހުގެ ފުރަތަމަ ހަތަރު ދުވަހު 30 ޓަނުކަރާ ބޭރުކޮށްފައިވާކަމަށް ދަނޑުވެރިންނާ ހަވާލާދީ އެރަށު ކައުންސިލުން ވިދާޅުވެއެވެ. އެރަށު ކައުންސިލްގެ ރައީސް އިބްރާޙިމް ޝާހިދު ވިދާޅުވީ ދަނޑުވެރިކަން ކުރަންފެށި ދިގު މާޒީގައިވެސް މިއަހަރަކީ ދަނޑުތަކުން އެންމެ ގިނައަދަދަކަށް ކަރާ ހެއްދުނު އަހަރުކަމަށާ، އުންމީދަކީ މިއަހަރުގެ ރޯދަމަހު ދަނޑުވެރިންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށެވެ.
ގޮއިދޫން ދަނޑުވެރިކަން ކުރުމަށް 300 ވަރަކަށް ދަނޑު ވަނީ ދޫކޮށްފައެވެ. އެއީ 10000 އަކަފޫޓާ 20000 އަކަފޫޓާ ދެމެދުގައި ދޫކޮށްފައި އޮތް 40 ކުލީ ދަނޑާއި އާންމު އެހެނިހެން ބާވަތްތައް ހެއްދުމަށް ނުވަތަ އަސާސީ ދަނޑުތަކުގެ ގޮތުގައި ދޫކޮށްފައިވާ 250 ދަނޑެވެ. ގޮއިދޫން ދަނޑުބިން ދޫކުރުމުގައި މުޅިން ތަފާތު ކަމެއް ވަނީ ފަށާފައެވެ. އެއީ ކޮންމެ ދެމަފިރިއަކަށް 3000 އަކަފޫޓްގެ ދަނޑެއް ދޫކުރުމެވެ. މި ދަނޑުތަކަކީ އެއްވެސް ކުއްޔެއް ނުނަގާ އާންމު އަސާސީ ބާވަތްތައް ހެއްދުމަށް ދޫކުރާ ދަނޑުތަކެކެވެ. މި ދަނޑުތަކުގައިވެސް ކަރާ އިންދައިގެން މިއަހަރުގެ ރޯދައަށް ވަނީ ކަރާ ބާޒާރަށް ނެރެފައެވެ.
ދަނޑުވެރިކަމުގައި ނުހަނު ބޮޑެތި ގިނަ ގޮންޖެހުންތަކެއް މިހާރު ކުރިމަތިވަމުންދާ ކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެންމެ ބޮޑު އެއްގޮންޖެހުމަކީ ދަނޑުވެރިން އުފައްދާ ބާވަތްތައް މާކެޓް ކުރެވޭނެ ރަނގަޅު ގޮތެއް ނެތުމެވެ. ގޮއިދޫގެ ދަނޑުތަކުގައި އުފައްދާ ބާވްތަތައް އާންމުކޮށް ބޭރު ކުރަނީ ށ. އަތޮޅަށާއި އުތުރުން އެންމެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުފުއްޓަށެވެ. މަދުންނަމަވެސް މާލެ މިއަހަރު ކަރާ ގެންދިޔަ ކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މިހާތަނަށް ބޭރުކުރި 30 ޓަނުގެ ކަރާ ބޭރުކޮށްފައިވަނީ ށ.އަތޮޅަށާއި، ހދ، ހއ މި ތިން އަތޮޅުގެ އިތުރުން ރ.އަތޮޅަށެވެ. މާކެޓް ކުރުމުގައި ހުރި ގޮންޖެހުންތަކާ އެކު އެތައް ޓަނެއްގެ ކަރާ ހަލާކުވަމުން ދާކަމަށާ، އެކަރާތައް ނުއަގުގައި ވިއްކަންޖެހުމަކީ ރަށުގެ ދަނޑުވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ށ.ގޮއިދޫ ދަނޑުވެރިން މިހާރު ކަރާ ވިއްކަނީ 15 ރުފިޔާ އާއި 18 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. މިއަހަރުގެ ރޯދަމަހުގެ މެދެއްހާ ހިސާބަށް ދާއިރު، ދަނޑުތަކުން ކަރާ ހުސްވާނެކަމަށް ބެލެވެއެވެ. އެއީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ކުރީކޮޅު ގިނައަދަދެއްގެ ކަރާ ބާޒާރަށް ނެރެވުމާ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ސާމާނު ލިބުން ލަސްވުމުން ބައެއް ދަނޑުތައް ނުހެއްދުމުންނެވެ.
އާބާދީގައި 700 ހާމީހުން ދިރިއުޅޭ ށ.ގޮއިދޫން ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ނުލިބުމަކީ ދަނޑުވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަށްވާއިރު، އެކަމަށް ހައްލު ހޯދައިދިނުމަށް ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުނެވެ. އެރަށުގައި މިހާރު ދަނޑުވެރިކަން ކުރަނީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާ އެޙީތެރިކަމާއެކުގައެވެ. ދަނޑުބިންތަކުގައި ހަރަކާތްތެރިވަނީ ދިވެހިންނެވެ. އެރަށުގެ ރައްޔިތުންނެވެ. ވަކިން ޚާއްސަކޮށް އެރަށުގެ ކަނބަލުންނެވެ. މި މީހުންނަށް ދިމާވާ ދަތިތައް ހައްލުކޮށް ދަނޑުވެރިކަން ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް މިއަހަރު ތެރޭގައި މަސައްކަތް ފަށާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.