ދެހާސް ފަންސަވީސް ވަނަ އަހަރު ޞިހްޔޫނީންގެ ޔަހޫދީ ދައުލަތުގެ ކޮންމެ މީހެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ބޭރުކުރި ހަތިޔާރުގެ މިންވަރު އެމެރިކާއަށްވުރެ ހަ ގުނަ އަދި ރަޝިއާއަށްވުރެ 19 ގުނަ އިތުރު ކަން އައު ދިރާސާއަކުން ހާމަވެއްޖެއެވެ. ފަލަސްޠީނު ދަރިކޮޅުގެ ލިޔުންތެރިޔާ ސޫޒަން އަބޫ-އަލްހަވާ ކުރެއްވި މި ދިރާސާ ބިނާކޮށްފައި ވަނީ ސްޓޮކްހޯމް އިންޓަރނޭޝަނަލް ޕީސް ރީސަރޗް އިންސްޓިޓިއުޓްގެ (ސިޕްރީ) ތަފާސްހިސާބުތަކުގެ މައްޗަށެވެ. މުޅި ޖުމުލަ ހަތިޔާރު އެކްސްޕޯޓުން އެމެރިކާ ކުރީގައި އޮތް ނަމަވެސް، އާބާދީގެ ނިސްބަތުން މަންޒަރު މުޅިން ތަފާތު ކަމުގައި އަބޫ-އަލްހަވާގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. މިއިން ހާމަވަނީ އާބާދީއާ ނުބައްދަލު މިންވަރަކަށް ޔަހޫދީންގެ ހަތިޔާރުގެ ވިއްކުމުގެ ޞިނާޢަތް ފުޅާވެފައިވާ މިންވަރު ކަމުގައި އޭނާގެ ރިޕޯޓުގައި ވިދާޅުވެފައިވެއެވެ.
އަބޫ-އަލްހަވާގެ ދިރާސާއިން ހާމަވާ ގޮތުގައި، 2025 ވަނަ އަހަރު ޔަހޫދީ ދައުލަތުން ވަނީ، ކޮންމެ ރައްޔިތަކަށް 263 ޑޮލަރުގެ މަގުން ހަތިޔާރު އެކްސްޕޯޓު ނުވަތަ ބޭރު ޤައުމުތަކަށް ވިއްކާފައެވެ. މި ޢަދަދާ އަޅައިބަލާއިރު، އެމެރިކާއިން ހަތިޔާރު ވިއްކާފައި ވަނީ ކޮންމެ ރައްޔިތަކަށް 41 އެމެރިކާ ޑޮލަރުގެ މަގުންނެވެ. އަދި، ރަޝިއާއިން ވިއްކާފައި ވަނީ ބޮލަކަށް 14 ޑޮލަރުގެ މަގުންނެވެ. ޔަހޫދީ ދައުލަތުގައި ދިރިއުޅޭ ޔަހޫދީ އާބާދީއަށް އެކަނި ބަލާއިރު، މި ޢަދަދު ބޮލަކަށް 340 ޑޮލަރަށް އަރައެވެ. މިއީ، އެމެރިކާއަށްވުރެ އަށް ގުނަ އަދި ރަޝިއާއަށްވުރެ 25 ގުނަ ބޮޑު ޢަދަދެކެވެ. ދެހާސް ވިހި ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ހަތިޔާރު އެކްސްޕޯޓު ކުރި ޤައުމުތަކުގެ ލިސްޓުގައި ޔަހޫދީ ދައުލަތް އޮތީ ހަތްވަނައިގައެވެ. ނަމަވެސް، އެ ޤައުމުގެ ޔަހޫދީންގެ އާބާދީގެ ނިސްބަތުން ބަލާއިރު، މި ލިސްޓުގައި ދެވަނައަށް އޮތް ނޯވޭއަށްވުރެ 2.5 ގުނަ އަދި އެމެރިކާއަށްވުރެ ތިން ގުނަ އިތުރަށް ހަތިޔާރު އެކްސްޕޯޓު ކޮށްފައިވެއެވެ.
މިއީ، އެންމެ އަހަރެއްގެ ނަތީޖާ ނޫން ކަމުގައި އަބޫ-އަލްހަވާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ވޭތުވެދިޔަ 25 އަހަރުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު ވެސް، ބޮލަކަށް ޖެހޭ ނިސްބަތުން ހަތިޔާރު ވިއްކުމުގައި އެންމެ ކުރީގައި އޮތީ ޔަހޫދީންނެވެ. ނަވާރަ ސަތޭކަ ފަސްދޮޅަހުން ފެށިގެން 2025 އާ ދެމެދުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު، ޔަހޫދީ ދައުލަތުން ވަނީ އެ 65 އަހަރުގެ މުއްދަތުގެ ތެރޭގައި ބޮލަކަށް 56 ޑޮލަރުގެ ރޭޓުން ހަތިޔާރު ވިއްކާފައެވެ. ވާދަވެރި ޤައުމުތަކުގެ މައްޗަށް ޔަހޫދީން ހޯދާފައިވާ މި ކުރިއެރުން ފާހަގަކޮށް އަބޫ-އަލްހަވާގެ ރިޕޯޓުގައި ބުނެފައި ވަނީ، ފާއިތުވި ދަހަރެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީން ހަތިޔާރު އުފައްދާ، އަދި ވިއްކާފައިވާ މިންވަރު ވަރަށް ބޮޑަށް ފުޅާކޮށްފައިވާ ކަމުގައެވެ.
ސިޕްރީގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު، 2023 ވަނަ އަހަރު ޔަހޫދީ ދައުލަތުގެ ހަތިޔާރު ވިއްކުމުގެ ޞިނާޢަތު ހުރީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން %0.25 ގައެވެ. ނަމަވެސް، ޑްރޯނާއި ސައިބަރ އަދި ޖާސޫސީ އާލާތްތަކާއެކު ޔަހޫދީންގެ ދިފާޢީ އެއްބަސްވުންތަކުގެ އަގު 13 ބިލިޔަން ޑޮލަރަށް އަރައެވެ. މިއީ، ޤައުމީ އުފެއްދުންތެރިކަމުގެ %2.5 އެވެ. މި ނިސްބަތަށް ބަލައިލާއިރު، ޔަހޫދީންގެ ހަތިޔާރު އެކްސްޕޯޓު ކުރުމުގެ އިޤުތިޞާދު އެމެރިކާއަށްވުރެ 8.5 ގުނަ، އަދި ފަރަންސޭސިވިލާތަށްވުރެ ނުވަގުނަ ބޮޑު ކަމުގައި އަބޫ-އަލްހަވާގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. މި ފަދަ ބޮޑު މަންފާއެއް ހަތިޔާރުގެ ވިޔަފާރިން ހޯދާ އެހެން ޤައުމެއް ނެތް ކަމުގައި ވެސް އަބޫ-އަލްހަވާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.