ވިޔަފާރި

4 މާޗު: އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އެއް ދުވަސް


މިދިޔަމަހު ރާއްޖެއަށް 170000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަމަހުގެ 4 ވަނަ ދުވަހުކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަމަހުގެ 4 ވަނަ ދުވަހު ރާއްޖެއަށް ވަނީ 7000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

މާރޗްމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 173،514 އެވެ. މިއީ 2022 ވަނަ އަހަރުގެ މާރޗް މަހާއި އަޅާބަލާއިރު %15.1 އިތުރު އަދަދެކެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާރޗްމަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް 5597 ފަތުރުވެރިން އައިސްފައިވެއެވެ. އަދި އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހަކީ މާރޗް މަހުގެ 4 ވަނަ ދުވަހެވެ. އެދުވަހު 7384 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޖެނުއަރީމަހަށް ބަލާއިރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އެމަހުގެ 22 ވަނަ ދުވަހުއެވެ. އެއީ 7010 ފަތުރުވެރިންނެވެ. އަދި ފެބްރުއަރީމަހު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ 11 ވަނަ ދުވަހުއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އެދުވަހު ރާއްޖެއަށް 8029 ފަތުރުވެރިން ވަނީ އައިސްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 523928 ނުވަތަ ބައި މިލިއަނަށްވުރެ ގިނަ ފަތުވެރިން ވަނީ އައިސްފައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ޤައުމުގެ ތެރޭގައި ހިމެނެނީ ރަޝިއާ، އިންޑިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީއެވެ. މި ޤައުމުތަކުން ރާއްޖެއަށް އައި ފަތުރުވެރިން އަދަދުތަކަށް ބަލާއިރު:

* ރަޝިއާ - 20،313 ފަތުރުވެރިން
* އިންޑިއާ - 18،099 ފަތުރުވެރިން
* އިނގިރޭސިވިލާތް - 17،261 ފަތުރުވެރިން
* ޖަރުމަނުވިލާތް - 14،309 ފަތުރުވެރިން
* އިޓަލީ - 13،816 ފަތުރުވެރިން

މި 5 ޤައުމުގެ އިތުރުން ދެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަނީ އެމެރިކާ، ޗައިނާ، ފްރާންސް، ސްވިޒަލޭންޑް އަދި ޗެކް ރިޕަބްލިކުންނެވެ.

ސަރުކާރުން މިއަހަރު މަސައްކަތްކުރަމުންދަނީ 1.9 ފަތުުވެރިން ގެނައުމުގެ އަމާޒަކަށެވެ. އަދި ފަތުރުވެރިން އަންނަމުންދާ ރޭޓަށް ބަލާއިރު އެ އަމާޒު ހާސިކުރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.