ޚަބަރު

ކޮންމެ ދުވަހަކީވެސް ދިވެހި ބަހުގެ ދުވަހެއް، އިސްކަން ދޭންވީ ދިވެހިބަހަށް


ދުނިޔޭގެ ނިސްބަތުން މިގައުމަކީ ކުޑަ ޤައުމަކަށް ވިޔަސް އަމިއްލަ ބަހެއް އެބައޮތެވެ. ގައުމު ކިތަންމެ ކުޑަޔަސް ފަޚުރުވެރިކަމާއެކު އެހެން ބުނެލުމުގެ ފުރުސަތު ދިވެއްސަކަަށް ވީތީ އެބައޮތެވެ. އެހެންނަމަވެސް އެބަހުގެ ހަމަތަކާ އުސޫލުތަކާ އެއްގޮތައް މިޒަމާނުގައި ވާހަކަ ދައްކާލަން އިނގެނީ ކިތައް ކުޑަކުދިންނަށް ތޯ މިއީ މިހާރު އުފެދޭ ސުވާލެކެވެ.

މިއަދަކީ ދިވެހި ބަހުގެ ދުވަހެވެ. ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ކަނޑައަޅާ ޤައުމީ ފެންވަރެއްގައި މިދުވަސް ފާހަގަކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. މިދުވަސް ފާހަގަކުރެވެނީ ދިވެހި ބަހާއި، އަދަބިއްޔާތާއި، ތާރީޚާއި ސަގާފަތުގެ އެންމެމޮޅު އިލްމުވެރިންގެ ތެރެއިން ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން އުފަންވެވަޑައިގެންނެވި ދުވަސްކަމުގައިވާ، 14 އެޕްރީލް 1881 އަށް ނިސްބަތްކޮށެވެ. މިއަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިއާރަކީ "ދިވެހިބަހަށް ލޯތްބާއި އިސްކަން ދެމާ" މިޝިއާރެވެ.

އަރަބި ބަހާ އުރުދޫބަހުން އުފެދިގެން ސާންސްކްރިތު ބަހުން އައި ދިވެހި ބަހަކީ ވާހަކަ ދެއްކުމަށާ ލިޔުމަށާ، ކިޔުމަށް އަދި ބުނެދިނުމުގެ ހަމަތަކެއް ހިމެނޭގޮތައް އޮތް ބަހެކެވެ. އެހެންނަމަވެސް ބަސް ބޭނުން ކުރުމުގައި ވިސްނާލުން މުހިންމު ކަންތައްތަކެއް ވެއެވެ. ދިވެހި ބަހުގެ ކަންކަން ދިރާސާ ކުރާ ފަރާތްތަކުގެ މިހާރުގެ އެންމެބޮޑު ކަންބޮޑުވުމަކީ ބަަސް އޭގެ އަސްލުމާނަ އޮޅޭގޮތަށް އިނގިރޭސިބަހާ މަސްހުނިކޮށްގެން ވާހަކަދެއްކުމެވެ.

2000 ވަނަ އަހަރު ބަސްބޭނުން ކުރާ މިންވަރަށް ބަލާ ޔުނެސްކޯއިން ހެދި ދިރާސާއިން ދިވެހި ބަސް ކަނޑައަޅާފައި އޮތީ 3 ވަނަ ދަރަޖައިގައެވެ. ނެތި ގޮސްދާނެ ކަމުގެ ބިރު ހީވާނީ 5 ވަނަ ދަރަޖައަށް ދިއުމުންނެވެ.

ރިވެތި އަދި ފެންވަރު ރަނގަޅު އަދަބިއްޔާތެއް އޮތް ދިވެހިބަހަކީ ދުނިޔޭގެ އެހެން ގަމުތަކުގެ ބަސްތަކަށްވުރެ މާފުރިހަމަކަމެއް ލިބިފައިވާ ބަހެކޭ ބުނެވޭ ސަބަބުތައް ވަރަށް ބައިވަރެވެ. ބަހުން ދިރިއުޅުމާ ސަގާފަތް ދައްކުވައިދޭނެއެވެ. ސަގާފީ ހެދުމުން ދަރިން ޒީނަތް ކުރާހެން ދިވެހި ބަހުން ދަރިން މުއްސަނދި ކުދިންތަކަކަށް ހެދުމަށް މަސައްކަތް ކުރުމަކީ ވެސް މިއަދު ބެލެނިވެރިންނާއި މުދައްރިސުންނަށްވެސް ކުރެވިދާނެކަމެކެވެ.

ދިވެހި ބަސް ދިރުވާ އަލާކުރުމަކީ މުހިންމު ކަމެއްކަމަށް ދެކެންވީ ހަމައެކަނި އެބަހުގެ މުހިންމުކަމުގައި ފާހަގަކުރާ ދުވަސްތަކުގައި އެކަންޏެއް ނޫނެވެ. އެއީ ދިވެއްސަކަށް ވިތީ ކޮންމެ ދުވަހަކުވެސް ކުރަން ޖެހޭނެކަމެކެވެ. ދިވެހި ބަހުގައި ހުރި ޚާއްސަ ސިފަތައް ފާހަގަކޮށް، ބަހާ މެދު ފަރުދުންގެ ހިތްތަކުގައި ލޯބި ޖައްސުވައި ބަސް ކުރިއަރުވައި، ބަސް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކާ ހަމަޔަށް ފޯރުކޮށްދިނުމަށް ބާރު އެޅުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއަކަށް ހެދުމަކީ ބަސް އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ.

މާދަރީ ބަހަކީ ބަހަވީ އިލްމުގެ ފަންނީ ބަހުރުވައިން އެންމެ ސީދާސާދާކޮށް ބުނާނަމަ އެއީ ކުއްޖަކު އެ މާހައުލެއްގައި އުފަން ވެ ބޮޑު ވެގެން އަންނަ މާހައުލުން، އޭނާގެ ފުރަތަމަ ބަހެއްގެ ގޮތުގައި ލިބިގަންނަ ބަސްކަމަށް ވިޔަސް އެކުދިންގެ ބަހަކީ ކޮބާކަމާމެދު ސުވާލު އުފެދޭ ހިސާބަށް ބަސްބޭނުންކޮށްގެން ވާހަކަދެއްކުމުގެ ކަންކަން މިވަނީ ގޮސްފައެވެ. މީ މިފަދަ ދުވަހެއްގައި ވިސްނާލުން މުހިންމުކަމެކެވެ. ގައުމު ކުޑަޔަސް އަމިއްލަ ބަހެއް އޮތުމަކީ ގައުމުގެ އަމިއްލަ ޝަޚްސިއްޔަތު ދައްކުވަދޭކަމެކެވެ. ބަހަކީ ގައުމެއްގެ އެންމެ ވަރުގަދަ އެއްއަސާސެވެ. އަދި ޤައުމުގެ އެންމެ އަގުހުރި ތަރިކައެކެވެ. ގައުމީވަންތަކަމުގެ އެންމެ ވަރުގަދަ އެއް ބިންގާވެސްމެއެވެ.

"އަސަރަކާ އަދި ފޮނިކަމެއް އެކިބަސްބަހުން ހަމަ ފެނުނަކަސް އަސަރުގަދަ އަދި ފޮނިބަހަކީ މަށަށް މިދިވެހިބަހޭ".