ޚަބަރު

އޮތެންޓިކް މޯލްޑިވްސް: 3 އަހަރުތެރޭ ސަޕްލަޔަރުންނަށް 42 މިލިޔަން ރުފިޔާ


ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީ.ސީ.ސީގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައަކީ ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމަށް އެ ކުންފުނިން ހިންގާ ފިހާރައެކެވެ. އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބީ.ސީ.ސީން ހުޅުވި އޮތެންޓިކް މޯލްޑިވްސް ފިހާރަތަކާއެކު މީގެކުރިން އުފެއްދުންތައް މާކެޓް ނުކުރެވި ތިބި ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތު ފަހިވެގެން ދިޔައެވެ. އަދި މިހާތަނަށް އެ ފިހާރަ މެދުވެރިކޮށް ސަޕްލަޔަރުންނަށް 40 މިލިއަން ރުފިޔާގެ އާމްްދަނީއެއް ވަނީ ހޯދައިދީފައެވެ.

އޮތެންޓިކް މޯލްޑިވްސްއަށް 3 އަހަރުވީއިރު މި ބްރޭންޑްގެ ދަށުން 4 ފިރާހައެއް މިހާރު އަންނަނީ ހިންގަމުންނެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީ ފްރީގައި ހުންނަ ފިހާރައާއި، ހުޅުމާލޭ ސެންޓްރޯ މޯލްއާއި، މާލެއާއި ކުޑަވިނލިގިލީގެ އިތުރުން ދާދި ފަހުން އެ ކުންފުނިން ކްރޮސްރޯޑްގައި ހުޅުވި ފިހާރައެވެ. އަދި އޮތެންޓިކް މޯލްޑިވްސްގައި ހުންނަ ދިވެހި އުފެއްދުންތައް ޖަޕާނުގެ އެކްސްޓަރނަލް ޓްރޭޑް އޯގަނައިޒޭޝަން، ޖެޓްރޯއާއި ގުޅިގެން ވިއްކުމުގެ މަސައްކަތް ނިމިދިޔަ އަހަރުތެރޭގައި ވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އޮތެންޓިކް މޯލްޑިވްސް ޑިރެކްޓަރ މުޙައްމަދު ޖައުޝަން ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސް ފުރަތަމަ ފަށައިގަތީ 50 ސަޕްލަޔަރުންނާ އެކުގައިކަމަށެވެ. އެހެންނަމަވެސް ވޭތުވެ ދިޔަ 3 އަހަރުތެރޭގައި 220 އަށްވުރެ ގިނަ ވިޔަފާރިވެރިން އޮތެންޓިކްގެ ފިހާރަތަކުގައި ތަކެތި ވިއްކަމުންދާކަމަށް ޖައުޝަން ވިދާޅުވިއެވެ. އަދި އެ ވިޔަފާރިތަކުން ގާތްގަނޑަކަށް 2500އަށްވުރެ ގިނަ ދިވެހި އުފެއްދުންތައް ނެރެފައިވާކަމަށް ޖައުޝަން ފާހަގަކުރެއްވިއެވެ.

ޖައުޝަން ވިދާޅުވީ، 3 އަހަރުގެ ތެރޭގައި އޮތެންޓިކް މޯލްޑިވްސްއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އުފެއްދި ތަކެތި ވިއްކައިގެން 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަޕްލަޔަރުންނަށް ދޫކޮށްފައިވާކަމަށެވެ.

"ޖެނުއަރީ 2020 އިން ފެށިގެން ފެބްރުއަރީ 2023 ނިޔަލަށް އޮތެންޓިކް މޯލްޑިވްސް އިން ވަނީ 42 މިލިއަން ރުފިޔާ ސަޕްލަަރުންނަށް ފޯރުކޮށްދެވިފަ. އެއީ ތަކެތި ވިއްކައިގެން ލިބުނު އާމްދަނީ ސަޕްލަޔަރުންނަށް" އޮތެންޓިކް މޮލްޑިވްސްގެ ޑިރެކްޓަރ މުހައްމަދު ޖައުޝަން ވިދާޅުވިއެވެ.

އޮތެންޓިކް މޯލްޑިވްސްއިން 2020 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް 42 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ

  • 2020 - 71 ސަޕްލަޔަރުން 4.3 މިލިޔަން ރުފިޔާ
  • 2021 - 121 ސަޕްލަޔަރުން 14.5 މިލިޔަން ރުފިޔާ
  • 2022 - 197 ސަަޕްލަޔަރުން 19.06 މިލިޔަން ރުފިޔާ

އަދި މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 220 ސަޕްލަޔަރުން އޯތެންޓިކް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވާއިރު، ފެބްރުއަރީމަހުގެ ނިޔަލަށް ވަނީ 4.1 މިލިޔަން ރުފިޔާ ސަޕްލަޔަރުންނަށް ފޯރުކޮށްދީފައެވެ.

އެ ކޯޕަރޭޝަނުން ބުނަނީ ބައެއް ރިސޯޓްތަކުގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ނެތްނަމަވެސް އެ ރިސޯޓްތަކުގެ ފިހާރަތަކުގައި ވިޔަފާރިވެރިންގެ ތަކެތި ވިއްކަންމުން ގެންދާކަމަށެވެވެ. ނަމަވެސް އޮތެންޓިކް މޮލްޑިވްސްގެ މާކެޓްއަކީ ބޮޑަށް ޓުއަރިސްޓުންނަށް ހާއްސަ ކުރެވިފައިވާ މާކެޓަކަށް ވާތީ، ދިމާވެދާނެ މައްސަލައަކުން ރައްކާތެރިވެ ތިބުމަށް ކާބޯތަކެތީގައި ވަކި ހުއްދަތަކެއް ބެހެއްޓުމަށް އެކޯޕަރޭޝަނުން ލާޒިމްކުރެެވެ.

"ކާބޯތަކެތީގެ ވެއްޖެއްޔާ އެފްޑީއޭ އެޕްރޫވަލް އެ ޕްރޮޑަކްޓެއްގެ ޝެލްލައިފް ހުންނަ ޕްރޮޑަކަޓަކަށް ވާންޖެހޭ. އަދި ރީތިވާން ބޭނުން ކުރާ ތަކެއްޗަކީ ޓެސްޓް ކޮށްފަ ހުންނަ ތަކެތި ކަމުގައިވެސް ވާންޖެހޭ ( މައިކްރޯ ބައިލޮޖީ ޓެސްޓް ނުވަތަ އައިއެސްއެސްއޯ ޓެސްޓް ކުރެވިފައި ހުންނަ ދިވެހި އުފެއްދުމެއް ކަމަށް ވާނަމަ ބަލައިގަންނާނެ ) " ކަމަށް އޮތެންޓިކް މޯލްޑިވްސްގެ ޑިރެކްޓަރ ވިދާޅުވިއެެވެ.

އޮތެންޓިކް މޯލްޑިވްސްއިން ދަނީ އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރި ފެށުމާއި، އެ ވިޔަފާރިތައް ކުރިއެރުވުމުގެ މަގުވެސް ފަހިކޮށްދެއްވަމުންނެވެ. އެގޮތުން ކުންފުނިން ދަނީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ކޮންސަލްޓެންސީ ދީގެން އެހީތެރިވެދިނުމުގެ މަސައްކަތް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިލޭ ފޯރުކޮށްދެމުންނެވެ. އެގޮތުން އަތޮޅުތަކުގެ އެކި 13 ސަރަހައްދެއްގައި ބީ.ސީ.ސީގެ ގޮފިތައް ހިންގަމުންދެއެވެ.

ރާއްޖޭގެ އުފެއްދުންތައް އިތުރު ޤައުމުތަކަށް ތައާރަފް ކުރުމަށް އޮތެންޓިކް މޯލްޑިވްސް އިން ކުރަމުންގެންދާ މަސައްކަތުގެ ތެރޭގައި 2021 ވަނަ އަހަރު ދުބައީގައި ބޭއްވުނު އެކްސްޕޯއެއްގައި، ދިވެހިންގެ އަމިއްލަ އުފެއްދުންތައް ބައިވެރިކޮށްފައިވެއެވެ. އަދި އޮންލައިންކޮށް އެ ކޯޕްރޭޝަނުން ވިއްކާ ތަކެތި ފޯރުކޮށްދިނުމަށް އޮތެންޓިކް މޯލްޑިވްސްގެ އޮންލައިން ވެބްސައިޓް މެދުވެރިކޮށްވަނީ އެފުރުސަތު ހުޅުވާ ލެވިފައެވެ. މީގެ އިތުރުން ނިމިދިޔަ އަހަރުގެ ޑިސެންބަރު މަހު ޖަޕާނުގެ ނަރީތާގެ ކަންސާއީ އެއަރޕޯޓްއިން، ދިވެހި އުފެއްދުންތަކުގެ ބައެއް ތަކެތި ވިއްކޭނެ މަގު ފަހިކޮށްދީފަޢިވެއެވެ.

އެ ކޯޕްރޭޝަން އިން މަސައްކަތް ކުރަމުންދަނީ ރާއްޖެގައި ހުރި އިތުރު އެއަރޕޯޓް ތަކުގައިވެސް އެ ކޯޕްރޭޝަންގެ ދަށުން ވިއްކާ ތަކެތީގެ އައުޓްލެޓްތައް ހުޅުވުމަށާއި އަދި ރާއްޖެއިން ބޭރުގެ އެކި މާކެޓް ތަކުގައިވެސް ރާއްޖޭގެ އުފެންދުންތައް ތައާރަފް ކުރުމަށެވެ.

އޮތެންޓިކް މޯލްޑިވްސްގެ ސަޕްލައިޔަރަކަށްވުމުގެ ފުރުސަތު ކޮންމެ ދިވެއްސަކަށްވެސް ވަނީ ހުޅުވާލެވިފައެވެ.