ސިޔާސީ

ޖުމްހޫރީ ޕާޓީން މަޝްވަރާތަކުގައި ބައިވެރިވާނީ ގާސިމް އަދި ރިޔާޒް


ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން ބާއްވަވަން ތައްޔާރުވެވަޑައިގަންނަވާ މަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވާނީ އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި ޕާލިމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރ ޢަބްދުﷲ ރިޔާޒު ކަމަށް އެޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން ބުނީ އެޕާޓީން މަޝްވަރާތަކުގައި ބައިވެރިވާނެ ފަރާތްތަކުގެ ނަންތައް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.

ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން ކުރިޔަށް ގެންދެވި މަޝްވަރާތައް އަލުން ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައި އެކަން އިއުލާންކުރެއްވީ މިމަހުގެ އެގާރަވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވަނީ މަޝްވަރާތައް ފެއްޓެވުމަށް ރައީސް ޔާމިން ނިންމެވީ ދިވެހި ރާއްޖެ ތަރައްޤީކުރެއްވުމަށާއި ޤައުމު ބިނާކުރެއްވުމަށް ކުރައްވާ މަސައްކަތް ހަލުވިކުރައްވައި، ރައްޔިތުންގެ އެއްބައިވަންތަކަށް އިތުރުކުރެއްވުމަށް ކަމަށެވެ.

ސަރުކާރުގެ ފަރާތުން އެންމެ އިސް މަންދޫބެއްގެ ގޮތުގައި މަޝްވަރާތަކަށް ކަނޑައަޅުއްވާފައިވާ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވުވެފައިވަނީ މަޝްވަރާގެ މޭޒުގައި ސަރުކާރުން އިށީންނަވަނީ އެއްވެސް ޝަރުތެއް އެޖެންޑާއެއް ނެތި އިޚްލާޞްތެރިކަމާ އެކުކަމަށެވެ. އަދި ކޮންމެ ގޮންޖެހުމަކާ އެކުވެސް މަޝްވަރާތައް ކުރިޔަށް ގެންދެވުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށްވެސް ޑރ. ޝައިނީ ވިދާޅުވިއެވެ. މަޝްވަރާތަކަށް ދެއްވި ދަޢުވަތު ސަރުކާރުން ހިންގާ ޕީޕީއެމްއާއި ކޯލިޝަން ބައިވެރިޔާ އެމްޑީއޭއިން ޤަބޫލްކޮށް ބައިވެރިވާނެ ފަރާތަކުގެ ނަންތައް ވަނީ ފޮނުވާފައެވެ.

އިދިކޮޅު އެމްޑީޕީއާއި އަދާލާތު ޕާޓީން ބުނަމުން އަންނަނީ އެ ދެޕާޓީން މަޝްވަރާތަކުގައި ބައިވެރިވާނީ ސިޔާސީ ކުށްވެރިން ދޫކޮށްލުމުންކަމަށެވެ. ޕާޓީތަކުގެ މަޝްވަރާތައް ސަރުކާރުން އަލުން ފެއްޓެވުމަށް ނިންމަވާފައިވަނީ އަންނަ ބުރާސްފަތިދުވަހުއެވެ.