ޚަބަރު

1500-2000 އަކަފޫޓުގެ 150 ގޯތި ތިނަދޫން ދޫކުރަނީ


ދިރިއުޅުމަށްޓަކައި ގެދޮރުއެޅުމަށާއި، ޢިމާރާތްކުރުމަށް ގދ.ތިނަދޫން 150 ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ. މިއީ ތިނަދޫ ލޭންޑް ޔޫސް ޕްލޭންގައި ގޯތީގެ ގޮތުގައި ކަނޑައަޅާފައިވާ ހުސްބިންތަކުން ދޫކުރާ ގޯތިތަކެއްކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވެއެވެ.

ތިނަދޫން ދޫކުރާ 150 ގޯއްޗަކީ 1500 އަކަފޫޓާ، 2000 އަކަފޫޓާ ދެމެދުގެ ގޯތިތަކެކެވެ. އެރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުގެ ތެރެއިން ބްލޮކް 9 ބްލޮކުން ގޯތި ދޫކުކުމަށް ހަމަޖެހިފައިވަނީ 5 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި ހިމެނެނީ ތިނަދޫ ރައްޔިތުންނަށާއި، ދަފްތަރު ހިމެނޭ މީހުންނަށް 70 ގޯއްޗާއި، ރަށުން ބޭރު ފަރާތްތަކަށް ދޫކުރާ 66 ގޯއްޗާއި، އެކަނިވެރި މައިންނަށާއި ބަފައިންނަށް ދޫކުރުމަށް ނިންމާފައިވާ 5 ގޯއްޗެވެ. އަދި ތިނަދޫގައި ވިޔަފާރި ކުރަމުންދާ ރަށުން ބޭރު ފަރާތްތަކަށް 3 ގޯއްޗާއި، ޕްރޮފެޝަނަލް ދާއިރާއިން ޚިދުމަތްދޭ ފަރާތްތަކަށް 6 ގޯތި ދިނުމަށް ނިންމާފައިވާކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލުން ވަނީ ގޯއްޗަށް އެދޭ ފޯމު އަންނަ މެއި މަހުގެ 18ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް ބަލައިގަތުމަށް ނިންމާފައެވެ.

އަދިގޯއްޗަށްއެދި ފޯމްހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ 1 ޖޫން ވާ ބުރާސްފަތި ދުވަހުގެ 13:00ކަމަށްވެސް ތިނަދޫ ކައުންސިލުން ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލުން ވިދާޅުވީ، ބިން ލިބުމަށްފަހު ދިރިއުޅެވޭ ފެންވަރަށް އެތަނެއް ތަރައްޤީކުރަންޖެހޭނެކަމަށެވެ. މީގެ ތެރޭގައި، ދިރިއުޅެވޭ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ކަމަށް ބެލެވޭނީ ދިރިއުޅުމަށް ބޭނުންވާ ބޯހިޔާވަހިކަން ހަމަޖެއްސުމަށްޓަކައި ނިދުމަށް ބޭނުންވާ ކޮޓަރި، ފާޚާނާ، ބަދިގެ، ރާނައި ހިޔާކޮށްފައި އަދި މަގުގެ އިންފާރު ރާނައި މަގާވީ ފަޅިން ސިމެންތިޖަހާ ކުލަލައި ގޭގެ ނަންބޯޑު ހަރުކޮށްފައި ހުރުމުން ކަމަށް ގޯއްޗާބެހޭ އުސޫލްގައި ބަޔާންކުރައްވާފައިވެއެވެ.

ތިނަދޫން އެންމެ ފަހުން ގޯތި ދޫކުރީ 2012 ވަނަ އަހަރުއެވެ. އެއަހަރު 161 ގޯތިވަނީ ދޫކޮށްފައެވެ.