ޚަބަރު

މާލެ ސަރަޙައްދުގެ %75 ގޭބީސީގެ ކަރަންޓު ބިލު މިމަހު ބޮޑުވާނެ: ސްޓެލްކޯ


މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއްކަމަށް ވުމާއެކު، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ، މާލެ ސަރަޙައްދުގެ %75 ގޭބީސީގެ ކަރަންޓު ބިލު، ކުރީ މަހަށްވުރެ ބޮޑުވާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް އެންމެ ހޫނުގަދަ ވަނީ ފެބްރުއަރީމަހުން ފެށިިގެން ޖޫންމަހާ ދެމެދުއެވެ.

މިދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެތީ، އެކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ސްޓެލްކޯއިން ބުނީ ކޮންމެ އަހަރެއްގައިވެސް މި ދުވަސްވަރަކީ އެހެން މަސްމަހާ ޚިލާފަށް ކަރަންޓު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ދުވަސްވަރެއްކަމަށެވެ. އަދި މިދުވަސްވަރު ކަރަނޓު ބިލު ބޮޑުވުމުގެ ޝަކުވާވެސް އެކުންފުންޏަށް ލިބޭކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ މި ހިނގާ އޭޕްރީލްމަހު މާލެ ސަރަޙައްދުގެ %75 ގޭބީސީތަކުގެ ކަރަންޓު ބިލު، އެހެން މަސްމަހަށްވުރެ ބޮޑުވާނެކަމަށެވެ. އެގޮތުން އެވްރެޖުކޮށް ގާތްގަނޑަކަށް 500 ރުފިޔާ ބޮޑުވާކަން ސްޓެލްކޯއިން ފާހަގަކުރިއެވެ.

ސްޓެލްކޯއިން ބުނީ ހޫނު މޫސުމާ ގުޅިގެން ރެކޯޑު ޢަދަދަކަށް މިދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އެކުންފުނިން ރައްޔިތުންނަށް ދެމުން އަންނަ ކަރަންޓްގެ ޚިދުމަތްތައް މެދުކެނޑުނަނުދިނުމަށް އިތުރަށް މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި މިކަން ކަށަވަރުކުރުމަށް ޚާއްޞަ ޓީމެއް އެކުލަވައިލައި، އެ ޓީމުގެ މަސައްކަތްތައް ފަށާފައިވާކަމަށް ވެސް އެކުންފުނިން ބުނެއެވެ.

މިދުވަސްވަރަކީ ހޫނު ދުވަސްވަރެއްގެ އިތުރުން ހޫނު މަޫސުމުގެ ބައެއް ދުވަސްތައް ރަމަޟާން މަހާ ދިމާވުމުންވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިކަމަށް ސްޓެލްކޯއިން ބުންޏެވެ. އެހެންކަމުން އެކުންފުނިން ވަނީ ކަރަންޓު އިޤްތިޞާދު ކުރުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ މޫސުމަށް ބަލާއިރު ޢާއްމުގޮތެއްގައި އޭޕްރީލް މަހަކީ ހޫނު ގަދަވާ ދުވަސްވަރެކެވެ. އެހެންނަމަވެސް ފާއިތުވެދިޔަ އަހަރުތަކަށްވުރެ މިމަހު ވަނީ ހޫނުވި މިންވަރު އިތުރުވެފައެވެ. މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހޫނު މޫސުން ބަދަލުވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިހާރު ލަފާކުރައްވާފައެވެ.

ރާއްޖޭގެ މޫސުމަށް ބަލާއިރު ޢާއްމުގޮތެއްގައި އޭޕްރީލް މަހަކީ ހޫނު ގަދަވާ ދުވަސްވަރެކެވެ. އެހެންނަމަވެސް ފާއިތުވެދިޔަ އަހަރުތަކަށްވުރެ މިމަހު ވަނީ ހޫނުވި މިންވަރު އިތުރުވެފައެވެ.

މިދުވަސްކޮޅު ހޫނު ގަދަވިނަމަވެސް ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހޫނު މޫސުން ބަދަލުވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިހާރު ލަފާކުރައްވާފައެވެ.