ވިޔަފާރި

ޓެކްސް އާމްދަނީއަށް 2 ބިލިއަން ރުފިޔާގެ ކުރިއެރުމެއް


މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޓެކްސް ޢާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޓެކްސް ޢާމްދަނީގެ ގޮތުގައި ލިބުނު އާމްދަނީއަށް ވަނީ 2 ބިލިއަން ރުފިޔާ އިތުރުވެފައެވެ.

މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީގެ ތަފާސް ހިސާބަށް ބަލާއިރު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީ އަދި ފަތުރުވެރިންގެ އަތުން ނަގާ ޓީޖީއެސްޓީ ވެސް ވަނީ އިތުރުވެފައެވެ.

ޓެކްސް އާމްދަނީ އިތުރުވެފައިވަނީ 1 ޖެނުއަރީން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ސަރުކާރުން ބަދަލުގެނެސްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޓޫރިޒަމް ދާއިރާގެ ޓެކްސް ނުވަތަ ޓީ.ޖީ.އެސް.ޓީ ރޭޓް %12 އިން %16 އަށް ވަނީ ބޮޑުވެފައެވެ. އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޓެކްސް ނުވަތަ ޖީ.އެސް.ޓީ ރޭޓް %6 އިން %8 އަށް ވަނީ ބަދަލުވެފައެވެ.

ދައުލަތުގެ ޚަރަދުތަކާއި ޢާމްދަނީގެ ތަފްސީލް ހާމަކުރުމަށް ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާގޮތުން އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.7 ބިލިއަން ރުފިޔާއެވެ. މީގެތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއެވެ. ޓެކުހުގެ ގޮތުގައި 7.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރު މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 5.8 ބިލިއަން ރުފިޔާއެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ޙިއްޞާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އެއީ 4.2 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އަދަދެއް ޙިއްޞާކުރަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްއެވެ. އެއީ 1.6 ބިލިއަން ރުފިޔާއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު އުޅުނީ 2 ބިލިއަނުގައެވެ.

އަހަރުގެ މިހާތަނަށް ދައުލަތުން އެކިއެކި ކަންކަމަށް 12.7 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 10.5 ބިލިއަން ރުފިޔާއެވެ.

ޚަރަދުގެ ގޮތުގައި އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. އެއީ 8.7 ބިލިއަން ރުފިޔާއެވެ. މީގެތެރޭގައި މުވައްޒަފުންނަށް މުސާރަ އާއި، އެލަވަންސްތަކާއި، ޕެންޝަނާއި، ރިޓަޔަރމަންޓް ބެނެޕިޓް ފަދަ ކަންކަން ހިމެނެއެވެ.

މި މުއްދަތުގައި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.9 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެތެރެއިން 2.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ އިންފްރާސްޓްރަކްޗަރގެ އެކިއެކި ކަންކަމަށެވެ. އޭގެތެރޭގައި މަގުތަކާއި، އެއަރޕޯޓްތަކާއި، ބަނދަރުތައް އިމާރާތްކުރުން ހިމެނެއެވެ.

ދައުލަަތަށް ލިބުނު އާމްދަނީއަށް ކުރިއެރުންތަކެއް ލިބިފައި މިވަނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. މިގޮތުން ޓެކްސް ރޭޓްތަކަށް މިއަހަރުން ފެށިިގެން ބަދަލުތަކެއް ވަނީ ގެންނަވައިފައެވެ. މި ބަދަލުތަކާއެކު ދައުލަތަށް ލިބޭ ޢާމްދަނީއަށް 3 ބިލިއަން ރުފިޔާގެ ކުރިއެރުމެއް މިއަހަރު ވެސް އަންނާނެކަމަށް ހިސާބުތަކުން ދައްކައެވެ.