ސަރުކާރުން ޢިއުލާންކުރައްވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލީ މީހުންގެ ފޯމްތައް އިވެލުއޭޓްކުރެއްވުމުގެ މަސައްކަތް ޖޫންމަހު ނިންމަވައިލައްވައި، ދައުރު ނިމުމުގެ ކުރިން ފްލެޓްތަކަށް މީހުންނަށް ވަދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ހާމަކުރެއްވި ފަދައިން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ފްލެޓާއި ގޯތިލިބޭ މީހުން ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި ސަރުކާރުން ޢިއުލާންކުރައްވާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ބޯހިޔާވަހިކަމަށް ޝަރުތުހަމަވާ މީހުންނާއި ނުވާ މީހުން ދެނެގަތުމުގެ މަސައްކަތްތައްކަމަށާއި، އެ މަސައްކަތްވެސް ނިމުމަކާއި ކައިރިވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޖޫން މަހުގެ ނިޔަލަށް އެމަސައްކަތް ނިންމުމަށް. އަޅުގަނޑު ހިތުން މިހާރު ވަނީ މަސައްކަތުގެ ބޮޑުބައެއް ނިމިފައި." ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށްގެންދަވާ ފްލެޓު މަޝްރޫޢާ ގުޅޭގޮތުން ނޫސްވެރިން ދެނނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލް ވިދާޅުވީ އޯގަސްޓްމަހާ ހިސާބަށްދާއިރު ބައެއް ޓަވަރުތަކުގެ ސްޓްރަކްޗަރގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށެވެ.
"ސްޓްރަކްޗަރގެ މަސައްކަތް ނިމި އަދި އެހާހިސާބަށް 8 ޓަވަރަކަށް މީހުންނަށް ވަދެވެވޭވަރު ވާނެ." މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުން ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ޢިއުލާންކުރައްވައިފައެވެ. އެ މަޝްރޫއުގެ ދަށުން 3000 ގޯއްޗާއި އެގޮތުން އިޢުލާންކުރައްވާފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 15000 އަށްވުރެ ގިނަ މީހުން އަދި ފްލެޓަށް އެދި 20000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ.
މި ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން 1000 ގޯތި، ގުޅީފަޅުން 2000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން 2000 ގޯތި ދެއްވަން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުމާލޭގައި 4000 ފްލެޓް ޔުނިޓްވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދަނީ ހިންގަމުންނެވެ.