ޚަބަރު

666830 ފަތުރުވެރިންނާއެކު 19.6 އިންސައްތައިގެ ކުރިއެރުމެއް!


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކަ 60 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 19.6 އިންސައްތަ އިތުރު އަދަދެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައިިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 5749 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 666830 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ރާއްޖެއިން މިއަހަރު ވަނީ 1.8 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެއް ކަނޑައަޅާފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ޖެނުއަރީމަހު 172499 ފަތުރުވެރިން، ފެބްރުއަރީމަހު 177915 ފަތުރުވެރިން، މާޗުމަހު 173514 ފަތުރުވެރިން އަދި މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް 142 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެވެރެޖްކޮށް ދުވާލަކު 5749 ފަތުރުވެރިން ޒިޔާރަތްކުރާއިރު، އެ މީހުން ރާއްޖޭގައި އެވްރެޖްކޮށް 7.9 ދުވަސް ހޭދަކުރެއެވެ.

މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 666830 ގައި އުޅޭއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 557445 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 19.6 އިންސައްތައިގެ އިތުރުވުމެކެވެ.

ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރި 5 ޤައުމަކީ އިންޑިއާ، ރަޝިޔާ، އިނގިރޭސިވިލާތް، ޖަރުމަންވިލާތް އަދި އިޓަލީއެވެ. މިއީ މިދިޔަ އަހަރުވެސް މި މުއްދަތުގެ ނިޔަލަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަތަކެވެ. ނަމަވެސް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ލިސްޓްގެ އެއްވަނައިގައި އޮތް އިންޑިއާ ފަހަތަށް ޖައްސާލުމަށްފަހު އެ މަޤާމުގައި އޮތީ ރަޝިޔާއެވެ.

ރާއްޖޭގައި މިވަގުތު 170 ރިސޯޓާއި، 13 ސިޓީ ހޮޓަލަކާއި 897 ގެސްޓް ހައުސް އަދި 153 ސަފާރީ ދަނީ އޮޕަރޭޓްކުރަމުންނެވެ. މިއީ ޖުމްލަ 60538 ޓުއަރިސްޓް އެނދުކަން ފާހަގަކޮށްލެވެއެވެ.

ފަތުުވެރިން ރާއްޖެ އަންނަ އަދަދު އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.