ވިޔަފާރި

މަހުން ނަގާ ޑިއުޓީއަށް ލުއިތަކެއް ހޯދަން ގިނަ މަސައްކަތްތަކެއް


ރާއްޖެއަކީ މީގެކުރިން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނިފައި އޮތް ޤައުމެއްކަމުން، އެފަދަ ޤައުމުތަކަށް ވިޔަފާރިއާއި އެހެނިގެން ދާއިރާތަކުން ލިބޭ އިނާޔަތާއި ލުއިތައް ރާއްޖެއަށްވެސް ދިޔައީ ލިބެމުންނެވެ. އެގޮތުން ރާއްޖެއިން ޔޫރަޕްގެ ޤައުމުތަކަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީއަށް އޮތީ ކަނޑަލާފައެވެ.

އެންމެ ކުޑަކޮށް ތަރައްޤީވަމުން އަންނަ ޤައުމަކުގެ ލިސްޓުން ރާއްޖެ އުނިވެ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އެރީ 2011 ވަނަ އަހަރުއެވެ. އެއާއެކު ރާއްޖެއިން ޑިއުޓީ ނުދައްކާ ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުން ވަނީ 22 އިންސައްތައާއި 24 އިންސައްތައިގެ ޑިއުޓީއެއް ނަގަން ފަށާފައެވެ. މިކަމުގެ ސަބަބުން ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ލިބެންޖެހޭ ހަމައަގު ނުލިބެ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އޮތީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމަށް ލިބެންޖެހޭ ފައިދާއާއި ކުރިއެރުން ނުލިބުމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް އެބަހުރިކަމަށާއި، އޭގެތެރޭގައި ތެލުގެ އަގު އުފުލުމަކީވެސް ދައްޗެއްކަމަށެވެ.

"ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. ތެލުގެ އަގު މައްޗަށް ދާ ދިއުމުގެ ސަބަބުން މަސްވެރިކަމަށް ކުރަންޖެހޭ ހަރަދުތައް އިތުރުވޭ. އެހެންވީމަ އެކްސްޕޯޓްކުރަންޖެހޭ ތަކެއްޗަށް ހޭދަކުރަންޖެހޭ ހޭދައިގެ މިންވަރު ބޮޑުވާނެ. މާކެޓްގެ ވާދަވެރިކަމުގައި ދިމާވާނެ ވަރަށް ބޮޑު ދައްޗަކަށްވާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖެއިން ބައެއް ޤައުމުތަކަށް އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީއަކީވެސް ހަމަ އަގު ހޯދުމަށް އޮތް ދައްޗެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ވާދަވެރި ފަރާތްތަކުން އެއްވެސް ޑިއުޓީއެއް ދައްކަންނުޖެހޭއިރު، ރާއްޖޭގެ އުފެއްދުންތަކުން ނަގާ ޑިއުޓީގެ ސަބަބުން ލިބެންޖެހޭ ރާއްޖޭގެ މަސްވެރިކަމަށް ލިބެންޖެހޭ ހަގީޤީ މަންފާއާއި ނަފާ ނުލިބޭކަމަށެވެ.

"2011 ވަނަ އަހަރު އެންމެ ކުޑަކޮށް ތަަރައްޤީވެފައި އޮތް ޤައުމަކުން، ތަރައްޤީވަމުންދާ ޤައުމަކަށްވި ހިސާބުން އަޅުގަނޑުމެން ޑިއުޓީ ދައްކަން ޖެހިއްޖެ ޔޫރަޕަށް މަސް އެކްސްޕޯޓްކުރާއިރު. މަހުގެ އެކި އުފެއްދުންތަކަށް 22 އިންސައްތައާއި 24 އިންސައްތައިގެ ޑިއުޓީ. އެހެންވީމަ ރާއްޖޭގެ މަސް އަގުބޮޑުވާނެ ޑިއުޓީ ނުދައްކާ ޔޫރަަޕަށް އެތެރެކުރާ ޤައުމުތަކުގެ މަހުގެ އަގަށްވުރެ" މަސްވެރިންނަށް ހަމަ އަގު ނުލިބޭ މައްސަލައާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވީ ޑިއުޓީ ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަމަށެވެ. އެގޮތުން ޔޫރަޕާއި، އަދި ވިލާތުގެ އިއްތިޙާދާއި، އެ އިއްތިހާދުން ވަކިވެފައިވާ އިނގިރޭސިވިލާތާއެކު މަޝްވަރާތަކެއް ކުރެވެމުންދާކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

"އޭސީޕީ އެފްރިކާ، ކެރީބިއަން، ޕެސިފިކް ޤައުމުތަކުގެ ފުލް މެމްބަރަކަށްވެފައި މިހާރު. މަސައްކަތް މިކުރަނީ އޭގެތެރޭގައި ހިމެނޭ އެފްރިކާ ގްރޫޕްގެ މެމްބަރަކަށްވެ، އެ ގްރޫޕްގެ މެމްބަރުންނަށް ލިބޭ ކޯޓާ އަޅުގަނޑުމެންވެސް ހޯދަން. އޭރުން އެ ޤައުމުތަކަށް ލިބޭ ޑިއުޓީ އިނާުޔަތް ލިބޭނެ. މިއަހަރު ތެރޭގައި އެކަން ކުރެވޭނެ. އެ މަޝްވަރާތައް ހިންގުމަށް ވާންޖެހޭ ތައްޔާރީތައްވަމުން މިދަނީ." މިނިސްޓަރ ވިދާޅުވިއެވެ.

އީޔޫގެ އިތުރުން، އީޔޫގެ އިއްތިހާދުން ވަކިވެފައިވާ އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުންވެސް ޑިއުޓީގެ އިނާޔަތް ހޯދުމަށް މަޝްވަރާތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން ފްރީ ޓްރޭޑް އެގްރިމަންޓެއްގެ މަޝްވަރާތައް ކުރިއަށްދާކަމަށާއި މިއަަހަރު އެ މަޝްވަރާތަކުން ނަތީޖާ ނެރެވޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު ދަނީ ފްރީ ޓްރޭޑް އެގްރިމަންޓަކާއި ގުޅޭގޮތުން އިނގިރޭސިވިލާތާއެކު މަޝްވަރާކުރަމުން. އެ މަޝްވަރާތަކުގެ ތެރެއިން މިއަހަރުގެ މެދުތެރެއަށްދާއިރު ޑިއުޓީ އިނާޔަތް ލިބޭނެކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް. ކޮންމެ ފަހަރަކު ތާރީހެއް ބުނެފައިވެސް ވިސްނަންޖެހޭ އެކަން ކުރިއަށްދާ ގޮތަކުން އެކަން ނިމޭނީ. ނިމުނީމަ ބުނެވޭނީ އެކަން ނިމިއްޖެއޭ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޑިއުޓީ ލުއިތައް ލިބުމުން، އެހެން ޤައުމުތަކުގެ މަސްވެރިކަމުގެ އުފެއްދުންތަކާއި ވާދަކޮށް، ރާއްޖޭގެ އުފެއްދުންތަކަށް ރަނގަޅު ފައިދާއެއް ބާޒާރުގައި ލިބިގެންދާނެކަމަށެވެ. މިިނިސްޓަރ ވިދާޅުވީ ސަރުކާރުން ޑިއުޓީތަކަށް ލުއިތަކެއް ހޯދުމަށް މަސައްކަތްކުރަމުންދާއިރު، ރާއްޖެއިން އެކްސްޕޯޓްކުރާ މަހަކީ ވެލިއު އެޑްކޮށްގެން ނުވަތަ މަހުން އިތުރު އުފެއްދުންތައް އުފައްދާ، ބަންދުކޮށްގެން ބޭރު ކުރެވޭ އެއްޗަކަށް ހެދުމަށްވެސް މަސައްކަތްކުރަންޖެހޭކަމަށެވެ.

"ބޮޑު ބައެއް ތައިލެންޑަށް އެދަނީ ރޯމަހުގެ ގޮތުގައި. އެހެންވީމަ އޭގެ އެންމެ ބޮޑު ފައިދާއެއް ނުކުރޭ. ވެލިއު އެޑްކުރުމުގެ މަސައްކަތަށް ފެލިވަރު ކާރުހާނާ ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުން. 100 ޓަނުގެ ކާރުހާނާއަކަށް ބަދަލުކުރުމުގެ މަސައްކަތް. ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުން. މަސް ގަތުމުގެ ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުން. އިތުރު ބޯޓު ފަހަރުތައްވެސް އެހެރީ ގެނެސްފައި، އަދި އެދަނީ ގެންނަމުން' ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން މިިނިސްޓަރ ވިދާޅުވިއެެވެ.

ފިޝަރީޒް މިނިސްޓަރ ވިދާޅުވީ މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތަށް ސަރުކާރުން ބޮޑު އިސްކަމެއްދެއްވަނީ، އެކަންކަމަށް މަސްވެރިންގެ އޮންނަ ޑިމާންޑާއި ޖޯޝު ބޮޑުވުމުންކަމަށެވެ. އަދި މަސްވެރިންގެ ފަރާތުން ޝަކުވާތަކާއި އެކިއެކި ޑިމާންޑްތައް ނާންނަކަމުގައިވާނަމަ ސަރުކާރަށްވެސް އެމަސައްކަތް އެހާ ފޯރީގައި ނުކުރެވޭނޭކަން ފިޝަރީޒް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުން ދާނީ މަސްވެރިންގެ އަޑު އަހައިގެން މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.