ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާމިން ހަބީބު އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާޙާއެކު، އެއްގަމު ދަތުރުފަތުރުގެ ދާއިރާއިން ދިމާވާ ގިނަ މައްސަލަތަކަށް ވަށައިޖެހޭ ހައްލެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި އިސްލާޙުތަކާއެކު، 2009 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި ޤާނޫނު އަދާހަމަކޮށް، ޒަމާނަށް ފެތޭ ރަނގަޅު ބަދަލުތަކެއް އެ ބިލުގައި ހިމަނާފައިވެއެވެ. އެ ބިލު ތަސްދީޤުކޮށްފައިވަނީ 31 އޮގަސްޓުގައެވެ.
ޤާނޫނީ ނިޒާމް ހަރުދަނާކުރުމުގެ އިތުރުން، އާއްމުންގެ ރައްކާތެރިކަމާއި ގުޅުންހުރި ގިނަ ކަންތައްތަކެއް އެއްގަމު އުޅަނދާއި ގުޅޭގޮތުން އަލަށް ގެނައި އިސްލާހުގައި ހިމަނާފައިވެއެވެ. އެކަންކަމަކީ އުޅަނދުތަކުގެ ރައްކާތެރިކަމުގެ އިތުރުން އުޅަނދުތައް އިންތިހާއަށް ގިނަވެ، ބާރު ބޮޑުވާ މައްސަލައަށް ހައްލު ލިބުމަށް މަގުފަހިކޮށްދޭނެކަންކަމެވެ.
އެއްގަމު އުޅަނދުފަހަރާއި ގުޅުންހުރި އިސްލާޙުތަކަށް ބަލާއިރު، އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުތަކުގެ އުމުރު ކަނޑައެޅުމަށް މާއްދާއެއް ހިމަނާފައިވެއެވެ. އެ މާއްދާގައި ބުނާގޮތުން އެއްގަމު އުޅަނދެއް ދަތުރުފަތުރުގައި ބޭނުންކުރެވޭނީ އެ އުޅަނދެއް އުފައްދާފައިވާ ތާރީޚުން ފެށިގެން 20 އަހަރު ވަންދެންނެވެ. މި ހާލަތުން އިސްތިސްނާކުރެވޭނީ ޚާއްސަ ގިންތީގެ އުޅަނދުތައް އެކަންޏެވެ. އެ އުޅަނދަކަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން، އެ އުޅަނދުގެ ރަޖިސްޓްރީ ބާތިލް ކުރާނެއެވެ. އެމަރުހަލާ ކުރިއަށްދާއިރު އުޅަނދުގެ ވެރިފަރާތަށް އެކަން އަންގާނެއެވެ.
20 އަހަރަށް ވުރެ އިތުރަށް ދުއްވޭ އުޅަނދުތައް ކަނޑައަޅާނީ، އުޅަނދުގެ ބާވަތާއި، ސިފައަށް ބަލައި، ތާރީޚީ ގޮތުން މުހިންމުވާ އުޅަނދުތަކުގެ ގޮތުގައި، ޤަވާއިދުގައި ހިމަނާފައިވާ އުޅަނދުތަކެވެ. މިކަމުގައި ޢަމަލުކުރާނީ އައު ޤާނޫނުގެ ދަށުން އެކުލަވާލާ ޤަވާއިދުގެ ދަށުންނެވެ.
މިބަދަލުގެ ސަބަބުން އެއްގަމު އުޅަނދުފަހަރުގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވަމުންދާދިއުމަށް ލުއިލިބިޭނެކަމަށް ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ފާހަގަކުރައްވައެވެ. އެއްގަމު އުޅަނދުތަކާއި ގުޅޭގޮތުން ބައެއް އިތުރު އިސްލާހުތައް ވެސް ޤާނޫނަށް ގެނައި އިސްލާޙު ހިމަނާފައިވެއެވެ. އައު ޤާނޫނާއެކު، އުޅަނދުތައް އިންޝުއަރނުކޮށް ދުއްވުން މަނާވާނެއެވެ.
އެއްގަމު އުޅަނދު އިންޝުއަރ ނުކޮށް ދުއްވައިފިނަމަ، ދޭނެ އަދަބުތައް އެކުލަވާލާ، އެ ޤާނޫނުގައި ބުނެފައިވަނީ އިންޝުއަރނުކޮށް އުޅަނދެއް ދުއްވައިފިނަމަ، 1000ރ. އާއި 3000ރ.އާ ދެމެދުގެ އަދަަދަކުން ޖޫރިމަނާކުރެވޭނެކަމަށެވެ. ޖޫރިމަނާކުރާ އަދަދު ކަނޑައަޅާނީ އެ ކުށް ތަކުރާރު ކުރި މިންވަރަށް ބެލުމަށްފަހުއެވެ.
މިހާރު ހިނގާ ބައެއް އެކްސިޑެންޓްތަކަށް ބަލާއިރު އުޅަނދު އިންޝުއަރނުކޮށް ހުރުމަކީ އާއްމު މީހާއަށް މާލީ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހޭކަމެކެވެ. އެހެންކަމުން މިއީ އުޅަނދުތައް އިންޝުއަރކޮށް، އުޅަނދުގެ ވެރިފަރާތުގެ މުދާ ރައްކާތެރިކޮށް ބެލެހެއްޓުން ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
ޤާނޫނުގައި ހިމެނޭ މުހިންމު އަނެއް ބަދަލަކީ، އަމިއްލަ ފަރުދެއްގެ ނަމުގައި ނުވަތަ ރަޖިސްޓްރީކޮށްފައިވާ ގާނޫނީ ޝަހުސެއްގެ ނަމުގައި ރަޖިސްޓްރީކުރާ އެއްގަމު އިންޖީނުލީ އުޅަނދު ނުވަތަ އެއް ބާވަތެއްގެ އުޅަނދުތަކުގެ އަދަދު 2އަށް ވުރެ އިތުރުވާ ހާލަތުގައި، އިތުރުވާ އުޅަނދުތަކުން، މަލްޓިޕަލް އޯނާޝިޕް ފީއެއް ނެގުމެވެ. އެ ފީ ނަގާނެ ގޮތުގެ ތަފްސީލް އިސްލާޙުތަކުގައި ހިމަނާފައިވެއެވެ. މިއީވެސް ވެހިކަލްގެ އަދަދު ކޮންޓްރޯލްކުރުމަށް އެޅޭ އިތުރު ފިޔަވަޅެކެވެ.
ޓްރެފިކްގެ މައްސަަލައާއި ޕާކިން މައްސަލައަށް ބެލިއަސް އެންމެ ބޮޑަށް އެއްގަމުދަތުރުފަތުރުގެ ދާއިރާއިން މައްސަލަތައް ކުރިމަތިވަނީ މާލެ ސަރަހައްދުގައެވެ. އެހެންކަމަށްވާއިރު، މި އިސްލާޙުގައި މާލޭ ސަރަހައްދަށް ޚާއްސަ ދަތުރުފަތުރާއި ގުޅޭ އުސޫލުތަކެއް ފުރަތަމަ ފަހަރަށް ހިމަނާފައިވެއެވެ.
އެގޮތުން، ދަތުރުފަތުރުގެ ނިޒާމު ވިލަރެސްކުރުމަށް، ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހެއް އުފެއްދުމަށް ޤާނޫނަށް އިސްލާޙު ގެނެސްފައިވެއެވެ. އަދި މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްދެވޭނެ އެއްގަމު އުޅަނދުގެ އަދަދު އެ އޮފީހުން ކަނޑައަޅަންވާނެކަމަށް ބުނެފައިވެއެވެ. މީގެއިތުރުން، ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް މާލެ ސަރަހައްދުގައި ޤާއިމްކުރުމަށް ޤާނޫނުގައި ހިމަނާފައިވެއެވެ. އަދި މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ރާވައި ހިންގުމަށްޓަކައި 'ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑް'ގެ ނަމުގައި ފަންޑެއް އެކުލަވާލުމަށްވެސް ހިމަނާފައިވެއެވެ.