ޚަބަރު

ހުޅުމާލޭގެ މަގުތަކުގައި ޑިވައިޑަރާއި ހިނގާ މީހުންނަށް ހާއްސަ ޓްރެފިކް ލައިޓް ހަރުކުރަނީ


ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމުގެ ގޮތުން ބޮޑެތި މަގުތަކުގައި ޑިވައިޑަރު ހަރުކޮށް، ހިނގާފައި އުޅޭ މީހުންނަށް ޚާއްސަ ޓްރެފިކް ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ހުޅުމާލޭގައި އިތުރުވަމުންދާ އެކްސިޑެންޓްތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީން ބުނީ، މަގުތައް އަމާންތަނަކަށް ހަދާ އެކްސިޑެންޓުތައް މަދުކުރުމަށް، މިހާރުން މިހާރަށް ގެނެވެން ހުރި ބަދަލުތައް ދެނެގަންނަމުންދާކަމަށެވެ. އެގޮތުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމާއި، އުޅަނދުތައް ޖެހުން މަދުކުރުމަށް ބޮޑެތި މަގުތަކުގެ މެދުގައި ޑިވައިޑަރުތަކެއް ހަރުކުރަން ނިންމާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީއިން ބުނީ ޑިވައިޑަރު ހަރުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޔޫ ޓާން ނުވަތަ މަގުގެ އަނެއް ފަޅިއަށް އަނބުރާލާއިރު ޤަވާއިދާއި އެއްގޮތަށް އެކަންކުރުމަށް ބާރުއެޅުންކަމަށެވެ. އަދި އެކަން އަންގާދޭ ބޯޑުތައްވެސް މަގުމަތީގައި ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީން ބުނީ ހިނގާފައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށް ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓް ނުވަތަ ހިނގާ މީހުންނަށް ހާއްސަ ޓްރެފިކް ލައިޓް ހަރުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި މިހާރު ހުޅުމާލޭގެ 2 ސަރަހައްދެއްގައި ލައިޓް ހަރުކުރެވި ޓެސްޓިންގެ މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީން ބުނީ މި ލައިޓްތައް ހުޅުމާލޭގެ ކާރު ބާރު ބޮޑު 8 ސަރަހައްދެއްގައި ހަރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މަގުތަކުގެ ރައްކާތެރިކަން އިތުރުކޮށް ދުއްވާ އުޅަނދުތަކުގާއި އުޅޭ ފަރާތްތަކާއި ހިނގާފައި އުޅޭ ފަރާތްތަކަށް ފަސޭހަވާނެ އަދި ރައްކާތެރި ގޮތްތަކެއް ހޯދައިދިނުމަށް ފުރިހަމަ ޕްލޭންއެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅިގެން އެޗްޑީސީން ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނައުމުގެ މަޝްވަރާތައް ކުރަމުން އަންނަކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.

ހުޅުމާލޭގައި މި ފަހަކަށް އައިސް ހިނގި އެކްސިޑެންޓްތަކުގައި ބަޔަކު މަރުވެފައިވާއިރު، އެތައް ބަޔަކަށް ވަނީ ބޮޑެތި އަނިޔާތަކެއްވެސް ލިބިފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ރަމަޟާންމަހު އެކަނިވެސް 111 އެކްސިޑެންޓް ހުޅުމާލޭގައި ހިނގާފައިވެއެވެ.