ރާއްޖޭގައި ހިންގާ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ބޭރުގެ ކުންފުނިތަކަށް ލިބުމުގެ ބަދަލުގައި އެމްޓީސީސީއަށް ލިބުނީ މިދިޔަ 4 އަހަރު ތެރޭގައި ހޯދި ކުރިއެރުންތަކުގެ ސަބަބުންކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގެ 40 އަހަރުގެ ތާރީހުގައިވެސް ނުލިބޭފަދަ ބޮޑެތި ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ކުންފުނިން ހޯދާފައިވާކަމަށެވެ.
އެމްޓީސީސީން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އާޒިމް ވިދާޅުވީ މިދިޔަ 4 އަހަރު ތެރޭގައި ލިބުނު ކާމިޔާބީއާއެކު ރާއްޖެއިން ބޭރުގެ ކުންފުނިތަކުން މީގެކުރިން ހިންގި މަޝްރޫޢުތައް މިއަދު ހިންގަނީ އެކުންފުނިންކަމަށެވެ. އަދި އެމްޓީސީސީއަށް އެ ކުރިއެރުން ނުލިބުނުނަމަ ސަރުކާރުން ރާއްޖޭގައި ހިންގުމަށް ނިންމި 150 މިލިއަނެއްހާ ޑޮލަރުގެ ޕްރޮޖެކްޓްތައް ބޭރުގެ ކުންފުނިތަކަށް ދޭންޖެހުނީސްކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ 2019 ވަނަ އަހަރާއި ހަމައަށް ކުންފުނި ހިނގަމުން އައީ، އެއްފަހަރާ އެންމެ 25 މަޝްރޫޢު ހިންގޭވަރުގެ ކުންފުންޏެއްގެ ގޮތުގައިކަމަށެވެ. ނަމަވެސް މިއަދު އެއްފަހަރާ 100 އަށްވުރެ ގިނަ މަޝްރޫޢުގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީން ހިންގަމުންދާކަން އެމްޓީސީސީން ފާހަގަކުރެއެވެ. އެގޮތުން އެ ކުންފުނިން މިދިޔަ އަހަރު 65 މަޝްރޫއަކާއި ހަވާލުވެ، 42 މަޝްރޫޢުއެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ.
އާޒިމް ވިދާޅުވީ ކުންފުނީގެ މުދަލުގެ އަގު 2 ބިލިއަނުން، 4.2 ބިލިއަން ރުފިޔާއަށް އިތުރުވެފައިވުމަކީ ކުންފުނި ފުޅާވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއްކަމަށެވެ.
ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫޢުތަކުގެ ބޮޑު ބައެއް ހިންގަނީ އެމްޓީސިސީއާ ހަވާލުކޮށްގެންނެވެ. އާޒިމް ވިދާޅުވީ އެމްޓީސީސީއަށް ކުރިއެރުން ނުލިބުނުނަމަ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް މިއަދުވެސް ހިންގަން ޖެހޭނީ ބޭރު ކުންފުނިތަކާއި ހަވާލުކޮށްގެންކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދުން ގެއްލޭ އެތައް މިލިއަން ޑޮލަރުގެ ފައިސާކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ.
"އެމްޓީސީސީ ވަރުގަދަވެއްޖެ. މިހާރު ބަނދަރު ހަދަން، މަގު ހަދަން، ފެނާއި ނަރުދަމާ އަޅާކަށް ބޭރު ކުންފުނިތައް ގެންނާކަށް ނުޖެހެ. ދިވެހިން ކުންފުނިތަކުން މަސައްކަތް ކުރަމުން އަންނަނީ. އެމްޓީސީސީ ވަރުގަދަވެއްޖެ. މި ބަދަލު ނައިނަމަ މަޝްރޫޢުތައް ހިންގަމުން ބޭރުކުންފުނިތަކަށް ދީގެން ރާއްޖޭގެ އިޤްތިޞާދުން 150 މިލިއަން ޑޮލަރު ދިޔައީސް." އާޒިމް ވިދާޅުވިއެވެ.
ބަނދަރު ހެދުން ފަދަ މަސައްކަތްތައް ކުރަމުންދިޔަ އެމްޓީސީސީން މިހާރު އަންނަނީ ރާއްޖޭގައި އެއަރޕޯޓްތައް ތަރައްޤީކުރުމާއި، ރަށްތައް ގުޅާލާ ބްރިޖްގެ މަސައްކަތްތައްވެސް ހިމެނެއެވެ.
އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ އިތުރުން އެމްޓީސީސީއަކީ ރާއްޖޭގެ އެންމެ ބޮޑު ޓްރާންސްޕޯޓް ނެޓްވޯކް، ރާއްޖެ ޓްރާންސްޕޯޓް ލިންގެ ޚިދުމަތްވެސް ދެމުން އަންނަ ކުންފުޏްނެވެ.
ކުންފުނި ފުޅާވުމާއި އާ ޚިދުމަތްތަކާއެކު، ވަޒީފާގެ ގިނަ ފުރުޞަތުތަކެއް އެ ކުންފުނީގައި ވަނީ އުފެދިގެން ގޮސްފައެވެ. 1500 އެއްހާ މުވައްޒަފުން އުޅުނު ކުންފުނީގައި މިއަދު، 4300 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން އެބަދެއެެވެ.