ވިޔަފާރި

ބްރައުންސް ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖެއަށް


ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ބްރައުންސް ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މަޝްރޫއުތަކަށް، 35 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ބްރައުންސް ހޮޓެލްސް އެންޑް ރިސޯޓްސްއާއި ހަވާލާދީ ސްރީލަންކާގެ ދުވަހު ނޫހެއް ކަމަށްވާ ޑެއިލީ ނިއުސްގައިވާ ގޮތުން ބްރައުންސް ހޮޓެލްސް އެންޑް ރިސޯޓްސްއިން،މާލޭގައި ބިޒްނަލް ހޮޓެލްއަކާއި ރާއްޖޭގެ ތިން ރަށެއްގައި ރިސޯޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.  

މި މަޝްރޫއުތަކުގެ މަސައްކަތް މިއަހަރުތެރޭ ފެށިގެންދާނެ ކަމަށާއި މާލޭގައި ތަރައްޤީކުރާ ބިޒްނަސް ހޮޓެލްގައި ވަކި ވަކި ކޮޓަރިތަކުގެ އިތުރަށް ދިގު މުއްދަތަކަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒްކޮށްގެން އެޕަރޓްމަންޓްތައްވެސް ހުންނާނެ ކަމަށް ބްރައުންސް ހޮޓެލްސް އެންޑް ރިސޯޓްސްއިން ހާމަކުރެއެވެ.

ދެން އެ ކުންފުނިން ތަރައްޤީކުރަމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ދެ ރަށެއްގައި 90  ކޮޓަރީގެ ރިސޯޓް ހޮޓަލަކާއި 120 ކޮޓަރީގެ ރިސޯޓް ހޮޓަލެކެވެ.

އަދި މީގެ އިތުރުން 420 ކޮޓަރީގެ ބޮޑު ރިސޯޓް ހޮޓަލެއް މާލެއާއި ކައިރި ރަށެއްގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މި ހޮޓަލް ތަރައްޤީކުރުމަށް 15 މިލިއަން ޑޮލަރު ޚަރަދުވާނެ ކަަމަށްްވެސް އެކުނުފުނިން ހާމަކުރެއެވެ.