ރިޕޯޓް

ބަދަލުތަކަކާއެކު އިސްލާޙިއްޔާ އަނެއްކާވެސް ފަށަނީ


ކުށުގެ ވެށީގައި އުޅެމުންދިޔަ ކުޑަކުދިން އިޞްލާޙުކުރައްވައި، މުޖުތަމަޢަށް ނެރުއްވުމަށް ކ.މާފުށީގައި އިޞްލާޙިއްޔާއެއް ޤާއިމްކުރައްވާފައިވަނީ 1982 ވަނަ އަހަރުއެވެ. މާފުށީގައި އިޞްލާޙިއްޔާ ފުރަތަމަ ހިންގެވީ އޭރުގެ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ބެއްލެވުމުގެ ދަށުންނެވެ. އެތަނަށް ފުރަތަމަ ގެންދެވީ މާލޭގައި ރަސްމީ ތަޢުލީމުގެ ނިޒާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ތަނަވަސްވެފައި ނެތް ކުދިންނާއި ކިޔަމަންތެރިކަން ކުޑަވުމުން، އެކުދިންގެ ޢާއިލާއިން އެދިގެން ގެންދެވުނު ކުދިންނެވެ. އަދި މުޖުތަމަޢުގައި އެކަށީގެންވާ ސުލޫކުން ބޭރުގައި އުޅުނު ބައެއް ކުދިންވެސް ގެންދެވުނެވެ. މިފަދަ ކުދިންނަށް އެތަނުގައި ކިޔަވައިދިނުމާއި ހުނަރުވެރި މަސައްކަތް ދަސްކޮށްދީ، އަޚްލާޤު ރަނގަޅު ކުދިންނަށް ހެއްދެވުމުގައި ކާމިޔާބު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އަދި މިގޮތަށް ހަރުދަނާ ދަރިންނަށް ބަދަލުވެގެން ދިޔަ އެތައް ކުދިންނެއް ބޮޑެތިވެ ފަހުން ޤައުމުގެ މުހިންމު ޚިދުމަތްތައް ކުރާ އަދި ހަރުދަނާ ފޯރުންތެރި ބަޔަކަށް ހެދިފައިވެއެވެ. 

 1994 ގައި އިޞްލާހިއްޔާގެ ނަން "ތައުލީމާއި މަސައްކަތް އުނގަންނައިދޭ މަރުކަޒުގެ ނަމަށް ބަދަލުކުރައްވައި، އެޑިއުކޭޝަން މިނިސްޓްރީގެ ބެއްލެވުމުގެ ދަށަށް ވަނީ ބަދަލުކުރައްވާފައެވެ. އެ މަރުކަޒު 2012 ވަނަ އަހަރު ބަންދުކުރީ ޢިމާރާތް މަރާމާތުކުރެއްވުމަށެވެ. ނަމަވެސް ސަރުކާރުން އަނެއްކާވެސް ދަނީ އިސްލާޙިއްޔާއެއްގެ ގޮތުގައި އެތަން ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ކ.މާފުށީގައި ހުރި"ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ މަރުކަޒު" މަރާމާތުކުރައްވައި، އެތަން އިޞްލާޙިއްޔާއަކަށް ބަދަލުކުރެއްވުމަށް ތައްޔާރުވެވަޑައިގަނަވަމުން ގެންދަވާކަމަށް ޖުވަނައިލް ޖަސްޓިސް ޔުނިޓުން ވިދާޅުވެއެވެ. މިފަދަ އިޞްލާޙިއްޔާއެއް ޤާއިމްކުރެއްވުމުގެ ބޭނުމަކީ ކުށުގެ ވެށީގައި އުޅެމުންދާ ކުޑަކުދިން، އެކަހެރިކޮށް، އިޞްލާޙުކުރުމުގެ ޕްރޮގްރާމްތައް އެތާނގައި ފެއްޓެވުމެވެ. 

ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އިޞްލާޙިއްޔާގެ މަސައްކަތް ފެށުމަށް ހޯމް މިނިސްޓްރީގެ ޖުވަނައިލް ޖަސްޓިސް ޔުނިޓް ނުވަތަ ކުޑަކުދިންގެ އަދުލުގެ ނިޒާމާއި ބެހޭ އިދާރާއިން ދަނީ ތައްޔާރުވަމުންނެވެ. އެ ޔުނިޓްގެ ޑިރެކްޓަރ ޙާމިދު ޔޫސުފް ވިދާޅުވީ، ކުށްކުރާ ނިސްބަތަށް ބަލާއިރު، 65 ކުދިންގެ ޖާގައިގެ އިޞްލާޙިއްޔާއެއް ބޭނުންވާ ކަމަށެވެ. މީގެ ތެރެއިން 15 ކުދިންގެ ޖާގަ ޚާއްޞަ ކުރެވޭނީ އަންހެން ކުދިންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. މާފުށީގައި މިހާރު ބޭނުންނުކުރައްވާ ތަނެއްގެ ގޮތުގައި ހުރި "ތަޢުލީމާއި ތަމްރީން އުނގަންނައިދޭ މަރުކަޒު" މަރާމާތުކޮށް އެތަން އިޞްލާޙިއްޔާއަކަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ޙާމިދު ފާހަގަކުރެއްވިއެވެ. 

"މިހާރު އެ މަރުކަޒު ހުރީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި. ފުރަތަމަ އަޅުގަނޑުމެން ކުރަމުން މިދަނީ އިދާރީ މަސައްކަތްތައް. މާފުށީގައި އެހުރި ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ މަރުކަޒު އެބަޖެހޭ ހޯމް މިނިސްޓްރީގެ ދަށަށް ގެންނަން. އެ މަސައްކަތް މިހާރު ކުރިއަށްދަނީ. އެކަންތައްތައް ފައިނަލްވުމުން ތަން މަރާމާތު ކުރަމަށް ބަޔަކާއި ޙަވާލު ކުރެވިގެންދާނެ" ޙާމިދު ވިދާޅުވިއެވެ. 

ރާއްޖޭގެ ކުށުގެ ވެށީގައި ކުޑަކުދިން ކުށްކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު، ސަރުކާރުން އަޅުއްވާ މިފިޔަވަޅަކީ ކުޑަކުދިން ކުށަށް އަރައިގަންނަ މިންވަރު ކުޑަކުރެވި، ޤައުމަށް ފައިދާ ހުރި ދަރިންތަކެއް ބިނާކުރެއްވުމަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ކުށްކުރާ މީހުންގެ ތެރެއިން އެވްރެޖްކޮށް 3 އިންސައްތައަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. ވޭތުވެދިޔަ 2015 ވަނަ އަހަރަށް ބަލާއިރު، 205 ކުޑަކުދިން އެކި ކުށްތަކަށް އަރައިގެންފައިވެއެވެ. މީގައި އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، ކުށްކުރާ މިންވަރާއެކު، ކުށުގެ ބާވާތްތައްވެސް އިތުރުވެ، އެންމެ ބޮޑެތި ކުށްތައް ކަމުގައި ބެލެވޭ ކުށްތަކަށްވެސް ކުޑަކުދިން އަރައިގަންނަމުން ދިއުމެވެ. 

ރާއްޖޭގެ މާޙައުލަށް ބަލާއިރު އިޞްލާޙިއްޔާއެއް ހުރުމަކީ މުހިންމުކަމެއް ކަމަށް ޢާންމު ފަރާތްތަކުންވެސް ދެކެއެވެ. އެގޮތުން ޕީ.އެސް.އެމުން ވާހަކަ ދައްކާލި ގިނަ މީހުން ފާހަގަކުރި ގޮތުގައި ރާއްޖޭގައި މިފަދަ ތަނެއް ހުރުމަކީ ކުދިންގެ އަޚްލާގު ރަނގަޅުކޮށް، ޒުވާނުންނަކީ މަސައްކަތްތެރި އަދި ބިނާކުރުވަނިވި ބަޔަކަށް ހެދުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

އިޞްލާޙިއްޔާ ފަދަ ތަންތަނަކީ ކުދިން އެކަހެރި ކުރާ ތަނަކަށް ވުރެ ބޮޑަށް، ރަނގަޅު އަޚްލާގެއް ބައްޓަން ކުރުމަށާއި، ހުނަރުތައް ތަރައްޤީކުރުމަށް ފުރުޞަތު ލިއްބައިދޭ ތަނެކެވެ. މިއީ ކުށްކުރާ ކުޑަކުދިންނާއިމެދު މުޖުތަމައުން ދެކޭގޮތް ބަދަލުކޮށް، އުފެއްދުންތެރި ޒުވާނުންތަކެއް ބިނާކުރެއްވުމަށް އެޅިގެންދާނެ ބާރެއްވެސްމެއެވެ.