ކޮންމެ ޤައުމަކުންވެސް މަސައްކަތް ކުރަމުންދަނީ އެ ޤައުމަކީ ހުރިހާ ގޮތަކުންވެސް ހަމަޖެހުން ޤާއިމުވެފައިވާ ޤައުމަކަށް ހެދުމަށެވެ. ޤާނޫނުތަކާއި ގަވާއިދުތަކާއި އެ ޤާނޫނުތައް ތަންފީޒުކުރުމަށް އިދާރާތައް ކަނޑައަޅާފައިވަނީ އެ ހަމަޖެހުން ޤައުމުގައި އޮތްކަން ކަށަވަރުކުރުމަށެވެ. މިއީ ޤައުމުގެ ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި، މުޖުތަމަޢުއެއް ހޯދައިިދިނުމަށް މުހިންމު ކަމެކެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިގެންވެއެވެ. ނަމަވެސް މިނިވަންކަން ދީފައި އޮތުމަކީ އޭގެ ނާޖާއިޒު ފައިދާ ނަގަން ޖެހޭ ސަބަބެއް ނޫނެވެ. ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ޚިޔާލު ފާޅުކުރުމުގެ ހުދޫދުތަކެއްވެސް ކަނޑައަޅާފައިވެއެވެ. ނަމަވެސް މަދުން ނަމަވެސް ބައެއް ފަރާތްތަކުން މި މިނިވަންކަމުގެ ބޭނުން ހިފަނީ އެ ފާޅުކުރެވޭ ޚިޔާލުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކަށް ބެލުމެއް ނެތިއެވެ.
ދޭތެރެއިން ދޭތެރެއިން ސޯޝަލް މީޑިއާގެ މަންސަތައް މެދުވެރިކޮށް، އެކި ފަރާތްތަކުން ޤަައުމުގައި ހަމަނުޖެހުން ހިންގުމަށް ގޮވާލައެވެ. އެފަދަ ކަންކަން ގިނަ ފަހަރަށް ކުރެވެނީ އެ ބުނެވޭ އެއްޗެއްގެ ބުރަދަނަށް ނުވިސްނައެވެ. އެ މީހަކަށް އެ ބުނެވެނީ ކިތަންމެ ކުޑަ އެއްޗެއްކަމަށް ހީވި ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނުތައް ބުނާގޮތުން އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭނެއެވެ.
ޓެރަރިޒަމް މަނާކުރުމުގެެ ޤާނޫނުގެ 8ވަނަ މާއްދާގައިވާގޮތުން ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެކެވެ. މިމާއްދާގައި "ހިތްވަރު ދިނުން" ކަމަށް ބުނެފައި އެވަނީ، މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމަށް ހިތްވަރުދޭ ކަމެއްކަމަށް އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ފެންނަ ފެނުމަށް ކަމަށް ވަނީ ބަޔާންކޮށްފައެެވެ.
ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުމާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް ގެއްލުން ދިނުން ނުވަތަ އާންމު ޚިދުމަތްތައް މެދުކަނޑުވާލުން ހިމެނެއެވެ. އެހެންކަމުން ދައުލަތުގެ ތަންތަނަށް ގެއްލުންދިނުމަށް ގޮވާލުމަކީ މި 3 ކުށަށްވެސް އަރައިގަތުމަށް ހިތްވަރު ދިނުން ކަމުގައި ބެލެވޭނެއެވެ. މި ކުށްތަކަށް ހިތްވަރު ދޭ މީހެއްގެ އަދަބީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތަށް ޢަމަލު ކުރުމާއި، މިއިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީވެސް މަނާކަމެކެވެ. ނަމަވެސް މަދުން ނަމަވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ދީނާ ޚިލާފު ވާހަކަތައް ފާޅުގައި ބައެއް ދިވެހިން ސޯޝަލް މީޑިއާގައި ހިއްސާކުރެއެވެ.
ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވާއިރު މިއީވެސް ޤާނޫނުގައި އަދަބު ކަނޑައެޅިފައިވާ ވަރަށް ބޮޑު ކުށެކެވެ. މިފަދަ ޚިޔާލު ފާޅުކޮށް، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލުވާލަން މަސައްކަތް ކުރުމަކީ 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ ގޭގައި ބަންދު ކުރުމުގެ އަދަބު ކަނޑައެޅިފައިވާ ކަމެކެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަފަހަރު މިފަދަ ޚިޔާލު ފާޅުކުރަނީ އެފަދަ މަންސައެއް ބޭނުންކުރުމުން ފިޔަވަޅު ނޭޅޭނެ ކަމަށް ހީކުރެވިފައި އޮތުމުންނެވެ. އަދި ބައެއް ދިވެހިން ޤައުމުން ބޭރަށް ދިއުމަށްފަހު އެފަދަ ޚިޔާލުތައް ފާޅުކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުތައް އެ މީހަކަށް ނުހިނގާނެ ކަމަށް ހީކޮށެވެ. ނަމަވެސް މިއިން ކޮންމެ ޤާނޫނެއްވެސް ދިވެހި ކޮންމެ ރައްޔިތަކު، ކޮންމެ ތަނެއްގައި ހުރި ނަމަވެސް ހިނގާނެއެވެ. ކޮންމެ މަންސައެއް ބޭނުން ކުރި ނަމަވެސް އެ މައްސަލަތައް ބެލޭނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވަނީ މިފަދަ މައްސަލަތައް ބަލަމުންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފައެވެ. ޤައުމުން ބޭރުގައި ހުރިނަމަވެސް މައްސަލަތައް ބެލޭނެ ކަމަށާއި ޤައުމުގެ ރައްކާތެރިކަމާ ގުޅުންހުރި މިފަދަ ކަންކަމަކީ އާދައިގެ ކަންކަމަށް ނުހެދުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.