ޚަބަރު

ރާއްޖޭގެ ވޮލީ ޓީމަށް 3 ވަނަ ލިބުމުގެ ފުރުސަތު ބޮޑު ވެއްޖެ


މެލޭޝިއާ އިންވިޓޭޝަނަލް ވޮލީ މުބާރާތުގެ ތިންވަނަ ހޯދުމުގެ ފުރުސަތު ރާއްޖޭގެ ގައުމީ ވޮލީ ޓީމަ ލިބިއްޖެއެވެ.

މިހާރު މެލޭޝިއާގައި ކުރިއަށްދާ އިންވިޓޭޝަނަލް ވޮލީ މުބާރާތުގައި މިއަދު ހޮންކޮންގް ޓީމާ ވާދަކޮށް ރާއްޖެ ވޮލީ ޓީމް މެޗް ކާމިޔާބުކޮށްފައިވަނީ 3 ސެޓް 1 ސެޓުންނެވެ. ލީގް އުސޫލުން ކުރިއަށްދާ މިމުބާރާތުގައި ރާއްޖެ ކުޅުނު 4 މެޗްގެ ތެރެއިން 2 މެޗުން މޮޅުވެފައިވާއިރު 2 މެޗުން ވަނީ ބަލިވެފައެވެ. މިމުބާރަތުގައި މިރޭ ގައުމީ ޓީމް ވާދަކުރާނީ ތައިލެންޑްގެ ޓީމާއެވެ. 

މިމެޗުން މިރޭ ރާއްޖެ މޮޅުވެއްޖެނަމަ، ލީގްގެ ތިންވަނަ ރާއްޖެއަށް ލިބޭނެއެވެ. ލީގް އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ފައިނަލްގައި ވާދަކުރުމަށްފަހު، ލީގްގެ 3ވަނަ އަދި 4ވަނަ ޓީމް ވާދަކުރުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ 3ވަނަ ހޮވާ މެޗްގައެވެ. މިއަދު ރާއްޖޭގެ ޓީމް ހޮންކޮން ޓީމާ ވާދަކޮށް 3 ސެޓް 1 ސެޓުން މެޗް ކާމިޔާބުކޮށްފައިވާއިރު، މެޗްގެ ސެޓްތަށް ރާއްޖެ ގެންގޮސްފައިވަނީ 25-14، 25-13، 20-25 އަދި 25-16އިންނެވެ. ގައުމީ ޓީމްގެ އެންމެ މުހިންމު 2 ކުޅުންތެރިންކަމަށްވާ އަޝްފާގް އާދަމްއާ އިސްމާޢީލް ސާޖިދުނުލާ ކުޅުނު މިމެޗްގައި ކޯޗް ސުންޓޮން ފޮސީޓާ ވަނީ ގިނަ ކުޅުންތެރިންނަށް ފުރުސަތުދީފައެވެ. 

އޭގެ ތެރޭގައި ހުޒާމް، ނިލާމް، ފައިރޫޒް އަދި ޝާޢީން ފާހަގަކޮށްލެވުނެވެ. މެޗަށްފަހު ހުޒާމްބުނީ ހޮންގްޓީމަކީ ރާއްޖެއަށް ވުރެއް ފެންވަރުގެ ގޮތުން ދަށްޓީމްއެއްކަމަށާ މިހާރު މިމުބާރާތުގެ ތިންވަނަ ލިބޭނެކަމުގެ އުއްމީދުވަރަށް ބޮޑުކަމަށެވެ.

" އަސްލުގަ މިމުބާރާތުގައި ރަން މެޑަލެއް ރާއްޖެއަށް ލިބުނީސް، އެއީ ހުރިހާ ޓީމްތަކަކީވެސް ރާއްޖެއަށް ވާދަކުރެވޭ ވަރުގެ ޓީމްތަކެއް، ވަކި މާމޮޅު ޓީމްތަކެއް މިމުބާރާތުގައި ވާދައެއް ނުކުރޭ. ރާއްޖޭގެ ފަންވަރުގައި ކުޅެފިނަމަ، ހުރިހާ ޓީމްތަކެއްވެސް ބަލިކުރެވިދާނެ." ހުޒާމް ބުންޏެވެ،

ލީގު ބުރުގެ ފަހު މެޗްގައި މިއަދު ގައުމީ ވޮލީ ޓީމް ނިކުންނާނީ ތައިލެންޑްގެ ޓީމާ ދެކޮޅަށެވެ. މިމެޗް ފެށުމަށްހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރުއެވެ.