ޚަބަރު

ތުރުކީވިލާތުގެ އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާކަމަށް އިދިކޮޅުން ތުހުމަތުކޮށްފި


މޭ މަހުގެ 14 ވަނަ ދުވަހު ތުރުކީވިލާތުގައި ބޭއްވި ރިޔާސީ އަދި ޢާންމު އިންތިޚާބުގެ ނަތީޖާގައި އޮޅުވައިލުންތަކެއް ހުރި ކަމަށް އިދިކޮޅު ޕާޓީތަކުން ތުހުމަތުކޮށްފިއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރި އެއްވެސް ކެނޑިޑޭޓަކަށް ވޯޓުގެ 50 އިންސައްތައަށް ވުރެ މަތިން ކާމިޔާބު ނުކުރެވުމުން އިންތިޚާބުގެ ދެވަނަ ބުރެއް މޭ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންތިޚާބުގައި ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލެއްވި ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނަށް ލިބިވަޑައިގަތީ 49.5 އިންސައްތައެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރައްވާފައި ވަނީ އިދިކޮޅު ހަ ޕާޓީއެއް ހިމެނޭ ކޯލިޝަންގެ ކެނޑިޑޭޓު ކެމާލް ކްލިޗްތަރޯލޯއެވެ. ރިޕަބްލިކަން ޕީޕަކްސް ޕާޓީ (ސީ.އެޗް.ޕީ)ގެ ކެނޑިޑޭޓު ކަމުގައިވާ ކްލިޗްތަރޯލޯއަށް ކާމިޔާބު ކުރެވުނީ 44.89 އިންސައްތައެވެ.

ރިޔާސީ އިންތިޚާބާއި ޢާންމު އިންތިޚާބުގެ ނަތީޖާތަކުގައި އޮޅުވައިލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށްފައި ވަނީ ސީ.އެޗް.ޕީއާއި ގްރީން ލެފްޓް ޕާޓީ (ވައި.އެސް.ޕީ)އެވެ. އެ ދެ ޕާޓީން ތުހުމަތު ކުރާ ގޮތުގައި، ވޯޓުލާ މަރުކަޒުތަކުގައި އިޢުލާނުކޮށްފައިވާ ނަތީޖާއާއި، ސުޕްރީމް އިލެކްޝަން ކައުންސިލް (ވައި.އެސް.ކޭ)ގެ ސިސްޓަމަށް އަޅައި އިޢުލާނުކޮށްފައިވާ ނަތީޖާތަކާ ދެމެދު ބޮޑެތި ފަރަގުތަކެއް ހުއްޓެވެ.

ސީ.އެޗް.ޕީގެ ނައިބު ރައީސް މުޙައްރަމް އެރްކެކް ވިދާޅުވީ 7,094 ވޯޓު ފޮއްޓެއްގެ ނަތީޖާގައި ފުށުއެރުންތަކެއް ހުރި ކަމަށާއި، އެ މައްސަލަ ވައި.އެސް.ކޭއަށް ހުށަހަޅާފައިވާނެ ކަމުގައެވެ. އަދި، 201,000 ވޯޓުފޮށީގެ ނަތީޖާތައް ދިމާވޭތޯ އެ ޕާޓީން ބަލާފައިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މައްސަލަ އުޅޭ ކަމަށް އޭނާ ފާހަގަކޮށްފައިވާ ވޯޓުފޮށިތަކުގެ ތެރެއިން 4,825 ވޯޓުފޮއްޓަކީ ޢާންމު އިންތިޚާބުގައި ވޯޓު އަޅާފައިވާ ފޮށިތަކެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލާފައިވާ 2,269 ވޯޓުފޮއްޓެއްގެ ނަތީޖާ ދިމާ ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި، ކްލިޗްތަރޯލޯއަށް ލިބިވަޑައިގަންނަވަން ޖެހޭ ވޯޓުތަކެއް އިންތިޚާބުގެ ވޯޓުލުން ފެށުމުގެ ތިން ދުވަސް ކުރިން ނަން ނަންގަވާފައިވާ މުޙައްރަމް އިންސޭއަށް ލިބިފައިވާ ކަމަށް ރެކޯޑު ކޮށްފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އިންސޭގެ ނަން ނަންގަވާފައިވީ ނަމަވެސް، ވޯޓު ކަރުދާސް އަލުން ޗާޕުކޮށްފައި ނުވާތީ، އޭނާގެ ނަން ވެސް ވޯޓު ކަރުދާހުގައި އޮތެވެ.

މީގެ އިތުރުން، އެއްވެސް ހެއްކެއް ދެއްކުމަކާ ނުލައި އުރުދުޣާނަށް ގިނަ ޢަދަދެއްގެ ވޯޓު ލިބިފައިވާ ކަމަށް އިލެކްޝަން އޮފިޝަލުން ރެކޯޑު ކޮށްފައިވާ ކަމަށް ވެސް އެރްކެކް ތުހުމަތު ކުރައްވައެވެ. "އިންތިޚާބުގެ ނަތީޖާއަށް ބޮޑެތި ބަދަލުތަކެއް ނައި ނަމަވެސް، އަޅުގަނޑުމެން މި ދަނީ ކޮންމެ ވޯޓު ކަރުދާހެއް ވަކިވަކިން ބަލަމުން،" އެރްކެކް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާ އެކުއެކީގައި ބޭއްވި ޢާންމު އިންތިޚާބުގައި ކުރި ހޯދާފައި ވަނީ އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ (އޭ.ކޭ. ޕާޓީ) އިންނެވެ. އަދި، އެ ޕާޓީއާ އިއްތިހާދުވެފައިވާ ނޭޝަނަލިސްޓް މޫވްމަންޓް ޕާޓީ (އެން.އެޗް.ޕީ)އިން ވަނީ 10 އިންސައްތަ ވޯޓު ކާމިޔާބު ކޮށްފައެވެ. މޭ މަހުގެ 19 ވަނަ ދުވަހު ވައި.އެސް.ކޭއިން އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ރިޔާސީ އިތުރު ދައުރެއް ހޯއްދެވުމަށް ކުރިމަތިލައްވާފައިވާ އުމުރުފުޅުން 69 އަހަރުގެ އުރުދުޣާނަކީ ދޫހެލޭ ބޭފުޅެކެވެ. އަދި، ކެމްޕޭން ކުރުމުގެ އުކުޅުތައް ވަރަށް ފުރިހަމައަށް ދެނެވަޑައިގަންނަވާ، ވިސްނުންތެރި، ތޫނުފިލި ބޭފުޅެކެވެ. 2016 ވަނަ އަހަރު އޭނާގެ ސަރުކާރު ބަޣާވާތަކުން ވައްޓައިލަން ކުރި މަސައްކަތްތައް އޭނާ ވަނީ ނާކާމިޔާބު ކޮށްލައްވާފައެވެ. އަދި، އޭނާއާއި އޭނާގެ ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައިވީ ނަމަވެސް، އެ ދަޢުވާތައް ކާމިޔާބުވެފައެއް ނުވެއެވެ.

އޭނާއާ ވާދަކުރައްވާ 74 އަހަރުގެ ކްލިޗްތަރޯލޯއަކީ ކުރިން ސަރުކާރުގައި ސިވިލް ސަރވެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އުރުދުޣާންގެ އިޤްތިޞާދީ ސިޔާސަތުތަކާއި، ހަރުކަށި ގޮތްތައް ދޫކޮށްލައްވާނެ ކަމުގައި އޭނާ ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ވެސް އޭނާގެ ވަޢުދެކެވެ. އަދި، ޝަރުޢީ ދާއިރާ މިނިވަން ކުރަން ވެސް އޭނާ ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ.