އައްޑޫ ލިންކްރޯޑުގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށް އިތުރު ކުންފުންޏަކާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އައްޑޫ ލިންކްރޯޑުގެ މަސައްކަތްތަކާ ގުޅެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ އައްޑޫ ލިންކްރޯޑުގެ މަސައްކަތް ކުރަމުންދަނީ ސަރުކާރުން މެޝިނަރީޒް ހޯދައިގެންކަމަށެވެ. އަދި ރަނގަޅު ފެންވަރަށް އެ މަގުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް 400 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ޚަރަދު ކުޑަކޮށް މަސައްކަތް ކުރިއަށްގެންދިޔުމަށްކަމަށާއި އެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ހަވާލުކޮށްފައިވަނީ ސީދާ ކޮސްޓް ޕްރައިޒްގައިކަމަށެވެ.
" މަގު ސާފުކުރުމުގެ މަސައްކަތް ކުރަމުންދަނީ. އެތަނުގައި ރައްޔިތުން ބޭނުންވަނީ ތާރު އަޅާފައި ރައްޔިތުންނަށް ފަސޭހަވާނެގޮތް ހެދުން." ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރު ކުރަމުންދަނީ ލިންކްރޯޑުގައި ތާރުއެޅުމުގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރުމުގެ މަސައްކަތްކަމަށެވެ. އަދި އެ މަޝްރޫޢުގައި ބާކީ ހުރި މަގުތަކުގެ މަސައްކަތް އާރްޑީސީން ކުރަމުންދާނެކަމަށެވެ. ލިންކްރޯޑުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އައްޑޫ ލިންކްރޯޑުގެ މަސައްކަތުގެ ދަށުން ޖުމްލަ 3 މަގެއްގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. އަދި ސީޓީބީ މަގުތައް ތާރު އަޅައިގެން ތަރައްޤީ ކުރުމާއި، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމާއި، ގައު އަތުރާފައިވާ މަގުތަކުގައި ތާރު އެޅުން ހިމެނެއެވެ. މި މަޝްރޫޢު ކުރިއަށްދަނީ، ހިތަދޫ، ފޭދޫ، މަރަދޫ، ހިމެނޭ ގޮތަށެވެ.
އައްޑޫ ލިންކް ރޯޑް އަލުން ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި، 40 މިލިމީޓަރުގެ ބޯމިނުގެ ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިހާރު ހުރި ދުވާރުތަކާއި ތާރުތައް ކޮނެގެން ނަގައި، ހައިވޭގެ 4 ލޭން ހިމެނޭ ސަރަހައްދުތަކުން ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ދުވާރު ހަދައި، މަގުމަތީގެ ނިޝާންތައް ހަރުކޮށް، ބައިބައި ވަކިކުރުމަށް ފާރު ބިނާކުރުން ފަދަ އިތުރު މަސައްކަތްތައްވެސް ކުރިއަށްދާނެއެވެ.