ދުނިޔެ

ސޫރިޔާގެ ޞުލްޙައިގެ ވާހަކަތައް މާދަމާ ފަށަނީ


މާދަމާ ފެށުމަށް ރޭވިފައިވާ ސޫރިޔާގެ ޞުލްޙައިގެ ވާހަކަތަކުގައި އެޤައުމުގެ ރައީސްގެ މަޤާމާއި އަދި ރިޔާސީ އިންތިޚާބާ ބެހޭގޮތުން މަޝްވަރާ ނުކުރާނެކަމަށް ސޫރިޔާގެ ސަރުކާރުން ބުނެފިއެވެ.

މިކަމަށް ރައްދުދީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނީ ސޫރިޔާގެ ސަރުކާރުގެ ސަބަބުން އެޤައުމުގައި 5 އަހަރަށް ދިގުދެމިގެން ގޮސްފައިވާ ދާޚިލީ ހަނގުރާމައަށް ޙައްލެއް ގެނައުމަށް ރޭވިފައިވާ މަޝްވަރާތައް ފެށުމުގައި ބުރުއަރާނެ ކަމަށެވެ. އދ.ން ސޫރިޔާއަށް ކަޑައަޅާފައި ހުންނަވާ މަންދޫބަށްވެސް ސޫރިޔާ ސަރުކާރުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ސޫރިޔާގައި ދެމުންގެންދާ ޙަމަލާތައް ވަގުތީ ގޮތުން ހުއްޓާލާފައި އޮތްއޮތުން ދާއިމީ އެއްބަސްވުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ދަނީ ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވަމުންނެވެ.

ސޫރިޔާގެ ޞުލްޙައިގެ ވާހަކަތަކުގައި އެޤައުމުގެ ސަރުކާރުން ބައިވެރިވާނެކަމަށް އެޤައުމުގެ ޚާރިޖީ ވަޒީރު ވާލިދް އަލް-މުއައްލަމް ޔަޤީންކޮށްދެއްވާފައި ވީނަމަވެސް އިދިކޮޅު ފަރާތްތަކުން މަޝްވަރާގައި ގަދަކަން ލިބޭނެކަމަށް އުންމީދުކުރާނަމަ މަޝްވަރާތައް ފެއިލްވާނެކަމުގެ އިންޒާރު މުއައްލަމް ދެއްވާފައިވެއެވެ. ސޫރިޔާގެ ސަރުކާރުން ރިޔާސީ އިންތިހާބާއި ބެހޭ އެއްވެސް ވާހަކައެއް މަޝްވަރާގައި އެޖެންޑާ ކުރުމަށް ޤަބޫލްނޫންކަމަށް މުއައްލަމް ވިދާޅުވެފައިވެއެވެ. އަދި ރައީސްގެ މަޤާމާ ބެހޭގޮތުން މަޝްވަރާކުރުމަށް އެޖެންޑާކުރާނަމަ ޞުލްޙައިގެ މަޝްވަރާތަކަށް ނައުމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް މުއައްލަމް ގޮވާލެއްވިއެވެ.

މާދަމާ ފެށުމަށް ރޭވިފައިވާ ސޫރިޔާގެ ޞުލްޙައިގެ މަޝްވަރާތައް ދިމާ މިވަނީ އެޤައުމުގެ ދާޚިލީ ހަނގުރާމައިގެ 5 އަހަރު ފުރޭ ދުވަހާއެވެ.