ރަޝިޔާއާއި ޗައިނާއާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތައް 200 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ރަޝިއާއިން ލަފާކޮށްފިއެވެ.
ރަޝިއާއިން މިގޮތަށް ލަފާކޮށްފައި ވަނީ ޗައިނާގެ ޕްރިމިއާ ލީ ޗިއާންގްއާއިއެކު ރަޝިއާގެ ބޮޑު ވަޒީރު މިހައިލް މިޝުސްތިން ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.
މިހައިލް ޗައިނާއަށް ވަޑައިގެން އުޅުއްވަނީ އަންގާރަ ދުވަހު ފަށާފައިވާ ޗައިނާ ރަޝިއާ ބޭސްޑް ބިޒްނަސް ފޯރަމްގައި ބައިވެރިވެޑައިގަންނެވުމަށެވެ.
ރަޝިއާއާއިއެކު އެކި ދާއިރާތައް ކުރިއެރުވުމުގައި އެއްބާރުލުން ދެއްވާނެކަމަށް ލީ ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ. އަނެއްކޮޅުން ޗައިނާގެ ރައީސް ޒާއި އާއިއެކު މާޗްމަހު ބޭއްވި ބައްދަލުވުމުގައި ވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރާނެކަމަށް މިޝުސްތިން ވިދާޅުވިއެވެ.
ދެގައުމުގެ ދެމެދުގައި މިދިޔަ އަހަރު ކޮށްފައިވާ ވިޔަފާރި ވަނީ 30 އިންސައްތަ އިތުރުވެ، 190 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.
ޗައިނާގެ ކަސްޓަމްސްގެ ހިސާބުތަކާއި ހަވާލާދީ ހަބަރުތައް ބުނާގޮތުން މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ދެ ގައުމުގެ ދެމެދުގައި ކުރި ވިޔަފާރި ވަނީ 41 އިންސައްތައަށް އަރާފައެވެ. އަދި ސައުދީ އަރަބިއާ ފަހަތަށް ޖައްސާލުމަށްފަހު ފެބްރުއަރީ މަހުން ފެށިގެން ޗައިނާއަށް އެންމެ ގިނައިން ސާފުނުކުރާ ތެޔޮ ފޯރުކޮށްދީފައި ވަނީ ރަޝިއާއިންކަމަށްވެސް ހަބަރުތައް ބުނެއެވެ.
މީގެއިތުރުން މޮންގޯލިއާ މެދުވެރިކޮށް ޗައިނާއަށް ރަޝިޔާގެ ގޭސް ފޯރުކޮށްދިނުމަށް ޕަވަރ އޮފް ސައިބީރިއާ 2 ހޮޅި އެޅުމަށް ވެސް ދެގައުމުން ވަނީ ރާވާފައެވެ. އެ މަޝްރޫއު އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް ރަޝިއާގެ ރައީސް ވުލަދްމީރް ޕުޓިން މާޗް މަހު ވިދާޅުވެފައިވާ ގޮތުން ހޮޅި ނިންމުމާއި ގުޅޭ ހުރިހާ އެއްބަސްވުމެއް ތިން ގައުމުން ވަނީ ނިންމާފައެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ރަޝިޔާއިން މަދުވެގެން 98 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ޗައިނާއަށް ފޯރުކޮށްދޭނެކަމަށްވެސް ޕުޓިން ވަނީ ވިދާޅުވެފައެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމަ މިދިޔަ އަހަރު ފެށިފަހުން ހުޅަނގުން ވަނީ ރަޝިއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް ޗައިނާއިން މިހާތަނަށްވެސް އަންނަނީ ރަޝިއާއާއިއެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ.