ވިޔަފާރި

އަލަށް ފަށާ 2 ވިޔަފާރިއަކަށް ބީއެމްއެލްއިން 5 ލައްކަ ރުފިޔާގެ އެހީ


ބޭންކް އޮފް މޯލްޑިވްސްއިން 'ބީއެމްއެލް ސްޓާޓަޕް ގްރާންޓް'އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދޫކުރާ ހިލޭ އެހީ އެކެވެ.

މި އަހަރު ދެ ވިޔަފާރިއެއް ހޮވައި، އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. މީގެ އިތުރުން އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭންއާ އެއްގޮތަށް ކާމިޔާބު ކަމާއެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ބޭންކުން ފޯރުކޮށްދޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ސްޓާޓަޕް ގްރާންޓްގެ އެހީގައި ރާއްޖޭގައި ކުރިއަރަމުންދާ ސްޓާޓަޕް ކޮމިއުނިޓީ އަށް އެހީތެރިވެ، އަލަށް ފަށާ ވިޔަފާރިތައް ކާމިޔާބު ވިޔަފާރިތަކަށް ހަދައި އެފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާނެކަމަށެވެ.

"އަޅުގަނޑުމެންގެ އެސްއެމްއީ ޓީމުގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ސްޓާޓްޕް ގްރާންޓް ކާމިޔާބު ކުރި ވިޔަފާރިތައް އަންނަނީ ވިޔަފާރިތައް ފެށުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެން އެދެނީ މިއަހަރުވެސް އީޖާދީ، ދެމެހެއްޓެނެވި ޕްރޮޕޯސަލްތަކެއް ހުށަހެޅިގެންދިއުން." ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓަށް ހުށަހެޅުމުގެ ސުންގަނޑިއަކީ 2 ޖުލައި ވަނަ ދުވަހުގެ ރޭ 12:00 ގެ ކުރިންނެވެ. ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރާ ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ހަރުދަނާ އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައިކަމަށް ބީއެމްއެލްއިން ބުނެއެވެ.

ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން، އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅަންވާނެކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިންނެވެ. މި ހިލޭ އެހީގެ ދަށުން މިދިޔަ އަހަރު ބޭންކުން ވަނީ ހަތަރު ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.