އެޕަލް ކުންފުނީގެ އެކި ޑިވައިސްތައް އުފައްދާ އެންމެ ބޮޑު ކާރުހަނާއަށް އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އިނާޔަތް ބޮޑުކުރަން ނިންމައިފިއެވެ.
އައިފޯނާއި އެޕަލްގެ އެހެނިހެން ޑިވައިސްތައް އުފައްދާ އެންމެ ބޮޑު ކާރުހާނާއަށް މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތްކުރަން ފަށާފައި މިވަނީ މިއަހަރު ފަހުކޮޅު އައިފޯނުގެ އައު މޮޑެލްއެއް ތައާރަފްކުރުމަށް އެޕަލްއިން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
އައިފޯން ސިޓީގެ ނަމުން މަޝްހޫރުވެފައިވާ އެޕަލްގެ އައިފޯނު އުފައްދާ އެންމެ ބޮޑު ކާރުހާނާއަކީ ޗައިނާގައި ހެނާން ޕްރޮވިންސްގެ ޗެންޖޯގައި ޓައިވާނުގެ ފޮކްސްކޮން ކުންފުނިން ހިންގާ ކާރުުހާނާއެކެވެ. މި ކާރުހާނާގައި ދެ ލައްކައަށްވުރެ ގިނަ މީހުން މަސައްކަތްކުރެއެވެ.
ފޮކްސްކޮން ކުންފުނިން މިހާރު ވަނީ ކާރުހާނާގެ ވަޒީފާތަކަށް މީހުންގެ ޝަޢުޤުވެރިކަން އިތުރުކުރުމަށް ބޯނަސްތައްވެސް ތައާރަފްކޮށްފައެވެ. އެގޮތުން ވަޒީފާއަށް އަލަށް ނިކުންނަ މީހުން މަދުވެގެން 3 މަސްދުވަހު ވަޒީފާގައި ދެމިހުރެއްޖެނަމަ އިތުރު ބޯނަސްއެއް ލިބޭނެއެވެ. އަދި މިހާރު ވަޒީފާގައި އުޅޭ ފަރާތްތަކުން އިތުރު މުވައްޒަފަކު ހޯދަން އެހީތެރިވެއްޖެނަމަ އެކަމަށްވެސް ބޯނަސްއެއް ދިނުމަށް ވަނީ ނިންމާފައެވެ.
އައިފޯން ސިޓީއަށް މުވައްޒަފުން ހޯދުމުގެ މަސައްކަތްކުރަން ފަށާފައި މިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހު އައިފޯނު 15 ލޯންޗުކުރުމަށް އެޕަލްއިން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.