ވިޔަފާރި

އެމްޕީއެލްގެ ފައިދާއިން ސަރުކާރަށް 67.5 މިލިއަން ރުފިޔާގެ ޑިވިޑެންޑެއް


މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް، އެމްޕީއެލްއަށް 2022 ވަނަ އަހަރު ލިބުނު ފައިދާއިން ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް 67.5 މިލިއަން ރުފިޔާ ދެއްކުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.

އެމްޕީއެލްގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ރޭ މީރުމާ އިވެންޓް ހޯލްގައެވެ.

އެމްޕީއެލްއަށް 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ޖުމްލަ 809 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު %15 ގެ ކުރިއެރުމެވެ. ސާފު ފައިދާގެ ގޮތުގައި ޖުމްލަ 108.9 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ 2021 އަޅާބަލާއިރު %43 ގެ ކުރިއެރުމެކެވެ.

އަހަރީ ޢާންމު ޖަލްސާގައި ސަރުކާރަށް ޑިވިޑެންޑްގެ ގޮތުގައި 67.5 މިލިއަން ރުފިޔާ ދެއްކުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު %78 ގެ ކުރިއެރުމެއްކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން، އެމްޕީއެލްގެ ސީ.އީ.އޯ ޝާހިދު އަލީ ވަނީ 2022 ވަނަ އަހަރު ކުންފުނިން ހާސިލްކުރި މުހިންމު ލަނޑުދަނޑިތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން 2022 ވަނަ އަހަރަކީ އޮޕަރޭޝަންސް އާއި މާލީ ގޮތުންވެސް ކުންފުންޏަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ޝާހިދު ފާހަގަކުރެއްވިއެވެ.

"މި ނިމިގެންދިޔައަ 2022 ވަނަ އަހަރު އަޅުގަނޑުމެންގެ އާމްދަނީ ވަނީ ޕްރީ-ކޮވިޑްގައި ހުރި މިންވަރަށް އަރައިފަ. އަދި މި އަހަރުގެ މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގ ޕާފޯމަންސް ޕްރީ-ކޮވިޑަށްވުރެ ވެސް ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ" ޝާހިދު ވިދާޅުވި އެވެ.

މި ޖަލްސާގައި 2022 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓް ރިޕޯޓާއި އޮޑިޓްކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތައް ވަނީ ފާސްކޮށްފައެވެ. މި ޖަލްސާގައި މިއަހަރަށް އެ ކުންފުނީގ އކްސްޓަރނަލް އޮޑިޓަރ އައްޔަންކޮށްފައިވަނީ ކޭޕީއެމްޖީއެވެ.

އެމްޕީއެލްއަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެމްޕީއެލްގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފިނޭންސް މިނިސްޓްރީ ތަމްސީލްކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަނަސް އަބްދުއްސައްތާރެވެ. މީގެއިތުރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުގެ ނާއިބު ރައީސް މުޙައްމަދު ފިރާޒާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެމްޕީއެލްގެ އޮޑިޓަރ ކޭޕީއެމްޖީގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ.