ޔޫއެންޑީޕީގެ ގްލޯބަލް ހެލްތު ޕްރޮކިއުމަންޓް ޚިދުމަތް މެދުވެރިކޮށް ރާއްޖެއަށް ގަނޑުކޮށް ހެޔޮ އަގުގައި ކޮލިޓީ ބޭސް ހޯދުމުގެ އެއްބަސްވުމެއްގައި ފިނޭންސް މިނިސްޓްރީން ޔޫއެންޑީޕީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި އެއްބަސްވުމުގެ ބޭނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އެންމެންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭހާއި ފާމަސޫޓިކަލްސް ހޯދުމާއި ސަޕްލައިކޮށް، ޢާންމު ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކުރުން ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ޑެންމާކުގެ ކޯޕެންހޭގަންގައި ހުންނަ ޔޫއެންޑީޕީގެ ގްލޯބަލް ހެލްތު ޕްރޮކިއުމަންޓް ސެންޓަރުގެ ކޮލިޓީ އެޝުއަރެންސް ޓީމުން ބޭހުގެ ކޮލިޓީ ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެއެވެ. އަދި އެ ޓީމުގެ އިތުރުން ބޭހުގެ ކޮލިޓީ ކޮންޓްރޯލް ކުރުމަށްޓަކައި މި ޕްރޮޖެކްޓްގެ ސްޓިއަރިން ކޮމިޓީގައި ފުޑް އެންޑް ޑްރަގް އޮތޯރިޓީވެސް ހިމަނާފައިވެއެވެ.
Government of Maldives signs an agreement with @UNDPMaldives today on the bulk procurement of medicine to the Maldives through UNDP’s global health procurement services, bringing high-quality medicine to our doorstep at a lower cost. 1/3 pic.twitter.com/Wpbu7b1O7v
— Ministry of Finance (@MoFmv) June 1, 2023
މި އެއްބަސްވުމުގެ ދަށުން އަވަސް މުއްދަތެއްގެ ތެރޭޣައި ބޭސް ގެނައުމަށް ފަސޭހަވުމާއި، ބޭސް ލިބުމަށް ހުންނަ ދަތިތައް ހައްލުވެގެން ދިއުމުގެ އިތުރުން، ސިއްހީ ނިޒާމުގައި މިހަރު ހުރި ބައެއް މައްސަލަތައް ހައްލުވެ، ސިއްހީ ދާއިރާގެ ޕްރޮކިއުމެންޓް ނިޒާމުވެސް އިތުރަށް ހަރުދަނާކުރުމަށް އެހީތެރި ވެގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއާއި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސައީދުއެވެ. ޔޫއެންޑީޕީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑަންޓް ރިޕްރެޒެންޓޭޓިވް އެންރިކޯ ގަވޭލިއާއެވެ.