ވިޔަފާރި

މިއަހަރުގެ މެދުތެރޭ އެމްއެސްއެސްއިން އައްޑޫއަށް ދަތުރުތައް ފަށަނީ


މޯލްޑިވްސް ސްޓޭޓް ޝިޕިންއިން މިއަހަރުގެ މެދުތެރޭ އައްޑޫ ސިޓީއަށް ކޮންޓެއިނަރގެ ޚިދުމަތް ފަށާނެކަމަށް އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

އެމްއެސްއެސްއިން ބުނީ އައްޑޫ ސިޓީއަށް މި ދަތުރުތައް ފެށުމާއެކު ދުނިޔޭގެ ކޮންމެ ތަނަކުންވެސް އައްޑުއަށް މުދާ ގެނެވޭނެކަމަށެވެ. އަދި މާލެއިން އައްޑުއަށް މުދާ އުފުލުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ލިބޭނެކަމަށެވެ.

މި ދަތުރުތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވީ، މި ބޯޓަކީ އަތޮޅުތެރޭގެ ރަށްރަށައް ފަސޭހަކަމާއިއެކު މުދާ ފޯރުކޮށްދިނުމުގެ ގޮތުން ގެންނަ މަލްޓިޕާފަސް ބޯޓެއްކަމަށެވެ. މި ބޯޓުގެ ދަތުރުތައް އައްޑޫއަށް މިއަހަރުގެ މެދުތެރޭ ފެށިގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.

"މިއަހަރުގެ މެދެއްހާ ހިސާބުގައި މި ބޯޓު އޮޕަރޭޝަނަށް ގެނެވި އައްޑޫ ސިޓީއަށް ޑައިރެކްޓް ކޮންޓެއިނަރ ސަރވިސްގެ ހިދުމަތް ދިނުމަށް މިދަނީ މަސައްކަތް ކުރަމުން. މި އޮޕަރޭޝަނާއިއެކު ކާޑު ފޯރުކޮށްދިނުމަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ. އަދި ކޮންސްޓްރަކްޝަން މެޓީރިއަލްފަދަ މުދަލުގެ ބާވަތްތައް ދެކުނުގެ އަތޮޅުތަކުގައި ރައްކާކުރެވި ކާޑާއި މިފަދަ މުދާ ލާމަރުކަޒު ކުރެވިގެންދާނެ" ޢަބްދުﷲ ސައީދު ވިދާޅުވިއެވެ.

ޢަބްދުﷲ ސައީދު ވިދާޅުވީ، މި ބޯޓާއިއެކު ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ކޮންޓެނަރައިޒް ކޮށްގެން މަސް އެކްސްޕޯޓްވެސް ކުރާނެކަމަށެވެ. ސައީދު ވިދާޅުވީ، ނިމުނު 2022 ވަނަ އަހަރަކީ އެމްއެސްއެސްއަށް ވަރަށް ކާމިޔާބު އަހަރެއްކަމަށެވެ. ކުންފުނި އުފެދުނުތާ 3 އަހަރުގެ ތެރޭގައި އެ ކުންފުނި ވަނީ ކާމިޔާބު ކުންފުންޏަކަށް ބަދަލުވެފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކުންފުނިން 2 ބޯޓެއް ގަނެ ވަނީ އޮޕަރޭޝަންގައި ބޭނުންކުރަން ފެށިފައި. އަދި ޖުމްލަ 3 ބޯޓު ކުންފުނީގައި މިހާރު ބޭނުންކުރެވެމުންދޭ. ބަލްކް ކެރިއަރ އެމްއެސްއެމް ކްރޮމްއިން ޔޫއެސްއޭއާއި މާލެއާއި ދެމެދު ދަތުރުތައް ފަށާފައިވާއިރު، ކޮންޓެއިނަރ ބޯޓު އެމްއެސްއެސް ގްރެފިންއިން ވަނީ ކޮލަންބޯ އަދި މާލެއަށް ދަތުރުތައް ފަށާފައި" ސައީދު ވިދާޅުވިއެވެ.

އެމްއެސްއެސްއިން 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުވެސް ވަނީ އިންޑިއާގެ ޓުޓްކޮރިންއިން އައްޑޫ ސިޓީއަށް ދަތުރު ކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މާރޗު މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ މި ދަތުރުތައް ހުއްޓާލައިފައެވެ. ސަބަބެއްކަމަށް އެއިރު ބުނީ އެ ސަރަޙައްދުގައި ބޭނުންކުރަމުން ދިޔަ ބޯޓާއި އެކަށީގެންވާ ވަރަށް މުދާ ނުލިބުމެވެ.

އެމްއެސްއެސްއިން ބުނީ އެ ކުންފުނިން އައްޑޫއަށް ފަށަން ތައްޔާރުވަމުން އަންނަ ދަތުރުތަކުގައި ބޭނުންކުރާނީ އެ ސަރަޙައްދުގައި އޮޕަރޭޓްކުރުމަށް އެންމެ އެކަށީގެންވާ ސައިޒުގެ ބޯޓެއްކަމަށެވެ. އަދި މިފަހަރު ދަތުރު ފެށުމުގެ ކުރިން އެ ކުންފުނިން މިހާރު ހިސާބުޖަހާފައިވާ ކަމަށާއި މިފަހަރު ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮޖެކްޓް ކުރިއަށްދާނެކަމުގެ އުންމީދު ބޮޑުކަމަށެވެ.