ހުވަދު އަތޮޅު ދެކުނުބުރީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ބައިނަލްއަޤްވާމީ އެއަރޕޯޓެއް ނެތުންކަމަށް އެ އަތޮޅުގެ ކައުންސިލްތަކާއި ވިޔަފާރިތަކުން ފާހަގަކޮށްފިއެވެ.
ގދ.އަތޮޅުގެ ކައުންސިލްތަކުންނާއި ވިޔަފާރިތަކުން އެކަން ފާހަގަކުރީ ޓޫރިޒަމް މިިނިސްޓަރ އަބްދުﷲ މައުސޫމް އެ އަތޮޅަށް ކުރެއްވި ޒިޔާރަތުގައެވެ.
"ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮގްރާމް"ގެ ދަށުން ގދ.އަތޮޅަށް ޓޫރިޒަމް މިނިސްޓަރ ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ 8 ރަށަކަށް ޒިޔާރަތްކުރެއްވިއެވެ. އެއީ ތިނަދޫ، މަޑަވެލި، ހޯޑެއްދޫ، ގައްދޫ، ވާދޫ، ރަތަފަންދޫ، ފިޔޯރީ، ފަރެސްމާތޮޑާއެވެ.
މި ދަތުރުގައި އެ ރަށްރަށުގެ ކައުންސިލާއި އަދި ވިޔަފާރިވެރިން އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއަރުވަން ހުރި އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިންޓަނޭޝަނަލް އެއަރޕޯޓް ނެތުމުގެ ދަތިކަމެވެ.
ޑޮމެސްޓިކް ފްލައިޓްތަކުގެ އަގު ބޮޑުވުމުގެ ސަބަބުން ފަތުރުވެރިން އެ ސަރަހައްދުތަކަށް ގެންދިއުމަށް ދަތިވެފައިވާކަން މިނިސްޓަރާއި ހިއްސާކުރެއްވިއެވެ. އަދި އެ ސަރަހައްދުގެ ރަށްރަށުގައި ތައްޔާރުކުރާ ދިވެހި ލުއި ކާނާއާއި އެހެނިހެން ތަކެތި ރިސޯޓްތަކަށް މާކެޓްކުރުމުގައި ހުރި ދަތިތައް ހުރިކަންވެސް ޓޫރިޒަމް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި އެ އަތޮޅުގެ ވިޔަފާރިވެރިން ފާހަގަކުރިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ވިޔަފާރިވެރިންނާއި ކައުންސިލްތަކުން ފާހަގަކުރެއްވި ކަންކަން ހައްލުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމަށްޓަކައި ކައުންސިލްތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރައްވަމުންގެންދަވަނީ ކޮންމެ ރަށެއްގައި ހުރި ތަފާތު ކަންކަން ދެނެގަނެ،، އެކަންކަން މެދުވެރިކޮށް ކޮންމެ ރަށެއްގައިވެސް ރަށު ފަތުރުވެރިކަން ތަރައްޤީކޮށް، އެއިން ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވުމަށެވެ.
ޓޫރިޒަމް މިނިސްޓަރ ގދ.އަތޮޅަށް ކުރެއްވި ޒިޔާރަތުގައި އެ އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީތަކާއި، އަމިއްލަ ޖަމުއިއްޔާތަކާއިވެސް ބައްދަލުކުރައްވައި، ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން ބައްދަލުކުރެއްވިއެވެ. އަދި އެރަށްތަކުގައި ހުރި ފަތުރުވެރިކަމުގެ ސައިޓްތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވެވިއެވެ.
@MoTmv Tourism Diversification team, FENAKA MD @myfoona & Atoll Council President @faihath visited G.Dh Rathafandhoo on 10th June. Team met Council President Mohamed Abdulla & members, WDC & entrepreneurs, discussed community-based tourism development & visited tourism sites. pic.twitter.com/puFXwS6RTu
— Ministry of Tourism (@MoTmv) June 12, 2023
ރާއްޖޭގެ އުތުރާއި ދެކުނަށް ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ގަން އިންޓަނޭޝަނަލް އެއަރޕޯޓް އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. މި 2 އެއަރޕޯޓް ތަރައްޤީވުމާއިއެކު އެ 2 އެއަރޕޯޓުން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ އަދަދު އިތުރުވެ ފަތުރުވެރިކަން ކުރިއަރައިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިގޮތުން އައްޑޫ ސިޓީ ގައުމުގައި ތަރައްޤީކުރާ އެއަރޕޯޓާއެކު ގދ.އަތޮޅުގައި ހިމެނޭ ދެކުނުގެ އަތޮޅުތަކުގެ ފަތުރުވެރިކަން ކުރިއަަރައިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.