ދުނިޔޭގެ ވިޔަފާރި

ޗައިނާއިން އުފެއްދުންތައް މަނާކުރުމުން އާމްދަނީއަށް އަސަރުކުރާނެ: މައިކްރޯން


މެމޮރީ ޗިޕް އުފައްދާ އެމެރިކާގެ އެންމެ ބޮޑު ކުންފުނި، މައިކްރޯން ޓެކްނޮލޮޖީގެ އުފެއްދުންތައް ޗައިނާއިން މަނާކުރުމުން ކުންފުންޏަށް ލިބޭ އާމްދަނީ އަށް އަސަރުކުރާނެ ކަމަށް މައިކްރޯން ކުންފުނިން ބުނެފިއެވެ.

ޗައިނާއިން އުފެއްދުންތައް މަނާކުރުމުން މިހާރުވެސް ކުންފުނީގެ ހިއްސާ 2 އިންސައްތަ ދަށްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ބުނެ، މައިކްރޯން ކުންފުނީގެ އުފެއްދުންތައް މަނާކުރަން ޗައިނާއިން ނިންމީ މިދިޔަ މޭ މަހުއެވެ.

މައިކްރޯން ކުންފުންޏާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން ޗައިނާގެ ކުންފުނިތަކުން ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށް މިކަމުގެ ސަބަބުން އަސަރުކުރާނެއެވެ. ޗައިނާ އާއި ހޮންކޮންގްގެ ކުންފުނިތަކުން ލިބޭ އާމްދަނީ އަކީ ޑިސްޓްރިބިއުޓަރުން މެދުވެރިކޮށް ސީދަ އަދި ނުސީދާކޮށް ކުރާ ވިޔަފާރިން ލިބޭ އާމްދަނީއެވެ. އަދި މިއީ ކުންފުނީގެ ޖުމްލަ އާމްދަނީގެ ހަތަރުބައި ކުޅަ އެއްބައެވެ.

މައިކްރޯން ކުންފުނީގެ އުފެއްދުންތައް ޗައިނާއިން މަނާކުރުމާ ގުޅިގެން ޗައިނާގެ ސައިބަރ ސްޕޭސް ރެގިއުލޭޓްކުރާ އިދާރާއިން ބުނެފައިވާ ގޮތުން މައިކްރޯން ކުންފުނިން ފޯރުކޮށްދޭ މެމޮރީ ޗިޕްތަކުގެ ސަބަބުން އެ ގައުމުގެ ނެޓްވޯކްތަކުގެ ސެކިއުރިޓީއަށް ނުރައްކާ އެބައޮތެވެ. އެހެންކަމުން ޗައިނާގައި ހިންގާ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކުގައި މައިކްރޯން ކުންފުނީގެ އުފެއްދުންތައް ބޭނުންކުރުން މަނާކުރަން ޗައިނާ އިން ނިންމީއެވެ.

މެމޮރީ ޗިޕް އުފައްދާ ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން މީގެކުރިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު މިއީ މެމޮރީ ޗިޕް އުފައްދާ އެމެރިކާގެ ކުންފުންޏަކާއި ދެކޮޅަށް ޗައިނާއިން ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ. އެމެރިކާ ސަރުކާރުން ބުނީ މިއީ މެމޮރީ ޗިޕްގެ މާކެޓަށް ދަތިކުރުމަށް ޗައިނާއިން ކުރާކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައްޗެއް ކުރިމަތިނުވާނެކަން ޔަގީންކުރަން މަސައްކަތް ކުރާނެކަމަށްވެސް އެމެރިކާގެ އޮފިޝަލުން މީގެކުރިން ވަނީ ބުނެފައެވެ.

ޗައިނާގެ ނިންމާ ގުޅިގެން އެކަން ދިރާސާކުރަމުން އަންނަކަމަށްވެސް މައިކްރޯން ކުންފުނިން މެއި މަހު ވަނީ ބުނެފައެވެ. އަދި މިކަމާއި ގުޅޭގޮތުން ޗައިނާގެ ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށް ބޭނުންވާކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.