ޚަބަރު

މަތީތަޢުލީމު ޙާސިލުކުރިނަމަވެސް، ގޭތެރޭގެ މަސައްކަތް ދަސްކުރަންވާނެ: މިނިސްޓަރ


ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމު ޙާސިލުކުރިނަމަވެސް، ގޭތެރޭގެ އެކި މަސައްކަތްތައް ދަންނަ ކުއްޖަކަށްވެސް ވާންޖެހޭކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގައި ހުރި އެކި ފުރުސަތުތަކުގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ އޯޕަންޑޭ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ، ދިރިއުޅުމުގެ އެކި މައިދާންތަކުގައި ބޭނުންކުރެވޭނެ ހުނަރު ދަސްކޮށްދީ އެމަޢުލޫމާތު ލިބޭނެ ފުރުސަތު މިއަދު ވަރަށް ބޮޑަށް ފަހިވެ، ފުޅާވެފައިވާކަމަށެވެ. އެހެންކަމުން އެފުރުސަތުގެ ބޭނުންކޮންމެ ކުއްޖަކުވެސް ހިފުމަށް މިނިސްޓަރ ވަނީ ނަސޭޙަތްތެރިވެވަޑައިގަންނަވާފައެވެ.

މިނިސްޓަރ ވަނީ، ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމު ޙާސިލުކުރިނަމަވެސް، ގޭތެރޭގައި ހުންނަ އެކި މަސައްކަތްތައް އެހެން މީހަކަށް ބަރޯސާ ނުވެ، އަމިއްލައަށް ކޮށްލެވޭވަރުގެ ކުއްޖަކަށް ކޮންމެ ކުއްޖަކުވެސް ވާންޖެހޭކަމަށެވެ.

"މިތަނުގައި ދަސްކޮށްމިދޭ ގިނަ ކަންތައްތަކަކީ، ކޮންމެ ދުވަހަކުވެސް ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަން. އަޅުގަނޑ ޤަބޫލުކުރާގޮތުގައި، ކޮންމެ ފިރިހެން ކުއްޖަކުވެސް އަދި ކޮންމެ އަންހެން ކުއްޖަކުވެސް ކޮންމެވެސް ހުނަރެއް ދަސްކުރަންވާނެ. އަދި ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމާއި ތަމްރީނު ހޯދިކަމުގައިވީނަމަވެސް ގޭތެރޭގައި ދިމާވާ ކުދިކުދިކަންކަން ކޮށްލަން އެނގެންޖެހޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޕޮލިޓެކްނީކްގެ އޯޕަންޑޭގެ އެއް މަޤްސަދަކީ، އެފަދައިން ހުރި ދިރިއުޅުމަށް ބޭނުން އެކި ހުނަރުތައް ދަސްކުރުމުގެ ފުރުސަތުތަކާއި ގުޅޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ، އެކުދިން މެދުވެރިކޮށް ސްކޫލްގެ އެހެން ދަރިވަރުންނާއި ހަމައަށް އެމަޢުލޫމާތުތައް ފޯރުކޮށްދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕޮލިޓެކްނިކްގެ އޯޕަންޑޭގައި ވަނީ މާލެ ސަރަޙައްދުގައި ހިންގަމުން އަންނަ އެކި ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ގްރޭޑް 10އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށް ޕޮލިޓެކްނިކްގައި ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ދީފައެވެ. އެގޮތުން ސްކޫލް ނިންމުމަށްފަހު ކުރިއަށްދާން ހުރި އެކި ފުރުސަތުތަކުގެ މަޢުލޫމާތު ވަނީ ދީފައެވެ.

އޯޕަންޑޭގައި މާލެ ސަރަޙައްދުގެ އެކި ސްކޫލްތަކުން 92 ދަރިވަރުން ބައިވެރިވެފައިވާކަމަށް ޕޮލިޓެކްނިކްއިން ބުނެއެވެ. ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ހިންގާ ޕޮލިޓެކްނިކްގެ ކޯސްތަކަކީ މުޅިންވެސް ހިލޭ ކުރިއަށްގެންދާ ކޯސްތަކެއްކަމަށް ޕޮލިޓެކްނިކުން ބުނެއެވެ.