ދުނިޔޭގެ ވިޔަފާރި

އިންސްޓަގްރާމާއި ފޭސްބުކް ހިންގާ ކުންފުނިން، ޓްވިޓަރއާ ވާދަކުރަން އެޕެއް ނެރެނީ


  • ޓްވިޓަރއާ ވާދަކުރަން ނެރޭ އެޕްލިކޭޝަނަށް ދީފައިވާ ނަމަކީ ތްރެޑްސް

  • ތްރެޑްސްއަކީ ޓްވިޓަރއާއެކޭ އެއްގޮތަށް ޓެކްސްޓް ބޭސްޑް ކޮންވަޒޭޝަން އެޕްލިކޭޝަނެއް

  • އެކި ކަންކަމަށް ނަގަމުންދާ އަގުތަކުގެ ސަބަބުން ޓްވިޓަރއަށް ވަނީ ފާޑުކިޔުން އަމާޒުވެފައި

ޓްވިޓަރއާ ވާދަކުރަން ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާއިން ޑިވެލޮޕްކޮށްފައިވާ އެޕްލިކޭޝަން ބުރާސްފަތި ދުވަހުން ފެށިގެން ބޭނުންކުރެވޭނެ އެ ކުންފުނިން ބުނެފިއެވެ.

ފޭސްބުކްގެ އިތުރުން، އިންސްޓަގްރާމާއި، ވަޓްސްއެޕްގެވެސް ބެލެނިވެރި ކުންފުނި، މެޓާއިން ޓްވިޓަރއާ ވާދަކުރަން ނެރޭ އެޕްލިކޭޝަނަށް ދީފައިވާ ނަމަކީ ތްރެޑްސްއެވެ.

ފޭސްބުކްގެ ބާނީ، މާކް ޒަކަބާގް ކުންފުންޏެއްކަމަށްވާ މެޓާއިން ތަރައްޤީކޮށްފައިވާ ތްރެޑްސްއަކީ ޓްވިޓަރއާއެކޭ އެއްގޮތަށް ޓެކްސްޓް ބޭސްޑް ކޮންވަޒޭޝަން އެޕްލިކޭޝަނެއްކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެޕަލް އެޕް ސްޓޯރއިން މި އެޕްލިކޭޝަނަށް މިހާރު ޕްރީއޯޑަރ ކުރެވޭނެކަމަށާއި، އެޕްލިކޭޝަން އިންނާނީ އިންސްޓަގްރާމާއި ލިންކުކޮށްފައިކަމަށްވެސް މެޓާއިން ބުނެއެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ސްކްރީންޝޮޓްތަކުން ފެންނަގޮތުން ޓްވިޓަރއާ އެއްގޮތް ސިފަތަކެއް ތްރެޑްސް އެޕްލިކޭޝަންގެ ޑޭޝް ބޯޑުގައި ހުރެއެވެ.

ޓްވިޓަރއާ ވާދަކުރުމަށް މެޓާއިން އެޕްލިކޭޝަނެއް ނެރެން ތައްޔާރުވެފައި މިވަނީ، ޓްވިޓަރ ބޭނުންކުރުމުގެ އުސޫލަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިޔުން އެ އެޕްލިކޭޝަނަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ޓްވިޓަރއިން ވަނީ އަގު ނަގައިގެން އެކައުންޓްތައް ވެރިފައި ކުރުމާއި، ޓްވީޓް ފެންނަ މިންވަރު މަދުކުރުން ފަދަ ކަންކަން ތައާރަފްކޮށްފައެވެ.

މުޅިން ހިލޭ ބޭނުންކުރެވެމުންދިޔަ ޓްވިޓަރއަށް އާމްދަނީ ހޯދުމަށް ނިންމައި، އެކި ކަންކަމަށް އަގު ނަގަން ފެށީ ޓްވިޓަރގެ މެޖޯރިޓީ ކޮންޓްރޯލް މަޝްހޫރު މަލްޓި ބިލިއަނަރު އިލޯން މަސްކަށް ލިބުނު ހިސާބުންނެވެ.

ޓްވިޓަރއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެ އެޕްލިކޭޝަން ބޭނުންކުރުން ހުއްޓާލަން ބޭނުންވާ މީހުން އިތުރުވާކަމަށް ހަބަރުތައް ބުނާއިރު، ހިލޭ ބޭނުންކުރެވޭ ގޮތަށް މެޓާއިން ނެރޭ އެޕްލިކޭޝަން ވެގެންދާނީ ޓްވިޓަރގެ ބަދަލުގައި ގިނަ ބަޔަކު ބޭނުންކުރާނެ އެޕްލިކޭޝަނެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން ސަތޭކަ މިލިއަނެއްހާ މީހުން ބޭނުންކުރާ އިންސްޓަގްރާމާއި މި އެޕްލިކޭޝަން ލިންކު ކޮށްފައި ހުރުމުގެ ސަބަބުން އެޕްލިކޭޝަން ލޯންޗުކުރާއިރުވެސް ގިނަ އަދަދެއްގެ ބަޔަކު މި އެޕްލިކޭޝަން ބޭނުންކުރަން ފަށާނެކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

ޓްވިޓަރގެ ސިފަތައް ހިމަނައިގެން މާކް ޒަކަބާގްގެ މެޓާ ކުންފުނިން އެޕްލިކޭޝަނެއް ނެރެން ތައްޔާރުވާއިރު، މެޓާއިން މީގެކުރިންވެސް ވަނީ އެހެން ބައެއް އެޕްލިކޭޝަންތަކާއި އެއްގޮތަށް އެޕްލިކޭޝަންތައް ތައްޔާރުކޮށްފައެވެ. އެގޮތުން ޓިކްޓޮކާއި ސެނެޕްޗެޓްގެ ފީޗަރތައް ހިމަނައިގެން މެޓާއިން އެޕްތައް ނެރެފައިވާއިރު، އެ އެޕްތަކަކީ ކުންފުންޏަށް ފައިދާ ހޯދައިދެމުންދާ އެޕްލިކޭޝަންތަކެއްކަންވެސް ފާހަގަކޮށްލެވެއެވެ.