މިދިޔަމަހު ފަހުކޮޅު އެމެރިކާގައި މޫސުން ގޯސްވެ، އެތައް ހާސް ފްލައިޓެއް ކެންސަލްކޮށް، ދަތުރުފަތުރަށް ބުރޫ އަރާފައި އޮތްވާ އެއަރލައިނެއްގެ ސީއީއޯ ޕްރައިވެޓް ޖެޓެއްގައި ދަތުރުކުރި މައްސަލައިގައި އޭނާ މައާފަށް އެދިއްޖެއެވެ.
ފްލައިޓްތައް ކެންސަލްވުމުން އެތައް ބަޔަކަށް ދަތުރުނުކުރެވި އެއަރޕޯޓްތަކުގައި ތާށިވެފައި ތިއްބާ ޕްރައިވެޓް ޖެޓެއްގައި ދަތުރުކޮށްފައިވަނީ އެމެރިކާގެ އެންމެ ބޮޑު އެއް އެއަރލައިންކަމަށްވާ ޔުނައިޓެޑް އެއަރލައިންގެ ސީއީއޯ ސްކޮޓް ކަރބީއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކުރި ދަތުރުތަކުގެ ތެރޭގައި ކަރބީ ނިސްބަތްވާ ޔުނައިޓެޑް އެއަރލައިންވެސް ހިމެނެއެވެ.
މޫސުން ގޯސްވެފައި އޮތްވާ ކަރބީ ދަތުރުކުރީވެސް ފްލައިޓްތައް އެންމެ ބޮޑަށް ކެންސަލްކުރި ނިއުޖާޒީގެ ނެވާކް ސިޓީއާ ކައިރި ސަރަހައްދެއްގައި އޮންނަ އެއަރޕޯޓަކުންކަމަށްވެސް ހަބަރުތައް ބުނެއެވެ.
މިކަމާއި ގުޅިގެން ފާޑު ކިޔުން އަމާޒުވުމުން ކަރބީ ނެރުނު ބަޔާނުގައި ވަނީ ކަސްޓަމަރުންނާއި އޭނާގެ މުވައްޒަފުންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދޭކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ތަކުރާރުނުވާނެކަމަށްވެސް އޭނާ ނެރުނު ބަޔާނުގައި ބުންޏެވެ.
އެމެރިކާގައި ވައިގެ ދަތުރުތަކަށް ބުރޫއަރަން މެދުވެރިވީ ވިއްސާރައާއި ގުގުރުމާއެކު މޫސުން ވަރަށް ބޮޑަށް ގޯސްވެގެންކަމަށްވެސް ހަބަރުތައް ބުނެއެވެ. އެކަމާއި ގުޅިގެން މިދިޔަ ހަފްތާގައި 8000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައިވާކަމަށް ހަބަރުތައް ބުނެއެވެ.