ނިއުޒިލެންޑާއި ވިލާތުގެ އިއްތިހާދުން ފްރީ ޓްރޭޑް އެގްރީމެންޓެއްގައި ސޮއިކޮށްފިއެވެ.
ހޯމަދުވަހު ސޮއިކުރެވިގެންދިޔަ މި އެއްބަސްވުން ގާއިމްކުރުމުގެ މަޝްވަރާތައް އީޔޫއާއި ނިއުޒިލެންޑުން ފެށީ 2018 ވަނަ އަހަރުއެވެ.
4 އަހަރެއްހާ ދުވަހަށް ދިގުދެމިގެންދިޔަ މަޝްވަރާތަކަށްފަހު އީޔޫއާއި ނިއުޒިލެންޑުން ފްރީ ޓްރޭޑް އެގްރީމެންޓް، އެފްޓީއޭ ގާއިމްކުރުމާއި ގުޅޭގޮތުން ގޮތްތަކެއް ނިންމީ މިދިޔަ އަހަރުގެ ޖޫންމަހުއެވެ.
ފްރީ ޓްރޭޑް އެގްރީމެންޓް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހޯމަދުވަހު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ ޔޫރަޕިއަން ކޮމިޝަންގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ނިއުޒިލެންޑުގެ ބޮޑުވަޒީރު ކްރިސް ހިޕްކިން އާއި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސަލާ ވޮން ޑެ ލެޔެން ބައިވެރިވިއެވެ.
ޔޫރަޕްގެ 27 ގައުމު ހިމެނޭ އީޔޫއާއި، އޯޝަނިއާ ގައުމެއްކަމަށްވާ ނިއުޒިލެންޑުން މި އެއްބަސްވުން އެކުލަވާލުމުގެ މަގްސަދުތަކުގެ ތެރޭގައި، ދެ ފަރާތުގެ މެދުގައި ހިނގާ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރުކޮށް، އެއް ބަޔަކު އަނެއް ބަޔަކަށް ވިޔަފާރީގައި ލުއި ފަސޭހަ ގޮތްތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ހިމެނެެއެވެ.
މިދިޔަ އަހަރު އީޔޫއާއި ނިއުޒިލެންޑާއި ދެމެދު ހިނގި މުދަލުގެ ޓްރޭޑް ވެލިއު އުޅެނީ 9.5 ބިލިއަން ޑޮލަރުގައެެވެ. އަދި ސަރވިސް ޓްރޭޑާ ވެލިއު 3 ބިލިއަން ޑޮލަރަށްވުރެ އިތުރުކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. ނިއުޒިލެންޑުން 3 ވަނައަށް އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރަނީވެސް އީޔޫއަށެވެ. ނިއުޒިލެންޑުން އީޔޫއަށް މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ ދަނޑުވެރިކަމުގެ ސިނާއަތުގައި ހިމެނޭ މަސައްކަތްތަކުން ބާޒާރަށް ނެރޭ މުދަލެވެ. އަދި އީޔޫއިން ނިއުޒިލެންޑަށް މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ ފެކްޓަރީތަކުގައި އުފައްދާ މުދަލުގެ ތެރޭގައި ހިމެނޭ ތަކެެއްޗެވެ.
އިންވެސްޓްމަންޓްތަކަށް ބަލާއިރު ނިއުޒިލެންޑުގައި އީޔޫގެ ވިޔަފާރިތަކުން 9.3 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެެެއެވެ. އަދި އީޔޫގައި ހުރި ނިއުޒިލެންޑުގެ އިންވެސްޓްމަންޓްތަކުގެ އަގު 4.3 ބިލިއަން ޑޮލަރަށް އަރައެވެ. ނިއުޒިލެންޑާއެކު ގާއިމްކުރި އެފްޓީއޭގެ ސަބަބުން އީޔޫގެ 27 ގައުމަށް ލިބޭ ފައިދާތަކުގެ ތެރޭގައި، އެ ގައުމުތަކުގެ ކުންފުނިތަކުން ނިއުޒިލެންޑަށް އެކްސްޕޯޓްކުރާ ހުރިހާ މުދަލަކުން ނަގާ ޓެރިފްތައް ކަނޑާލުން ހިމެނެއެވެ. ޓެރިފް ކަނޑާލުމުން އީޔޫގެ ވިޔަފާރިތަކަށް އަހަރަކު 140 މިލިއަނެއްހާ ޔޫރޯ ސަލާމަތްކުރެވޭނެކަމަށް އަންދާޒާކުރެއެވެ.
އެފްޓީއޭގެ ސަބަބުން އީޔޫއިން ނިއުޒިލެންޑަށް އެކްސްޕޯޓްކުރާ މުދަލުގެ އަގު 4.5 ބިލިއަން ޔޫރޯއިން އިތުރުވެގެންދާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި އީޔޫއާއި ނިއުޒިލެންޑާއި ދެމެދު ހިނގާ ވިޔަފާރި މުއާމަލާތްތައްވެސް 30 އިންސައްތަ އިތުރުވެގެންދާނެކަމަށް އަންދާޒާކުރެއެވެ. ނިއުޒިލެންޑުގެ ބައެއް ސިނާއަތްތަކުގައި އިންވެސްޓްކުރުމުގެ ދޮރުވެސް މި އެއްބަސްވުމުގެ ސަބަބުން އީޔޫގެ ކުންފުނިތަކަށް ހުޅުވިގެންދާނެއެވެ. އޭގެތެރޭގައި ފައިނޭންޝަލް ސަރވިސް، ޓެލެކޮމިއުނިކޭޝަން، މެރިޓައިމް ޓްރާންސްޕޯޓް އަދި ޑެލިވަރީ ސަރވިސް ހިމެނެއެވެ. މިކަމުގެ ސަބަބުން އީޔޫގެ ޤައުމުތަކުން ނިއުޒިލެންޑުގައި އިންވެސްޓްކުރާ މިންވަރު 80 އިންސައްތަ އިތުރުވާނެކަމަށް އަންދާޒާކުރެއެވެ.
"މިއީ ވަރަށް ބޮޑު އުއްމީދުތަކެއް ކުރެވޭ އެއްބަސްވުމެއް. ދެ ފަރާތަކަށް ހަމަހަމަކޮށް ޤާއިމްކުރެވުނު އެއްބަސްވުމެއް. އެއްބަސްވުމުގެ ސަބަބުން އީޔޫގެ ވިޔަފާރި ކުންފުނިތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ" ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސަލާ ވޮން ޑެ ލެޔެން ވިދާޅުވިއެވެ. އެފްޓީއޭއިން ނިއުޒިލެންޑަށް ލިބޭ ފައިދާތަކުގެ ތެރޭގައި އެ ގައުމުން އީޔޫއަށް އެކްސްޕޯޓްކުރާ 97 އިންސައްތަ މުދަލުން މިހާރު ނަގާ ޓެރިފް ކަނޑާލާނެއެވެ. އޭގެސަބަބުން ނިއުޒިލެންޑުގެ ވިޔަފާރިތަކުން ޓެރިފްގެ ގޮތުގައި ދައްކަންޖެހޭ އެތައް މިލިއަން ޑޮލަރެއް ސަޅާމަތްކުރެވޭނެއެވެ. އަދި ނިއުޒިލެންޑުގެ ވިޔަފާރިތަކަށް އީޔޫގައި ވިޔަފާރިކުރަން މިހާރަށްވުރެ ފަހި މާހައުލެއް ގާއިމްކުރާނެއެވެ.
"އަހަރުން ބޭނުންވި ހުރިހާ ކަމެއް އެއްބަސްވުމުގައި ހިމެނިފައި ނެތަސް، ބޭނުންވި ވަރަށް ގިނަ ކަންކަން އެއްބަސްވުމުގައި އެބައޮތް" ނިއުޒިލެންޑުގެ ޓްރޭޑް އެންޑް އެކްސްޕޯޓް ގްރޯޓް މިނިސްޓަރ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އެއްބަސްވުމަކީ ޕެރިސް ކްލައިމެޓް އެގްރިމަންޓާއި އެއްގޮތަށް ޤާއިމްކޮށްފައިވާ އެއްބަސްވުމެކެވެ. އެގޮތުން ކާނާގެ ރައްކާތެރިކަމާއި ޔަގީންކަމާއި، މިންތީގެ ހަމަހަމަކަމާއި ތެލުގެ ބަދަލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ގުޅޭގޮތުން އެއްބަސްވުމުގައި ވަނީ މާއްދާތައް ހިމަނާފައެވެ.
އީޔޫއާއި ނިއުޒިލެންޑުން ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށޭނީ އީޔޫއާއި ނިއުޒިލެންޑްގެ ޕާލިމެންޓުން އެކަމަށް ރުހުން ލިބުމުންނެވެ. އީޔޫ ޕާލިމެންޓުން މިކަމަށް ރިހުން ލިބޭނެކަމުގެ ޔަގީންކަން އީޔޫ ކޮމިޝަނުން ދިންނަމަވެސް، މީގެކުރިން ބައެއް ފްރީ ޓްރޭޑާ އެގްރީމަންޓްތަކަށް ރުހުން ނުދޭނެ އީޔޫގެ ޕާލިމެންޓުން ނިންމާފައިވެެެެއެވެ. އަނެއްކޮޅުން ނިއުޒިލެންޑުގެ އާއްމު އިންތިހާބު އޮކްޓޫބަރުމަހު އޮންނާތީ މި އެއްބަސްވުމަށް ނިއުޒިލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބޭނީ އަންނަ އަހަރު މެދުތެރޭގައިކަމަށްވެސް އެ ގައުމުގެ އޮފިޝަލުން ލަފާކުރެއެވެ.