ޚަބަރު

އައިޖީއެމްއެޗްގައި "ޕެޓް ސްކޭން" ހެދުމަށް ބޭނުންވާ ސާމާނު ހޯދަން ހަވާލުކޮށްފި


  • ރައްޖޭގައި މިހާރުވެސް ކެންސަރަށް ފަރުވާ ހޯދާ 1200އަށްވުރެ ގިނަ މީހުން

  • ރާއްޖެއިން ބޭރުން ފޮލޯއަޕަށް ފޮނުވަން ޖެހޭ މައި އެއް ސަބަބަކީ ރާއްޖެއިން ޕެޓް ސްކޭން ނުހެދުން

  • މި ރެސްޓު ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އާއްމުން އައި ސަރުކާރުން ބޮޑު ހޭދައެއް ކުރޭ

ކެންސަރު ބައްޔާއި ގުޅިގެން ރާއްޖެއިން ބޭރުން އެންމެ ގިނައިން ހޯދާ ޚިދުމަތް، "ޕެޓްް ސްކޭން"ގެ ޚިދުމަތް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފެށުމަށް ބޭނުންވާ މެޝިނަރީ ގެނައުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އެސްޓީއޯއާއި ހަވާލުކުރައްވައިފިއެވެ.

"ޕެޓްް ސްކޭން"ގެ ޚިދުމަަތަކީ ކެންސަރު ބަލި ތަޙައްމަލުކުރާ މީހުން، ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވަންޖެހޭ މައިގަނޑު އެއް ސަބަބެވެ.

ރާއްޖޭގެ އާބާދީއަށް ބަލާއިރު ގައިންގަޔަށް ނާރާ ބަލިތައް އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގައި މަރުވާ މީހުންގެ %84 މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އާސަންދައިގެ ޚަރަދުތަކަށް ބަލާއިރުވެސް، އެންމެ ބޮޑު ޚަރަދެއް ހިނގަނީ ކެންސަރު ފަދަ ބަލިތަކަށް ރާއްޖެއިން ބޭރުން ހޯދާ ފަރުވާއަށެވެ.

ރާއްޖޭގައި ކެންސަރުބައްޔާއި ގުޅޭ ތެރަޕީގެ ޚިދުމަތްތައްދޭ މައި ހޮސްޕިޓަލް، ހުލުމާލޭ ހޮސްޕިޓަލްގައި މިހާރުވެސް 1200 އަށްވުރެ ގިނަ ކެންސަރ ޕޭޝަންޓުން ރެޖިސްޓްރީކޮށްް ފަރުވާ ހޯދަމުންދެއެވެ.

އަދި މިހާރު ރާއްޖެއިން ބޭރަށް ޕޭޝަންޓުން ފޮނުވަން ޖެހޭ އެންމެ ބޮޑު ސަބަބަކީ، ރާއްޖެއިން މިހާތަނަށްވެސް ހެދެން ނެތް "ޕޮސިޓްރޮން އެމިޝަން ޓޮމޮގްރަފީ" ޕެޓް ސްކޭންގެ ޚިދުމަތް ހޯދުމަށެވެ. މިއީ ހަށިގަނޑުގައި ކެންސަރު ބަލި ހުރިތޯ ބެލުމަށާއި ކެންސަރު ބަލި ފެތުރޭ މިންވަރު ބަލަން ހަދާ ޓެސްޓެކެވެ.

ކެންސަރު ބަލީގެ ފަރުވާއާއި ގުޅިގެން އަހަރަކު 1000އަށްވުރެ ގިނަ މީހުން ރާއްޖެއިން ބޭރަށް ފޮނުވާކަމަށް މިިނިސްޓްރީން ވިދާޅުވެއެވެ.

ހެލްތް މިނިސްޓްރީއިން ވިދާޅުވީ އައިޖީއެމްއެޗްގައި ޕެޓް ސްކޭންގެ ޚިދުމަތް ފެށުމަށް ނިންމި އެންމެ ބޮޑު ސަބަބަކީވެސް، ރާއްޖެއިން ބޭރުން މި ޚިދުމަތް ހޯދުމަށް އެކަަމަށް އާއްމުންނާއި، ސަރުކާރުން ކުރަމުން އައި ބޮޑު ހޭދަ ކުޑަކުރުންކަމަށެވެ. އެގޮތުން ޕެޓް ސްކޭން މެޝިނާއި، އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮތް ހެލްތާއި، އައިޖީއެމްއެޗް އަދި އެސްޓީއޯއާއި ދެމެދު މިވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުން ހަދާފައިވަނީ ދެ މަސް ދުވަހުގެ ތެރޭގައި، މިކަމާއި ގުޅޭ ވަސީލަތްތައް ގެނެސް ޚިދުމަތަށް ތައްޔާރުވުމަށެވެ.

ހެލްތް މިނިސްޓްރީއިން ވިދާޅުވީ، މެޝިން ބަހައްޓާ ނިންމުނުހާ އަވަހަށް ޚިދުމަތް ފަށާނެކަމަށެވެ.

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޝާހު މާހިރެއެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާޙިމް ސަލީމް އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އަޙުމަދު ނިހާދުއެވެ.

މިހާރު ރާއްޖެއިން ޕެޓް ސްކޭން ހެދެން ނެތުމުގެ ސަބަބުން، ހަމައެކަނި މި ސްކޭން ހެދުމަށް ރާއްޖެއިން ބޭރަށް ބަލި މީހުން ފޮނުވަންޖެހެއެވެ. އޭގެ ބަދަލުގައި ރާއްޖެއިން މި ޚިދުމަތް ލިބުމަކީ، އާއްމު މީހާގެ އަތުން ކުރާ ޚަރަދު ސަލާމަތްވެ ބަލިމީހާއަށްވެސް އޭގެ ބޮޑު ލިއފަސޭހައަކަށެވެ.