ޚަބަރު

ޕާސްޕޯޓް ގެއްލޭ މައްސަލަތައް އިތުރުވަނީ، ޖޫންމަހުގެ ނިޔަލަށް 500 މައްސަލަ


  • މިދިޔަ އަހަރު 800 ޕާސްޕޯޓް ގެއްލިގެން ހުށައެޅި

  • މިއަހަރުގެ މިހާތަނަށް 500 ޕާސްޕޯޓް ގެއްލިގެން ހުށައަޅާފައިވޭ

  • ޕާސްޕޯޓް ގެއްލޭ މައްސަލަ އިތުރުވާނަމަ ވިޒާ ނެތި ދަތުރުކުރުމަށް ހުރަހަކަށްވެދާނެ

ޕާސްޕޯޓް ގެއްލިގެން ރިޕޯޓްކުރާ ޢަދަދު އިތުރުވަމުން އަންކަމަށާއި، މިއަހަރުގެ މިހާތަނަށް 500އަށްވުރެ ގިނަ ޕާސްޕޯޓް ގެއްލިގެން ރިޕޯޓްކޮށްފައިވާކަމަ މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވާގޮތުގައި ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މިންވަރު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. މިއާއެކު ޕާސްޕޯޓް ހައްދަން އިމިގްރޭޝަނަށް ހުށައަޅާ މިންވަރުވެސް އިތުރުވަމުން އަންނަކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އިމިގްރޭޝަންގެ އިމިގްރޭޝަން އޮފިސަރ މިފްތާޙް މުޙައްމަދު ވިދާޅުވީ، ނިމިދިޔަ 2022 ވަނަ އަހަރު އެކަނިވެސް 56326 މީހުން ޕާސްޕޯޓް ހައްދާފައިވާކަމަށެވެ. އެއީ މަހެއްގެ މައްޗަށް 4700 ޕާސްޕޯޓެވެ. އަދި މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް 32500 ޕާސްޕޯޓް ހައްދާފައިވާކަމަށް މިފްތާޙް ވިދާޅުވިއެވެ. އެއީ މަހެއްގެ މައްޗަށް 5500 ޕާސްޕޯޓެވެ.

ކޮންމެ އަހަރެއްގެވެސް ބޮޑު ޗުއްޓީއާއި ދިމާކޮށް ޕާސްޕޯޓް ހައްދަން ހުށައަޅާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ މިފްތާހް ވަނީ ދުރާލާ ޕާސްޕޯޓް ހެއްދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެއީ ބޭނުންވާ މުއްދަތަށް ޕާސްޕޯޓް ލިބުމަށް ކުރެވޭނެ މުހިންމުކަމެއްކަމަށް މިފްތާހް ވިދާޅުވިއެވެ. ނަމަވެސް ބޮޑު ޗުއްޓިއާއި ދިމާކޮށް ގިނަ ބަޔަކު ޕާސްޕޯޓް ހެއްދުމަށް ހުށައަޅާތީ، ޕާސްޕޯތް ލިބުމުގައި ލަސްތަކެއް އުޅޭކަން މިފްތާހް ފާހަގަކުރެއްވިއެވެ.ނަމަވެސް އިމިގްރޭޝަންގެ ޑިޖިޓަލައިޒް ނިޒާމްގެ ދަށުން ފަސޭހައިން ޕާސްޕޯތަށް އެދި ހުށައެޅޭނެ އިންތިޒާމް ހަމަޖައްސާފައިވުމާއި، ރޭގަނޑު 09:00އާއި ހަމައަށް ޕާސްޕޯޓް ދޫކުރާ ގަޑި އިތުރުކޮށްފައިވުމުގެ ސަބަބުން ގިނަބަޔަކަށް އެކަމުގެ ފަސޭހަކަން ލިބެމުން އަންނަކަމަށްވެސް މިފްތާހް ވިދާޅުވިއެވެ.

މިއާއެކު އޭނާ ވަނީ ޕާސްޕޯތް ގެއްލިނގެން އިމިގްރޭޝަނަށް ހުށައަޅާ މިންވަރުވެސް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ނިމުނު 2022 ވަނަ އަހަރު އެކަނިވެސް 800 ޕާސްޕޯޓް ގެއްލިގެން ހުށައަޅާފައިވާކަމަށް މިފްތާހް ވިދާޅުވިއެވެ. އަދި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 500 ޕާސްޕޯޓް ގެއްލިގެން ހުށައަޅާފައިވާކަަމށާއި، މި ޢަދަދަށް ބަލާނަމަ މިއަހަރު ޕާސްޕޯޓް ގެއްލިގެން ހުށައަޅާ ޢަދަދު އިތުރުވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިފްތާހް ވިދާޅުވީ ޕާސްޕޯޓް ގެއްލޭ މިންވަރު އިތުރު ވުމަކީ އެކި ޤައުމުތަކަށް ދަތުރު ކުރުމުގައި ދިވެހިންނަށް ލިބިފައިވާ ލުއިފަސޭހަތަކަށް ހުރަހަކަށް ވެދާނެކަމެއްކަންވެސް ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ޕާސްޕޯޓަކީ ސެކިއުރެޓީ ގޮތުން ވަރުގަދަ ޕާސްޕޯޓެއްކަމުން ކުރިޔާލައި ވިޒާއެއް ނުނަގައި ގިނަ ޤައުމުތަކަކަށް ދަތުރުކުރެވުނު ނަމަވެސް، ޕާސްޕޯޓް ގެއްލޭ މައްސަލަތައް އިތުރުވާނަމަ ވިޒާ ނުނަގާ ދަތުރުކުރެވޭ ގައުމުތަކަށް މިކަން ފާހަގަކުރެވި ދަތުރު ކުރުމަށް އުނދަގުލެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް މިފްތާހް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާސްޕޯޓަކީ ސެކިރެޓީ ގޮތުން ވަރުގަދަ ޕާސްޕޯޓެއްލަމުން ދުރާލައި ވިޒާ ނެގުމަކާ ނުކައި ގިނަ ގައުމުތަކަށް މިހާރ ޕާސްޕޯޓުގެ އެހީގަ ދަތުރު ކުރެވޭ. ނަމަވެސް ޕާސްޕޯޓް ގެއްލުމުގެ ކޭސްތައް ގިނަވަނީނަމަ އެ ގައުމުތަކުން އެކަން ފާހަގަކުރެވި ދަތުރުކުރުމަށް އުނދަގުލެއް އައުމަކީ އެކަށީގެންވާ ކަމެއް." އިމިގްރޭޝަން އޮފިސަރ މިފްތާޙް މުޙައްމަދު ވިދާޅުވިއެވެ.

ހެންލީ ޕާސްޕޯޓު އިންޑެކްސްއިން ދައްކާގޮތުން ދިވެހި ޕާސްޕޯޓަކީ ދެކުނު އޭޝިޔާ ސަރަހައްދުގައިވެސް ބޭނުންކުރާ އެންމެ ބާރުގަދަ ޕާސްޕޯޓެވެ. ދިވެހި ޕާސްޕޯޓްގެ މޮބިލިޓީ ސްކޮރ ނުވަތަ ޕާސްޕޯޓް ހިފައިގެން ދަތުރުކުރެވޭ ޤައުމުތަކުގެ އަދަދު އުޅެނީ 90 އަށްވުރެ އިތުރެވެ. މިދިޔަ 5 އަހަރުތެރޭގައި 20 ވަރަކަށް ޤައުމަށް ދުރާލާ ވީޒާ ނުނަގައި، ދިވެހިންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިގެން ގޮސްފައެވެ.