ޚަބަރު

ދުރާލާ ވީޒާ ނެގުމަކާއި ނުލައި ދިވެހިންނަށް މިހާރު މިސްރަށް ދަތުރުކުރެވޭނެ


  • މިސްރަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް ވީޒާ ލިބޭނެ

  • 25 ޑޮލަރުގެ މި ވީޒާއަކީ ޓޫރިސްޓް ވީޒާއެއް

  • ވީޒާގެ ދަށުން 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެ

ދިވެހިރާއްޖެއިން މިޞްރަށް ދަތުރުކުރާ ދިވެހިން ދުރާލާ ވީޒާ ނުނަގައި އެ ޤައުމަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިފިއެވެ.

ދިވެހި ހާރިޖިއްޔާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް އޮންއެރައިވަލް ވީޒާއެެއް ލިބޭނެ އިންތިޒާމް މިސްރު ސަރުކާރުން ހަމަޖައްސާފައިވާކަމަށެވެ.

ދިވެހި ސަރުކާރާއި މިސްރު ސަރުކާރާއި ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު ހަމަޖައްސަވައިދެއްވި މި އިންތިޒާމާއެކު ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކުން މިޞްރަށް ދަތުރުކޮށް އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެއެވެ. އަދި މި ވީޒާއަކީ ޓޫރިސްޓް ވިސާއެއްކަމަށާއި މި ވީޒާގެ ފީއަކީ 25 ޑޮލަރުކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް އޮންއެރައިވަލް ވީޒާ ދިނުމަށް މިޞްރު ސަރުކާރުން ނިންމާފައިވީ ނަމަވެސް، 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް މިޞްރަށް ޒިޔާރަތްކުރާ ނުވަތަ ވަޒީފާ އަދާކުރުމަށް ނުވަތަ ތަޢުލީމް ޙާޞިލްކުރުމަށް ނުވަތަ މިޞްރުގައި ވިޔަފާރިކުރުމަށް ބޭނުންވާ ދިވެހިން މިޞްރަށް ދަތުރުކުމުގެ ކުރިން އެކަމަކާގުޅޭ ވީޒާއެއް ނަގަންޖެހޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ދިވެހިންނަށް އޮން އެރައިވަލް ވީޒާ ދިނުމަށް މިޞްރު ސަރުކާރުން ނިންމި މި މުހިންމު ނިންމުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމާއި، މިސްރުން ދިވެހިރާއްޖެއަށް ދޭ ޚާއްޞަ އަހައްމިއްޔަތުކަމުގެ ރަމްޒެއްކަަމަށް ދިވެހި ސަރުކާރުން ދެކޭކަމަށްވެސް ހާރިޖިއްޔާގެ ބަޔާނުގައިވެއެވެ.

މިސްރުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމް ހާސިލުކުރަމުންދާއިރު، އޮންއޮރެވައިލް ވީޒާ ހަމަޖެހުމަކީ އެ ދަރިވަރުންގެ އާއިލާތަކަށް ލިބޭނެ ފަސޭހައެއްގެ އިތުރުން، ވިޔަފާރިކޮށްލުމަށް ނުވަތަ ބޭސް ފަރުވާއަކަށް ނުވަތަ އެ ގައުމަށް ޒިޔާރަތްކޮށްލަން ބޭނުންވާ ދިވެހިންނަށްވެސް މިއީ ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ދޭދޭ ޤައުމުތަކާއިއެކު އޮންނަ ގުޅުން ބަދަހިވެ، އެގުޅުމުގެ ތެރެއިން ދިވެހިންނަށް އެޤައުމުތަކަށް ދަތުރުކުރުމަށް ފަސޭހަތައް ދަނީ ހަމަޖައްސައިދެއްވަމުންނެވެ. މިގޮތުން މިދިޔަ 5 ވަރަކަށް އަހަރު ތެރޭގައި ކުރެވުނު މަސައްކަތްތަކުން ދިވެހިންނަށް މިއަދު ގިނަ ޤައުމުތަކަކަށް ދުރާލާ ވީޒާ ނުނަގައި ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

100 އެއްހާ ޤައުމަށް ދުރާލާ ވީޒާ ނުނަގައި ދަތުރުކުރެވޭ ދިވެހި ޕާސްޕޯޓަކީ މިސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓަށްވެ، ދުނިޔޭގެ ނިސްބަތުންވެސް ބާރުގަދަ ޕާސްޕޯޓަކަށްވުމަށް ވަނީ މިސްރާބު ޖަހާފައެވެ.