ޚަބަރު

ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތުގެ ގޮތުގައި 26.7 މިލިއަން ރުފިޔާ


  • ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީން

  • ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި 7657 މީހުން

  • އަންގާރަދުވަހު އެކައުންޓްތަކަށް ވަނީ ފައިސާ ޖަމާކޮށްދެއްވާފައި

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ އެކައުންޓަކަށް މުދަލު ޒަކާތުގެ ފައިސާ ޖަމާކޮށްދެއްވާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްްޓްރީން ވިދާޅުވީ ނިމިގެންދިޔަ 1444 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 7657 މީހުންނަށް ޖަމާކޮށްފައިވާކަމަށެވެ. އެގޮތުން ބޮލަކަށް 3500 ރުފިޔާގެ މަގުން ޖުމްލަ 26.7 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި އެފަރާތްތަކުގެ އެކައުންޓްތަކަށް އަންގާރަ ދުވަހު ޖަމާކޮށްދެއްވާފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 7312.55 ރުފިޔާއެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ. އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

މުދަލު ޒަކާތް މީގެކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުންއައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. އެގޮތުން މީރާއަށް އޮންލައިކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ މޭ މަހުގެ ނިޔަލަށް 48.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 11.4 އިންސައްތަ އިތުރު ޢަދަދެކެވެ.