ދުނިޔޭގެ ވިޔަފާރި

ނެޓްފްލިކްސްގެ އުޞޫލުތަކަށް ބަދަލު ގެނަޔަސް ސަބްސްކްރައިބަރުން އިތުރުވެއްޖެ


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުން ބޭނުންކުރާ މަޝްޙޫރު ވީޑިއޯ ސްޓްރީމިންގ ޕްލެޓްފޯމް، ނެޓްފްލިކްސްއަށް ދެވަނަ ކުއާޓަރުގައި 6 މިލިއަން މީހުން ސަބްސްކްރައިބްކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއަހަރު ދެވަނަ ކުއާޓަރުގައި ނެޓްފްލިކްސްއަށް 6 މިލިއަން މީހުން ސަބްސްކްރައިބްކުރުމުން، އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ ޖުމްލަ ޢަދަދު 238 މިލިއަނަށް ވަނީ އަރާފައެވެ.

ނެޓްފްލިކްސްއަށް ސަބްސްކްރައިބް ކުރާ މީހުންގެ ޢަދަދު އިތުރުވެފައި މިވަނީ ނެޓްފްލިކްސް ބޭނުންކުރުމުގައި ކުރިން ގެންގުޅުނު އުޞޫލުތަކަށް ގެނައި ބަދަލަކާއެކު އެ ކުންފުންޏަށް ފައިސާ ނުވާނެކަމަށް ބެލެވިފައި އޮތްވާއެވެ.

ނެޓްފްލިކްސްއަށް މިފަހުން ގެނައި އެންމެ ބޮޑު ބަދަލަކީ ޕާސްވޯޑް އެހެން މީހުންނާއި ހިއްސާކުރާނަމަ އަގު ނަގަން ފެށުމެވެ. އަދި އެގޮތަށް އެހެން މީހުންނަށް ނެޓްފްލިކްސް ބޭނުންކުރަން ދޭނަމަ އެކަމަށް އިތުރު އަގެއް ނެގުމަށް ވަނީ ނިންމާފައެވެ.

100 އަށްވުރެ ގިނަ ޤައުމުގައި ނެޓްފްލިކްސްއިން ދޭ ޚިދުމަތް މި އުޞޫލަށް ބަދަލުކުރުމުން އެ ސަރަޙައްދުތަކުން ނެޓްފްލިކްސްއަށް ލިބޭ އާމްދަނީ އިތުރުވެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ނެޓްފްލިކްސްއަށް އާމްދަނީގެ ގޮތުގައި ވަނީ 8.19 ބިލިއަން ޑޮލަރު ލިބިފައެވެ. އަދި ސާފު ފާއިދާގެ ގޮތުގައި ވަނީ 1.49 ބިލިއަން ޑޮލަރު ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ފައިދާއާ އަޅާބަލާއިރު %3 އިތުރު ޢަދަދެކެވެ.

ނެޓްފްލިކްސް އިން ބުނާގޮތުން އެ ޕްލެޓްފޯމްގެ ޚިދުމަތް ހޯދުން ހުއްޓާލާ މީހުންގެ ޢަދަދަށްވުރެ ޚިދުމަތް ހޯދަން ރަޖިސްޓްރީކުރާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި ޕާސްވޯޑް ޝެއަރ ކުރުމަށް އަގު ނެގުން ވެގެން ގޮސްފައިވަނީ މިއަހަރު ނެޓްފްލިކްސްއަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ މައިގަނޑު ސަބަބުކަމަށްވެސް އެ ކުންފުނިން ބުނެއެވެ.