ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 ޤައުމު ނުވަތަ ޖީ-ޓުވެންޓީގެ ޤައުމުތަކުން ތެލާއި ބޯޓުދެއްޔާއި ގޭސްފަދަ ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރަން ހުށަހެޅި ހުށަހެޅުމަށް ބޮޑެތި ބައެއް ޤައުމުތަކުން ދެކޮޅު ހަދައިފިއެވެ.
މި ހުށަހެޅުން ހުށަހަޅާފައިވަނީ އިންޑިއާގެ ގޯއާގައި 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ ޖީޓުވެންޓީ ޤައުމުތަކުގެ ހަކަތައާބެހޭ ވަޒީރުންގެ ބައްދަލުވުމުގައެވެ.
އިންޑިއާގެ ގޯއާގައި ކުރިއަށް ޖީޓުވެންޓީގެ މިނިސްޓީރިއަލް ބައްދަލުވުމުގައި މަސައްކަތްކޮށްފައިވަނީ ޖީޓުވެންޓީގެ ޤައުމުތަކުން ފޮސިލް ފިއުލް ނުވަތަ ތެލާއި ގޭހާއި ބޯޓު ދެލި ބޭނުންކުރާ މިންވަރު މަދުކުރުމަށް ނިންމުމަށް ހުރިހާ ޤައުމެއްގެ ރުހުން ހޯދުމަށެވެ.
ޖީޓުވެންޓީގެ ގިނަ ޤައުމުތަކަކުން ވަނީ މި ހުށަހެޅުމާއި އެއްގޮތަށް ޖައްވަށް ވިހަ ގޭސް ބޭރުކުރާ ހަކަތަ އުފެއްދުން މަދުކުރަން ތާއީދުކޮށްފައެވެ. ނަމަވެސް ސައުދީ އަރަބިއްޔާފަދަ ބޮޑެތި ބައެއް ޤައުމުތަކުން މިކަމަށް ތާޢީދެއް ނުކުރެއެވެ.
އެ ހުށަހެޅުމަށް ތާއީދުނުކުރާ ޤައުމުތަކުން ބުނަނީ ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު މަދުކުރުމުގެ ބަދަލުގައި، ދޫކުރާ ވިހަ ގޭހުން ޖައްވަށް ނުރައްކާވާ މިންވަރު ކުޑަކުރުމާއި ގުޅޭ ޓެކްނޮލޮޖީތައް ތަރައްޤީކުރުން މުހިއްމުކަމަށެވެ.
ހަބަރުތައް ބުނާގޮތުން ފޮސިލް ފިއުލް އެންދުން މަދުކުރުމާއި ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތްކުރީ ސައުދީ އަރަބިއްޔާއެވެ. އަދި މީގެކުރިން ރަޝިޔާއާއި ޗައިނާއިންވެސް ވަނީ މިކަމާއި ދެކޮޅު ހަދާފައެވެ.
ޖީޓުވެންޓީގެ ގައުމުތަކުން ފޮސިލް ފިއުލް އެންދުން މަދުކުރުމަށް ހުރިހާ ޤައުމެއްގެ ރުހުން ނުލިބުނަސް، އެންމެ ކުރިއަރާފައިވާ 7 ޤައުމު ނުވަތަ ޖީ7ގެ ޤައުމުތަކުން ވަނީ ފޮސިލް ފިއުލް އެންދުން މަދުކުރުމަށް އެއްބަސްވެގެން، އެ މަސައްކަތް ފަށާފައެވެ.
ޖީޓުވެންޓީގެ ހަކަތައާ ބެހޭ ވަޒީރުންގެ އެންމެފަހުން ގޯއާގައި ބޭއްވި ބައްދަލުމަކީ މާބޮޑު ކާމިޔާބީތައް ލިބުނު ބައްދަލުވުމެއް ނޫންކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިގޮތުން ދެމެހެއްޓެނިވި ހަކަތައިގެ ތަރައްޤީއާ ގުޅޭގޮތުން އަމާޒުތަކެއް ކަނޑައަޅަންޖެހޭއިރު، އެކަންވެސް ކުރެވިފައިނުވާކަމަށް ހަބަރުތައް ބުނެއެވެ.
ތެޔޮ އަންދާ މިންވަރު 2030 ވަނަ އަހަރާއި ހަމައަށްދާއިރު 43 އިންސައްތަ މަދުކުރުމަށް ދުނިޔެއިން އަމާޒު ކަނޑައަޅާފައިވަނީ ދުނިޔޭގެ ހޫނުމިން ޕްރީ އިންޑަސްޓްރިއަލް ޒަމާނަށްވުރ1.5ެ ޑިގްރީ ސެލްސިއެސްއަށް ވުރެ މައްޗަށް ދިއުން ހުއްޓުވުމަށެވެ. ސައިންސްވެރިން ބުނާގޮތުން ޕްރީ އިންޑަސްޓްރިއަލް ޒަމާނަށްވުރެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް މައްޗަށް ގޮސްފިނަމަ އިންސާނުންނާއި ދުނިޔެއަށް އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެއެވެ.