އިސްލާމްދީނާމެދު ނަފްރަތު އުފެއްދުމަށް ތަކުރާރުކޮށް ހިންގަމުންދާ ދަށު ދަރަޖައިގެ އަމަލުތައް ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް ވީއެންމެ އަވަހަކަށް އެޅުމަށް ބައިނަލްއަގުވާމީ މުޖްތަމައުއަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިކަމަށް ގޮވާލީ ޑެންމާކުގައި ހުންނަ އިރާގުގެ އެމްބަސީ ކުރިމަތީގައި ޑެންމާކު ބަޔަކު މުސްހަފަށް އިހްތިރާމް ކުޑަކުރުމުގެ އަމަލުތަކެއްް ހިންގުމާއި ގުޅިގެން، އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރައްވައި ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައެވެ.
ޑެންމާކު ސަރުކާރުން ހުއްދަ ނަގައިގެން އެ ގައުމުގައި ހުންނަ އިރާގު އެމްބަސީ ކުރިމަތީގައި ހޯމަދުވަހު މުސްހަފް އަންދާފައިވަނީ ޑެންމާކުގެ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތަކަށް ނިސްބަތްވާ ދެ މީހެކެވެ. މިއީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މުސްހަފަށް އިހްތިރާމް ކުޑަކުރުމުގެ ގޮތުން ޔޫރަޕްގެ ސަރުކާރުތަކުން ހުއްދަ ދީގެން ބޭއްވި މިފަދަ 3 ވަނަ ހަރަކާތެވެ.
ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ބައެއްގެ ހިތުގައި އިސްލާމް ދީނާއި މެދު އޮތް ރުޅިވެރިކަމާއި ނަފްރަތު ދެއްކުމަށްޓަކައި ތަކުރާރުކޮށް ހިންގާ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކުރެވޭނެ ކަމެއްކަމަށް ބަލައިނުގަނެވޭނެކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގުމަށް ޖާގަ ދިނުމަކީ ނަސްލީ ތަފާތުކުރުންތަކާއި ބައިބައިވުމާއި ނަފްރަތު އުފެއްދުން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖްތަމަޢުން ވޭތުވެދިޔަ އަހަރުތަކުގައި ކޮށްފައިވާ މަސައްކަތްތަކުން ހޯދާފައިވާ ކުރިއެރުންތައް ގެއްލި، މުޖްތަމަޢުތަކުގައި ބިރުވެރިކަން އުފެދިގެންދާނޭކަމެއްކަމަށް ސަރުކާރުގެ ބަޔާނުގައި ވިދާޅުވިއެވެ.
ސަރުކާރުން ވިދާޅުވީ މިއީ އިސްލާމްދީނާއި މެދު ނަފްރަތު އުފެއްދުމަށް ހިންގާ މިފަދަ ނުރައްކާތެރި އަމަލުތައް ކުށްވެރިކޮށް، އެންމެނަށްވެސް އަމާންކަމާއެކު ދިރިއުޅެވޭނެ މުޖްތަމަޢުއެއް ބިނާކުރަން ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިވަންތަވާންވީ ވަގުތުކަމަށެވެ. އަދި އިސްލާމްދީނާއި ދެކޮޅަށް ތަކުރާރުކޮށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް ވީއެންމެ އަވަހަކަށް ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން ވަރުގަދަ ފިޔަވަޅުތައް އެޅުމަށް ދީވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ގޮވާލެއްވިއެވެ.
ޑެންމާކުގައި އިތުރުން، މިމަހުގެ 21 ވަނަ ދުވަހު ސްވިޑަންގައި ހުންނަ އިރާގު އެމްބަސީ ކުރިމަތީގައާއި މިދިޔަ އަޟްހާ އީދު ދުވަހު ސްވިޑަންގެ މިސްކިތެއް ކުރިމަތީގައި ވަނީ ގުރުއާން މުސްހަފަށް އިހްތިރާމް ކުޑަކުރުމުގެ އަމަލުތަކެއްް ހިންގާފައެވެ. ސްވިޑަންގައި ހިންގި މި އަމަލުތަކަކީވެސް އެ ގައުމުގެ ސަރުކާރުން ހުއްދަ ދީގެން ކުރިއަށްގެންދިޔަ ކަންތައްތަކެކެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުގައި އިސްލާމް ދީނާއި މެދު ނަފްރަތު އުފެއްދުމަށް ހިންގާ އަމަލުތައް މުސްލިމް ގައުމުތަކުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ކުއްވެރިކުރަމުންނެވެ. ބައެއް ގައުމުތަކުން ދަނީ އެ ގައުމުތަކުގައި ތިބޭ ޑެންމާކާއި ސްވިޑަންގެ ސަފީރުން ހާޒިރުކޮށް، އެ ދެ ގައުމުގެ ސަރުކާރުން ހުއްދަ ދީގެން އިސްލާމް ދީނަށް އިހްތިރާމް ކުޑަކުރުމުގެ ގޮތުން ހިންގަމުންދާ ކަންކަން ކުއްވެރިކޮށް، އެކަންކަމާއި ދެކޮޅުކަން ހާމަކުރަމުންނެވެ. އަދި ބައެއް ގައުމުތަކުގައި ދަނީ ސްވިޑަންއާއި ޑެންމާކާއި ދެކޮޅަށް ބޮޑެތި މުޒާހަރާތައްވެސް ބާއްވަމުންނެވެ.
ދިވެހި ސަރުކާރުންވެސް ވަނީ އެކަންކަން ކުއްވެރި ކުރައްވައި ވަކިވަކި ބަޔާންތައް ނެރުއްވާފައެވެ. މީގެއިތުރުން މިކަންކަން ކުއްވެރި ކުރައްވާ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ އެދުމުގެ މަތިން، އދގެ ހިއުމަން ރައިޓްސް ކައުންސިލުގައި ކުރިއަށްގެންދިޔަ ކުއްލި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެ، އިސްލާމް ދީނާއި މެދު ނަފްރަތު އުފެއްދުމަށް ހިންގާ އަމަލުތައް ރާއްޖެއިން ކުއްވެރިކުރާކަމަށާއި، އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ރާއްޖެއިން ބަލައިނުގަންނާނެކަން ވަނީ ބައިނަލްއަގުވާމީ މުޖްތަމައަށް ހާމަކޮށްދީފައެވެ. އަދި އިސްލާމް ދީނާއި މެދު ނަފްރަތު އުފެއްދުން ކުއްވެރިކޮށް އދގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 52 ވަނަ ސެޝަންއިން ފާސްކުރި ގަރާރުގެ ކޯސްޕޮންސަރއަކީވެެސް ދިވެހިރާއްޖެއެވެ.