ކާރުހާނާތައް ހިންގާ އިންޑަސްްޓްރިއަލް ޤައުމުތަކަށްވުރެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާފައިވާ ޤައުމުތަކުން ކޯވިޑަށްފަހު އިޤްތިޞާދީ ކުރިއެރުމަށް ކުރި މަސައްކަތްތައް މާ ވަރުގަދަަކަަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާ، އައިއެމްއެފްއިން ބުނެފިއެވެ.
އައިއެމްއެފްއިން މިކަން ހާމަކޮށްފައި މިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ކުރިއެެރުންތަކާއެކު ދަތުރުފަތުރުގެ ސިނާއަތްވެސް ކުރިއަރައި، އެކަމުގެ ފައިދާ ދުނިޔޭގެ އިޤްތިޞާދަށް ކުރާނެކަމަށް އަންދާޒާކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއިން ބުނީ ދަތުރުފަތުރުކުރުމުގެ ސިނާއަތަށް ލިބެމުންދާ ކުރިއެރުންތަކާއެކު ދުނިޔޭގެ އިޤްތިޞާދު މިއަހަރު ކުރިއަރާނެކަމަށް ކުރިން ލަފާކޮށްފައިވާ މިންވަރަށްވުރެ ބާރަށް ކުރިއަރާނެކަމަށް މިހާރު ލަފާކުރެވޭކަމަށެވެ.
އައިއެމްއެފްއިން މިދިޔަ އޭޕްރީލްމަހު ބުނީ ދުނިޔޭގެ އިޤްތިޞާދު މިއަހަރު ކުރިއަރާނީ 2.8 އިންސައްތަކަމަށެވެ. ނަމަވެސް ދުނިޔޭގެ އިޤްތިޞާދު މިއަހަރު 3 އިންސައްތަ ކުރިއަރާނެކަމަށް މިހާރު ލަފާކުރެވޭކަމަށް އައިއެމްއެފްއިން ބުނެއެވެ.
ދުނިޔޭގެ އިޤްތިޞާދީ ދުވެލި ކުރިން ލަފާކުރިވަރަށްވުރެ މިއަހަރު ރަނގަޅުވާނެކަމަށް އައިއެމްއެފްއިން ލަފާކޮށްފައި މިވަނީ ކޯވިޑަށްފަހު ދަތުރުފަތުރުކުުރުން އިތުރުވެ، އެ ސިނާއަތަށް ލިބެމުންދާ ކުރިއެރުންތަކުގެ ސަބަބުންނެވެ. މީގެއިތުރުން ވަޒީފާގެ ބާޒާރަށާއި ޚިދުމަތް ދިނުމުގެ ސިނާއަތަށް އަންނަމުންދާ ކުރިއެރުންތަކަކީވެސް ދުނިޔޭގެ އިޤްތިޞާދަށް ކުރިއެރުން ލިބެމުންދާ ސަބަބެއްކަމަށް އައިއެމްއެފްއިން ބުނެއެވެ.
އިންޓްރެސްޓް ރޭޓްތަކާއި ކޮންސިއުމަރ ޕްރައިސް އުފުލެމުން ދިއުމަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ އިޤްތިޞާދުތަަކަށް އޮތް ނުރައްކަލެއްގެ ގޮތުގައިވެސް އައިއެމްއެފްއިން ފާހަގަކުރެއެވެ.
އައިއެމްއެފްއިން ބުނީ ދުނިޔޭގެ ބާޒާރަށް އެކި ތަކެތި އުފައްދާ ކާރުހަނާތައް ހިންގާ އިޤްތިޞާދުތައް ކޯވިޑަށްފަހު އަދިވެސް އުޅެނީ މުޅިން ހަމައަކަށް ނޭޅިގެންކަމަށެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކޮށްފައިވާ ޤައުމުތަކުގެ އިޤްތިޞާދުތައް އަލުން އިއާދަވެ، ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާކަމަށް އައިއެމްއެފްގެ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.
އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާއިން އެންމެފަހުން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ކޯވިޑްގެ ކުރިން ވައިގެ ދަތުރުފަތުރުގެ ސިނާއަތް އޮތް ހިސާބަށް އެ ސިނާއަތް ވަނީ އަލުން އިއާދަވެފައެވެ.
އިޤްތިޞާދީ ކުރިއެރުމަށް ބަލާއިރު އައިއެމްއެފްއިން ލަފާކުރާގޮތުގައި މިއަހަރު އެންމެ ބާރަށް ކުރިއަަރައިގެންދާނީ އިންޑިއާއާއި ޗައިނާގެ އިޤްތިޞާދެވެ. އަދި ޔޫރަޕާއި އެމެރިކާގެ އިޤްތިޞާދު ކުރިއަރާނީ އެއަށްވުރެ ދަށް ދުވެއްޔެއްގައިކަމަށްވެސް އައިއެމްއެފްއިން ލަފާކުރެއެވެ.
އައިއެމްއެފްއިން މިދިޔަ އޭޕްރީލްމަހު އާއްމުކުރި ތަފާސް ހިސާބުގައި އިނގިރޭސިވިލާތުގެ އިޤްތިޞާދު 0.3 އިންސައްތަ ދަށަށް ދާނެކަމަށް ލަފާކުރިނަމަވެސް، މިދިޔަ ހަފްތާގައި އާއްމުކުރި ލަފާކުރުންތަކުގައި ވަނީ އިނގިރޭސި އިޤްތިޞާދު 0.4 އިންސައްތަ ކުރިއަރާނެކަމަށް ލަފާކޮށްފައެވެ.
ޔޫރޯޒޯންގެ އެންމެ ބޮޑު އިޤްތިޞާދުކަަމުގައިވާ ޖަރުމަންވިލާތުގެ އިޤްތިޞާދު 0.3 އިންސައްތަ ދަށަށްދާނެކަމަށް ވަނީ ލަފާކޮށްފައެވެ. ޖަރުމަނުގެ އިޤްތިޞާދަށް ހީނަރުކަމެއް ކުރިމަތިވެގެން އުޅެނީ އިންފްލޭޝަން މައްޗަށް ގޮސް، ވިޔަފާރި ދަށަށް ދިއުމުންކަމަށް އައިއެމްއެފްއިން ބުނެއެވެ.
އައިއެމްއެފްގެ ތަޖުރިބާކާރުން ބުނަމުންދަނީ ދުނިޔޭގައި އުފުލެމުންދާ އިންފްލޭޝަން ތިރިކުރުމަށް ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަންޖެހޭކަމަށެވެ.
އިޤްތިޞާދު ހަމައަކަށް އެޅުވުމަށްޓަކައި އިންޓްރެސްޓް ރޭޓްތައް މަތިކުރަމުންދިއުމުގެ ސަބަބުން އިންޓްރެސްޓް ރޭޓްތައް ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ. އަނެއްކޮޅުން މި ހަފްތާ ތެރޭގައި އެމެރިކާގެ ސެންޓްރަލް ބެންކާއި ޔޫރަޕިއަން ސެންޓްރަލް ބެންކުން އަނެއްކާވެސް އިންޓްރެސްޓް ރޭޓްތައް ބޮޑުކުރާނެކަމަށް ލަފާކުރެވޭކަމަށް ހަބަރުތައް ބުނެއެވެ.
އަައިއެމްއެފްއިން ބުނާގޮތުން ޔޫކްރެއިން ހަނގުރާމައާއި، އިންޓްރެސްޓް ރޭޓްތައް އުފުލުމާއި ޗައިނާގެ އިޤްތިޞާދަށް ވާނެގޮތެެއް ނޭނގުމެއްގެ ތެރޭގައި އޮތުމަކީ ދުނިޔޭގެ އިޤްތިޞާދަށް އެކަމުގެ ސަބަބުން އަސަރުކުރާނެ ކުރާނެ ކަންތައްތަކެކެވެ. އަދި މިއަހަރު ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރިނަމަވެސް، ލިބޭނެކަމަށް ލަފާ ކުރިއެރުމަކީ ކޯވިޑްގެ ކުރިން އިޤްތިޞާދީ ކުރިއެރުން ހުރި މިންވަރާއި އަޅާބަލާއިރު ދަށް އަދަދެއްކަން އައިއެމްއެފްއިން ފާހަގަކުރެއެވެ.