ދުނިޔޭގެ ވިޔަފާރި

ޗައިނާގެ ސެންޓްރަލް ބެންކުގެ ގަވަރުނަރުގެ މަޤާމަށް ޕަންގޮންސެން


  • 60 އަހަރުގެ ޕަންގޮންސެންއަކީ ޗައިނާގެ ފޮރިން އެކްސްޗޭންޖުގެވެސް އިސްވެރިޔާ

  • ކެމްބްރިޖާއި ހަވަޑް ޔުނިވަރސިޓީން މަތީ ތައުލީމް ހާސިލުކޮށްފައިވާ ޕަންގޮންސެން ވަނީ އިކޮނޮމިކްސްއިން ޕީއެޗްޑީ ހާސިލުކޮށްފައި

ޗައިނާގެ ސެންޓްރަލް ބެންކުގެ ގަވަރުނަރުގެ މަޤާމަށް އެ ޤައުމުގެ ފޮރިން އެކްސްޗޭންޖު ރެގިއުލޭޓަރީގެ ވެރިޔާ ޕަންގޮންސެން އައްޔަންކޮށްފިއެވެ.

ޗައިނާގެ ސެންޓްރަލްގެ ބެންކުގެ ގަވަރުނަރަކަށް ހުންނެވި ޔީ ގަންގެ ބަދަލުގައި އެ މަޤާމަށް ޕަންގޮންސެން އައްޔަންކޮށްފައިވާކަން ޗައިނާ ސަރުކާރުން އިއުލާންކުރީ އަންގާރަދުވަހުއެވެ. އޭނާ އެ މަޤާމަށް އައްޔަންކުރީ އެ ޤައުމުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ބައްދަލުވުމުގައެވެ.

2018 ވަނަ އަހަރު ޕީޕަލްސް ބެންކު އޮފް ޗައިނާ، ޕީބީއޯސީ ނުވަތަ ޗައިނާގެ ސެންޓްރަލް ބެންކުގެ ގަވަރުނަރުގެ މަޤާމަށް އައްޔަންކުރި ޔީ ގަންގެ ބަދަލުގައި، އެ މަޤާމަށް އައްޔަންކުރި 60 އަހަރުގެ ޕަންގޮންސެންއަކީ ޗައިނާގެ ފޮރިން އެކްސްޗޭންޖުގެ ކަންކަން ބެލެހެއްޓެވުމުގެ އެންމެ އިސް މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާތާ 7 އަހަރުވެފައިވާ ބޭފުޅެކެވެ.

ޗައިނާގެ ސެންޓްރަލް ބެންކުގެ ގަވަރުނަރުގެ މަޤާމަށް އައްޔަންކުރި ޕަންގޮންސެންއަކީ ކޮމާޝަލް ބެންކިންގެ ދާއިރާއާއި މާލީ ކަންކަން ރެގިއުލޭޓްކުރުމުގެ މަސައްކަތުގައި ތަޖުރިބާކާރު ބޭފުޅެކެވެ. އިކޮނޮމިކްއިން ޕީއެޗްޑީ ހާސިލުކޮށްފައިވާ ޕަންގޮންސެން ވަނީ ކެމްބްރިޖާއި ހަވަޑް ޔުނިވަރސިޓީން މަތީ ތައުލީމް ހާސިލުކޮށްފައެވެ.

މީގެކުރިން އޭނާ ވަނީ ޗައިނާގެ ސެންޓްރަލް ބެންކުގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުވެސް އަދާކޮށްފައެވެ.
ހަބަރުތައް ބުނާގޮތުން ޗައިނާގެ ސެންޓްރަލް ބެންކުގެ ގަވަރުނަރުގެ މަޤާމަށް ޕަންގޮންސެން އައްޔަންކުރީ އެ ޤައުމަށް ކުރިމަތިވަމުންދާ އިޤްތިޞާދީ އެކި މައްސަލަތައް ހައްލުކޮށް، އިންވެސްޓަރުންގެ ޝަޢުޤު އިތުރުކުރުމުގެ މަސައްކަތަށް ފުޅާކުރެއްވުމަށެވެ.