ހޮޑުލައި ބޭރަށް ހިންގާތީ ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު، މާލޭގައި ކުއްލިއަކަށް އިތުރުވި ސަބަބު ދެނެގަތުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން މިހެން ވިދާޅުވެފައި މިވަނީ ހޮޑުލައި ބޭރަށް ހިންގާތީ މާލެ ސަރަހައްދުގެ އެކި ހޮސްޕިޓަލްތަކަށް ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވުމުންނެވެ. މިގޮތުން އައިޖީއެމްއެޗް، ސެނަހިޔާ، އޭޑީކޭ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލަށްވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޑޮކްޓަރަށް ދައްކަން ގޮސްފައެވެ. އަދި އޭގެތެރޭގައި ގިނައީ ކުޑަކުދިންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭއިން ވިދާޅުވީ، ހޮސްޕިޓަލްތަކަށް ޑޮކްޓަރަށް ދައްކަން ދާ މީހުންގެ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އަދި ހޮޑުލައި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވި ސަބަބު ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު އަފްއާލް ވިދާޅުވީ، ރޭ މެންދަމުން ފަށައިގެން މެންދުރު 12:00 ޖެހުމާއި ހަމައަށް 170 އެއްހާ މީހުން، ހޯޑުލާތީއާއި ބޭރަށް ހިންގާތީ ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކި މީހުންގެ ތެރޭގައި 15 އަހަރުން ދަށުގެ 133 ކުދިން ހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައްފާލް ވިދާޅުވީ މިހާތަނަށް ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށާއި ނަމަވެސް އެއްފަަހަރާ ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދައްކަން އައުމުން ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމް، އީއާރްއަށް ބާރުބޮޑުވެފައިވާކަމަށެވެ. އެކަން ހައްލުކުރުމަށް އިތުރު އިންތިޒާމްތައްވެސް ހޮސްޕިޓަލްގައި ހަމަޖައްސާފައިވާކަމަށް އޭޑީކޭގެ މެނޭޖިިންގ ޑިރެކްޓަރ ވިދާޅުވިއެވެ.