ޚަބަރު

ރާއްޖޭގެ އެކި ހިސާބަށް މިއަދު ވިއްސާރަކުރާނެ، ދަތުރުކުރާއިރު ސަމާލުވޭ


  • ކުރިއަށް އޮތް 24 ގަޑިއިރު ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ

  • ކަނޑުތައް ގަދަވާނެތީ ދަތުރުކުރުމުގައި ސަމާލުވާންޖެހޭ

މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުންގޯސްވެފައިވާތީ، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހުދު ސަމާލުވެސް ނެރެފައެވެ. މި ސަމާލުނެރެފައިވަނީ ރާއްޖޭގެ ދެކުނުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ. މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރު 14:45 އަކާއި ހަމައަށެވެ.


މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާގެ ރިކޯޑްތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނުކަމަށް ރިކޯޑްކުރެވިފައިވަނީ ގދ. ކާޑެއްދޫއަށެވެ. އެރަށަށް 28.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ވަނީ ރިކޯޑްކުރެވިފައެވެ.