ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ ތިނަކާއި ދިމާލަށް ޗައިނާއާއި އިނގިރޭސިވިލާތް


  • މިއަހަރުގެ މިހާތަނަށް 1050661 ފަތުރުވެރިން

  • އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިން

  • މިއަހަރުގެ އަމާޒަކީ 1.9 މިލިއަން ފަތުރުވެރިން

މިދިޔަ އަހަރާއިިި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 13.4 އިންސައްތަ އިތުރުކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ އެއް މިލިއަން ފަންސާސް ހާސް، ހަ ސަތޭކަ ފަސްދޮޅަސް އެއް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި 1.05 މިލިއަނަށްވުރެ ގިނަ ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ނުވަ ލައްކަ ސައްބީސް ހާސް، ފަތުރުވެރިންނާއި އަޅާބަލާއިރު 13.4 އިންސައްތަ އިތުރު އަދަދެކެވެ.

މިމަހު ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަދަދަށް ބަލާއިރު، މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 121054 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީި މިދިޔަ ޖޫންމަހު ޒިޔާރަތްކުރި 120363 ފަތުރުވެރިންނާއި އަޅާބަލާއިރު 7.1 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން ވަނީ އެވްރެޖްކޮށް 7.7 ދުވަސް ހޭދަކޮށްފައެވެ. ނަމަވެސް މިއީ މިިދިޔަމަހުގެ އެވްރެޖްކަމަށްވާ 7.2 ދުވަހާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިޔާ، އިންޑިއާ އަދި އިނގިރޭސިވިލާތުންނެވެ. އަދި 4 ވަނައިގައި އޮތް ޗައިނާއިން ދަނީ އިނގިރޭސިިވިލާތާއި އަރާ ހަމަކުރަމުންނެވެ.

ރާއްޖެއަށް މިއަހަރު 1.8 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަކާއި އަހަރު ފެށިނަމަވެސް، މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުުރުވެރިން ޒިޔާރަތްކުރާނެކަމަށް ސަރުކާރުން މިހާރު ލަފާކުރައްވައެެވެ.