ޚަބަރު

އާމްދަނީ 18.8 ބިލިއަން، ޚަރަދު 25.6 ބިލިއަން ރުފިޔާ


މިދިޔަމަސް ނިމުނުއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި 18.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެ މުއްދަތުގައި ހަރަދުގެ ގޮތުގައި 25.6 ބިލިއަން ރުފިޔާ ހިނގާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ޖުލައިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީއާއި ހަރަދުތައް އަންގައިދޭ ވީކްލީ ރިޕޯޓްގައެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ރިޕޯޓްގައިވާގޮތުން މިދިޔަމަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އުޅެނީ 18.8 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 16.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

އާމްދަނީގެ ގޮތުގައި ލިބުނު 18.8 ބިލިއަން ރުފިޔާގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 14.2 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނޭ 4.4 ބިލިއަން ރުފިޔާ، އެހީގެ ގޮތުގައި ލިބިފައިވާ 251 މިލިއަން ރުފިޔާ ހިމެނެއެވެ.

ޖުލައިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތައް ހިނގާފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، ޖުމްލަ ޚަރަދު އުޅެނީ 25.6 ބިލިއަން ރުފިޔާގައެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 17.6 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދަށް ހިނގި 7.9 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނޭ 17.6 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 6.7 ބިލިއަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 10.7 ބިލިއަން ރުފިޔާއެވެ.

ކެޕިޓަލް ޚަރަދުގެ ތެރޭގައި ހިމެނޭ 7.9 ބިލިއަން ރުފިޔާއަކީ މައިގަނޑު ގޮތެއްގައި ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ހީނަރުކަމަށްފަހު ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުންދާއިރު، މިއަހަރުވެސް ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން އަންނާނެކަމަށް ބައނަލްއަޤްވާމީ އިދާރާތަކުން ބުނެއެވެ. އަދި ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖެ ހިމެނެނީ ސަރަހައްދީގޮތުންވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިޤްތިޞާދުގެ ގޮތުގައެވެ.