ޚަބަރު

މިއަދު 15:00ގެ ފަހުން ބްރިޖުން ދަތުރު ނުކުރޭ


  • މެންދުރުފަހު 3 ގެ ފަހުން ދިޔަވަރު ބޮޑުވާނެކަމަށް މެޓު އޮފީހުން ލަފާކުރައްވާ

  • ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ބްރިޖް ހައިވޭގައި ނުކުރައްވާ

  • ކޮންމެހެން ދަތުރުކުރައްވާނަމަ ޕަބްލިކް ޓްރާންސްޕޯޓްގެ ބޭނުންކުރައްވާ

މިއަދުވެސް އުދައަރާނެކަމަށް ލަފާކުރެވޭތީ، ބްރިޖް އަދި ހައިވޭގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

މާލެ ސަރަޙައްދަށް މިއަދު މެންދުރުފަހު އުދައަރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ ލަފާކުރައްވާފައެވެ. އެގޮތުން ދިޔަވަރު އެންމެ ބޮޑުވާނެ ގަޑިއެއްކަމަށް ލަފާކުރައްވާފައިވަނީ މެންދުރުފަހު 03:46ގައެވެ. އެހެންކަމުން މެންދުރުފަހު 03:00 ގެ ފަހުން މާލެއާއި ހުޅުމާލެއާއި ދެމެދު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެހެން ދަތުރުކުރަންޖެހިއްޖެނަމަވެސް 4 ފުރޮޅުލީ އުޅަނދެއްގައި ދަތުރުކުރުމަށް ފުލުހުންވަނީ އިރުޝާދުދެއްވާފައެވެ. އަދި ރައްކާތެރިކަމަށްޓަކައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތުގެ ގޮތުގައި ހިމެނޭ، ބަސް ނުވަ ފެރީގެ ޚިދުމަތް ބޭނުންކުރުމަށް ފުލުހުންވަނީ އެދިވަޑައިގަންނަވާފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުދައެރުމުގެ އެކި ޙާދިސާތައް އިއްޔެއިން ފެށިގެން އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން މާލެ ސަރަޙައްދުގެ ބްރިޖް ހައިވޭ ހިމެނޭ ސަރަޙައްދުގައި ބޮޑު ރާޅު އަރައި ބައެއް މީހުންނަށް އަނިޔާވެފައިވާއިރު ވެހިކަލްތަކަށްވެސްވަނީ ގެއްލުންވެފައެވެ. މީގެއިތުރުން ރާޅުގަނޑު ސަރަޙައްދުންވެސް ވަރަށް ބޮޑަށްވަނީ އުދަ އަރާފައެވެ. މެޓު އޮފީހުން ވިދާޅުވީ އިއްޔެ އެގަޑީގައި ރާޅުގެ އުސްމިން 6 ފޫޓާއި 8 ފޫޓާއި ހަމައަށް އުފުލިފައިވާކަމަށެވެ.

މެޓު އޮފީހުންވަނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރާނެކަމަށް ލަފާކުރައްވާފައެވެ. އެހެންކަމުން ރައްކާތެރިކަމަށް ދުރާލާ ފިޔަވަޅުތައް އެޅުމަށްވެސް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ.