ދުނިޔެ

ޔަމަނުގައި ހިނގި ޙަމަލާ ބަދަލްކުރުންތަކުގައި 48 މީހުން މަރުވެއްޖެ


ޔަމަނުގެ 3 ވަނައަށް އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ތާއިޒްގެ ވަށައިގެންވާ ސަރަޙައްދު ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ބަދަލުކުރި ޙަމަލާތަކުގައި 48 މީހުން މަރުވެ 120 އަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެއެވެ.

ތާއިޒްގެ ވަށައިގެންވާ ސަރަޙައްދުތައް ހިފައިގެން ތިބި ޔަމަނުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކާއި ޔަމަނުގެ ރައީސް، ޢަބްދު އައްބޫ މަންސޫރު ހާދީގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފައިވެއެވެ. ހާދީގެ ސަރުކާރުން ވަނީ ތާޢިޒްގެ ވަށައިގެންވާ ސަރަޙައްދު އެމީހުންގެ ބެލުމުގެ ދަށަށް ގެނެސް، ސަޕްލައި ރޫޓްތައް ހުޅުވާލުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި ސަޢޫދީޢަރަބިއްޔާގެ އެހީތެރިކަމާއެކު ހާދީގެ ކޯލިޝަނުން ދަނީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރު ކުޑަކޮށް، ޔަމަންގައި ހާދީގެ ވެރިކަން ރުޖޫޢަކުރަން މަސައްކަތް ކުރަމުންނެވެ. އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށަށް ޔަމަނުގެ ގިނަ ސަރަޙައްދުތަކެއް ގޮސް، ސިޔާސީ ގޮތުން ހަލަބޮލިވުމުގެ ސަބަބުން ޤައުމު ދޫކޮށް ޔަމަނުގެ ރައީސް ހާދީ ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ޔަމަނުގެ ހިނގާ ދާޚިލީ ހަނގުރާމައިގެ ޙަމަލާތަކުގައި 6،000 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް މިލިއަން މީހުން ވަނީ އަމިއްލަ ޤައުމުގެ އެހެން ސަރަޙައްދުތަކަށާއި ޤައުމުން ބޭރަށް ހިޖުރަކުރަން ޖެހިފައެވެ. އަދި 250،000 އަށް ވުރެ ގިނަ ރައްޔިތުން ތާށިވެފައި ތިބި ތާއިޒް ވަށައިގެންވާ ސަރަޙައްދުގައި ތިބި ހަނގުރާމަވެރިން ބަލިކުރެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ހާދީއަށް ތާއީދުކުރާ ސަބާ ނިއުސް އެޖެންސީއިން ރިޕޯޓްކޮށްފައިވެއެވެ.