ޚަބަރު

ޚަރްސޮނާއި ޚަރްކިވަށް ދިން ހަމަލަތަކެއްގައި ޢާންމުންގެ ނުވަ މީހުން މަރުވެއްޖެ


ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ ޚަރްސޮނާއި ޚަރްކިވަށް ދެމުންދާ ވަރުގަދަ ހަމަލަތަކެއްގައި މަރުވެފައިވާ މީހުންގެ ޢަދަދު ނުވައަކަށް އަރާފައިވާ ކަމުގައި ޔޫކްރެއިނުން ބުނެފިއެވެ. ޚަރްސޮންގެ ދެ ރަށަކަށް ރަޝިޔާގެ ވަރުގަދަ ހަމަލަތަކެއް އަމާޒު ކުރަމުންދާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. ޚަރްސޮނަށް ދީފައިވާ ހަމަލަތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދު ހަތަކަށް އަރާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ.

ޚަރްސޮނަކީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ. ނަމަވެސް، ހުސްވި އަހަރުގެ ފަހުކޮޅު ޔޫކްރެއިންގެ ފައުޖުތަކުން ވަނީ ޚަރްސޮންގެ ހުޅަނގުގައިވާ ސަރަޙައްދުތައް މިނިވަން ކޮށްފައެވެ. އަދި، އެ ސަރަޙައްދަށް އަތްގަދަ ކުރި ރަޝިޔާގެ ފައުޖުތައް ދްނީޕްރޯ ކޯރުގެ އަނެއް ފަރާތަށް ފައްސައިލާފައެވެ.

ނަމަވެސް، ރަޝިޔާގެ ފައުޖުތަކުން ދަނީ މެދުކެނޑުމެއް ނެތި ޚަރްސޮންގެ ސަރަޙައްދުތަކަށް ރޮކެޓާއި، މިސައިލާއި އާޓިލަރީ ބަޑީގެ ހަމަލަތައް އަމާޒު ކުރަމުންނެވެ. އެ ރަށުގެ ދެ އަވަށަކަށް ރަޝިޔާއިން ދެމުންދާ ހަމަލަތަކުގައި މަރުވެފައިވާ މީހުންގެ ތެރޭގައި ތުއްތު ކުއްޖަކާއި އުމުރުން 12 އަހަރުގެ ކުއްޖެއް ހިމެނޭ ކަމުގައި ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވިއެވެ.

ޔޫކްރެއިންގެ އިރުމަތީގައިވާ ޚަރްކިވާއި ދެކުނުގައިވާ ޒަޕޮރީޜިޔާއަށް ވެސް ރަޝިޔާގެ ފައުޖުތަކުން ދަނީ ވަރުގަދަ ހަމަލަތަކެއް އަމާޒު ކުރަމުންނެވެ. އޭގެ ތެރެއިން ޚަރްކިވަށް ދީފައިވާ ހަމަލަތަކުގައި އުމުރުން ދުވަސްވީ އަންހެނެއް މަރުވެފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ.

ރަޝިޔާގެ ހަމަލަތައް އަމާޒުށްފައި ވަނީ ޚަރްކިވްގެ ކުޕިއަންސްކް ޑިސްޓްރިކްޓުގެ އަވަށެއް ކަމުގައިވާ ކުޕިއަންސްކް-ވުޒްލުވުއިއަށެވެ. އެ ރަށަށް ދިން ހަމަލަތަކުގައި ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތަކަށް ގެއްލުންވެ، އެ ޢިމާރާތުގައި ދިރިއުޅޭ އުމުރުން 73 އަހަރުގެ އަންހެނެއް މަރުވެފައިވާ ކަމުގައި ޚަރްކިވްގެ ސަރަޙައްދުގެ ގަވަރުނަރު އޮލެހް ސިންޔެހުބޮވް ވިދާޅުވިއެވެ.

ޒަޕޮރީޜިޔާގެ އޮރީހިވަށް ރަޝިޔާގެ ފައުޖުތަކުން ދީފައިވާ ހަމަލަތަކުގައި ފުލުހުންގެ އޮފިސަރެއް މަރުވެފައިވާ ކަމުގައި ޔޫކްރެއިންގެ ދާޚިލީ ވަޒީރު އީހޯރް ކްލިމެންކޯ ވިދާޅުވިއެވެ. އެ ހަމަލާގައި އިތުރު 12 މީހަކު ޒަޚަމުވިއެވެ. އޭގެ ތެރޭގައި ފުލުހުންގެ ހަތަރު އޮފިސަރުން ހިމެނެއެވެ. އެ ރަށަށް ހަމަލަދޭން ރަޝިޔާއިން ބޭނުންކޮށްފައި ވަނީ ގައިޑެޑް އޭރިއަލް ބޮންތަކެއް ކަމުގައި ވެސް ކްލިމެންކޯ ވިދާޅުވިއެވެ.

މި ހަނގުރާމައަށް 536 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ މައި ތިން ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ. އެއީ އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ޑޮނެޓްސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއެވެ. ރަޝިޔާއިން ވެރިވެގަނެފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުން މިހާރު ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ.